ގިނަގުނަ ޘަނާއާއި ޙަމްދު، ގަދަ ކީރިތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވަމެވެ. ޞަލާވާތާއި ސަލާމް، އެއިލާހުގެ ލޮބުވެތި ޙަބީބު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ލެއްވުން އެދި އެއިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި މިޞަލަވާތުގައި އެރަސޫލާގެ ލޮބުވެތި މާތް ޞަޙާބީންނާއި ޤިޔާމަތާ ހަމައަށް އެރަސޫލާއަށް ތަބާވި އެންމެހާ މުސްލިމުން ޝާމިލުކުރައްވާށި!
މާތްވެގެންވާ އިސްލާމް ދީނަކީ އެންމެ މާތް ދީނެވެ. އެދީނުގެ ޝަރީޢަތަކީ އެންމެ މަތިވެރި، އަދި އެންމެ ޝާމިލު، އެންމެ ފުރިހަމަ ރައްބާނީ ޝަރީޢަތެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކޮންމެ ނިޒާމެއްގައިވެސް ވަނީ ވަރަށް ފުރިހަމަ އުޞޫލުތަކެވެ. ކޮންމެ ނިޒާމެއްވެސް ބިނާވެގެންވަނީ އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްތަކުގެ މަތީގައެވެ.
މިގޮތުން އިންސާނީ ދެޖިންސުގެ ދުންޔަވީ ޙަޔާތް ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި އިސްލާމްދީން ކަނޑައަޅުއްވާފައިވާ ނިޒާމުތަކުގެ ތެރޭގައި ޒަވާޖީ ޙަޔާތުގެ ނިޒާމު ހިމެނެއެވެ. އަންހެނަކާއި ފިރިހެނަކު ޒަވާޖީ ގޮތުން ގުޅޭގުޅުމަށް ކިޔާ ނަމަކީ ކައިވެންޏެވެ. މިގުޅުން ފަށާނެގޮތާއި ބާއްޖަވެރިކުރާނެ ގޮތް ޤުރްއާނާއި ސުންނަތުން އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ.
ކާވެންޏަކީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ފިޠުރަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. وَلَقَدْ أَرْسَلْنَا رُسُلاً مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجاً وَذُرِّيَّةً- الرعد: 38 ٣٨ މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ.”
ކައިވެނީގެ ތަޢާރަފް
ކައިވެންޏަކީ ފިރިހެނަކާއި އަންހެނަކާ ދެމީހުން ކުރެ ކޮންމެ މީހަކަށް ވެސް އެކަކު އަނެކެގެ ކިބައިން އަރާމާއި ހިތް ހަމަޖެހުން ލިބި، އެއްދާންކުރުން ހުއްދަ ކޮށްދޭ ޝަރުޢީ ޢަޤުދެވެ. ޢަރަބިބަހުގައި މިގުޅުމަށް ކިޔަނީ “النِّكَاحُ” (ނިކާޙު) އެވެ.
މާތް ﷲ ވަޙީކުރައްވަނީ ((فَانكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلاثَ وَرُبَاعَ- النساء: ٣ މާނައީ: “އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ.”
عن عبد الله بن مسعود -رضي الله عنه- قال: قال لنا رسول الله -صلى الله عليه وسلم-: يا معشرَ الشبابِ ، منِ استَطاع الباءَةَ فلْيتزوَّجْ ، فإنه أغضُّ للبصَرِ وأحصَنُ للفَرْجِ ، ومَن لم يستَطِعْ فعليه بالصَّومِ ، فإنه له وِجاءٌ – البخاري ومسلم ޢަބްދުﷲ ޢިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ. “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ.””
ކައިވެނި ކުރުމަކީ އިސްލާމްދީނުގައި ބައެއް ޙާލަތް ތަކުގައި ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ބައެއް ޙާލަތްތަކުގައި ކައިވެނި ކުރުމަކީ މުސްތަޙައްބުކަމެކެވެ. އަދި ބައެއް ފަހަރައް އެއީ މުބާޙުކަމެކެވެ. ނަމަވެސް ބައެއް ޙާލަތް ތަކުގައި ކައިވެނިކުރުމަކީ ޙަރާމް، އަދި މަކުރޫހަ ކަމަކަށް ބަދަލު ވެގެންދާވެސް ކަމެކެވެ.
ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިއްމު ބިންގަލެވެ. އެހެން ކަމުން އެބިންގާ ސީދާކޮށް އެޅުމަކީ މުހިއްމު ކަމެކެވެ. ކައިވެންޏެއްގެ ބޭނުމަކީ ޢާއިލާއެއް އުފައްދާ ހެއުލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކައިވެންޏެއްގެ މަޤުޞަދަކީ ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާ ތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ ޢާއިލާއެއް އުފެއްދުމެވެ. އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވެ ދެމިއޮތުމަށް ޝަރުޢު ކުރައްވާފައިވާ މަގަކީ ކައިވެންޏެވެ. އެމަގުން ޢާއިލާތައް އުފެދި ޤަބީލާތަކާއި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެއެވެ.
_________________________
މަރުޖިޢުތައް
1- بداية المجتهد و نهاية المقتصد- محمد بن أحمد بن محمد بن رشد الحفيد- مكتبة ابن تيمية بالقاهرة
2- أحكام الزواج- عمر سليمان عبد الله الأشقر- دار النفائس