އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު5 – ޒުހުދުވެރިކަމާ ބެހޭ ފޮތްތައް

ޒުހުދުވެރިކަމާ ބެހޭ ފޮތްތައް
1- ކިތާބުއް ޒުހުދި – އިބްނުލް މުބާރަކު (އަވަހާރަވީ 181ހ)
2- ކިތާބުއް ޒުހުދި – ވަކީޢު ބިން ޖައްރާޙު (129ހ ން 197ހ)
3- ކިތާބުއް ޒުހުދި – އަޙްމަދު ބިން ޙަންބަލް (164ހ ން 241)
4- ކިތާބުއް ޒުހުދި – ހަންނާދު ބިން އައްސައްރީ އަލްކޫފީ (152ހ ން 243ހ)
ބަޔާންވެދިޔަ މުޞައްނަފާތުތަކާއި އަދި މި މައުޟޫގައި ލިޔެފައިވާ އެހެން ފޮތްތަކަށް ބަލާއިރު ތަރުބިއްޔަތުގެ ޢިލްމަށް ސަލަފުން ދެއްވި އަހަންމިއްޔަތުކަމުގެ ބޮޑުކަން ހާމަވެއެވެ. އިސްލާމީ ޢިލްމުތަކުގެ ތެރޭގައި ތަރުބިއްޔަތުގެ ޢިލްމުގެ ވަރަށް ބޮޑު ބައެއް ހިމެނެއެވެ. ބައެއް މީހުންނަށް ހީވެފައިވާ ގޮތަށް ތަރުބިއްޔަތުގެ ޢިލްމަކީ މުސްލިމުން ގުރީކުގެ ފިލޯސަފަރުންގެ ކިބައިން އިސްލާމްދީނަށް ވަން އެއްޗެއް ނޫންކަން އަދި އެ ޢިލްމަކީ އެމީހުންގެ ކިބައިން ނެގިއެއްޗެއް ނޫންކަން މިކަންކަމުން ވަރަށް ސާފުކޮށް އަހަރެމެންނަށް އެނގިގެން އެބަދެއެވެ.
ތަރުބިއްޔަތުގެ މައިދާނުގައި ބޭނުންކުރެވޭ ބައެއް ހުޅަނގުގެ ފޮތްތައް ތަރުޖަމާކޮށްފައި ވުމަކީ އަދި އެޢިލްމަކީ އެމީހުންނަށް ނިޞްބަތްވާ އެއްޗެއްކަމަށް ޤަބޫލުކުރަންޖެހޭ އަދި ބުނަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ ފަހުގެ ޢިލްމެއްކަމަށްވެސް މިކަމުން ދަލާލަތެއް ނުކުރެއެވެ. އަދި ހަމައެހެންމެ ޞައްޙަ ތަރުބަވީ ޢިލްމާއި، ބޭރުން އެތެރެކުރެވިފައިވާ ތަރުބަވީ ބައެއް ފިކުރުތަކުގެ ތަފާތު ހުރިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިހާރަށް ބަލާފައި ކުރީގެ މި ކަންކަން ހަނދާން ނައްތާލާފައި، އަހަރެމެންގެ އުންމަތް ތަރުބިއްޔަތުގެ މައިދާނުގައި ކޮށްފައިވާ ބުރަ މަސައްކަތާއި ވެފައިވާ މަތިވެރި ޤުރުބާނީ ހަނދާންނައްތާލައިގެން ނުވާނެއެވެ.
ތަރުބިއްޔަތުގެ ޢިލްމުގެ ތެރެއަށް އެކި އެކި ޢިލްމުތަކާއި މުޖުތަމަޢުތަކާއި މަންހަޖުތަކުގެ އަސަރުކުރުމަކީ ނުވެ ނުދާނެކަމެކެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރު ކުރެވުނު ގުރީކުގެ ތަރުޖަމާތަކުގެ އަސަރު ކޮންމެވެސްވަރަކަށް އިސްލާމީ ބައެއް ޢިލްމުތަކަށް ކުރިއެވެ. ތަރުބިއްޔަތުގެ ޢިލްމަކީވެސް އޭގެތެރެއިން ހިމެނޭ ޢިލްމެކެވެ. މިގޮތުން އަސަރުކުރި ފޮތެއްގެ މިސާލަކީ އަލްފާރާބީ ލިޔުއްވި ފޮތް ތަޙްޞީލުއް ސަޢާދާ (އަވަހާރަވީ 339ހ) އާއި އިބްނު މިސްކަވައިހި ލިޔުއްވި ފޮތް ތަހްޛީބުލް އަޚްލާޤު (އަވަހާރަވީ 421ހ) އަދި މިނޫންވެސް މިބާވަތުގެ ބައެއް ފޮތްފޮތެވެ.
މިޒަމާނުގައި ތަރުބިއްޔަތުގެ ޢިލްމުގެ ފޮތްތަކަށް ބަލާލާއިރު، އެކި އެކި ދިމަދިމާއިން ތަރުބިއްޔަތުގެ ޢިލްމުގެ އަސަރު މުސްލިމު މުޖުތަމަޢުތަކަށް ކުރާތީ ފެނެއެވެ. އެއްވެސް ބަދަލަކާ ނުލައި ނުވަތަ އެއްވެސް ކޮމެންޓެއް ކުރުމަކާ ނުލައި ހުޅަނގުގެ ބައެއް ފޮތްތައް ހުރިގޮތަށް ތަރުޖަމާކުރެވިފައިވެއެވެ. މިސާލަކަށް ފިލިޕް އެޗް ފެނިކްސް (Dr. Philip H. Phenix) ގެ ފޮތް “ތަރުބިއްޔަތުގެ ފަލްސަފާ” (ފިލޯސަފީ އޮފް އެޑިޔުކޭޝަން) އާއި ޖޯސެފް ޓާސްމަންގެ “ތަރުބިއްޔަތުގައި އާ އުދަރެސްތައް” އަދި މިނޫންވެސް ފޮތްތައް ހިމެނެއެވެ.
(ނުނިމޭ)