“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް2

އިންސާނާގެ އަޚުލާޤު ގޯސްވުމުގެ ބަލިމަޑުކަމަށް ނަމާދުގެ ސަބަބުން ފަރުވާލިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ تَنْهَى
عَنِ الْفَحْشَاءِ وَالْـمُنْكَرِ[العنكبوت 45]  މާނައީ: “ހަމަކަށަވަރުން ނަމާދަކީ ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ.”

ނަމާދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވާ ފަދައިން، ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ކަންތަކެވެ. ނަމާދު ރަނގަޅުވެއްޖެނަމަ އަޅާ ކާމިޔާބުވީއެވެ. އަދި ނަމާދު ރަނގަޅުނުވެއްޖެނަމަ އަޅާ ނާކާމިޔާބުވީއެވެ.

ފަރުޟު ފަސްނަމާދަކީ ފާފަތައް ފުހެލާ ކަމެކެވެ.

ނަމާދުގެ ފަރުޟަށް އިންކާރު ކުރުމާއެކު ނަމާދުއަޅާ މީހާއީ މުރުތައްދުވެ ކާފިރުވެފައިވާ މީހެއްކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. ނަމާދުގެ ފަރުޟަށް އިންކާރު ކުރުމެއްނެތި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާގެ ޙުކުމާމެދު ޢިލްމުވެރިން އިޚްތިލާފުވެވަޑައިގެންފައިވެއެވެ.

ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާވެސް ކާފިރުވާނޭކަމަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި ޞަޙާބީންގެ ތެރެއިން ޢުމަރު ބުނުލް ޚައްޠާބު، ޢަބްދުއްރަޙްމާން ބިން ޢައުފު، މުޢާޛު ބިން ޖަބަލު، އަބޫ ހުރައިރާ، ޢަބްދުﷲ ބިން މަސްޢޫދު، ޢަބްދުﷲ ބިން ޢައްބާސް، ޖާބިރު ބިން ޢަބްދިﷲ، އަބުއްދަރުދާއު ރަޟިޔަﷲ ޢަންހުމް ހިމެނިވަޑައިގަންނަވައެވެ.

އަދި އިމާމު އަޙްމަދު ބިން ޙަންބަލް، އިސްޙާޤު ބިން ރާހަވައިހި، ޢަބްދުﷲ އިބްނުލް މުބާރަކު، އަންނަޚަޢީ ދެކެވަޑައިގަންނަވާގޮތުގައިވެސް ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާއީ ކާފިރެކެވެ.

ނަމާދު އަޅާ މީހާ ކުފުރުވުމުގެ މައްޗަށް އަންނަނިވި ދެ ދަލީލު ފުދެއެވެ.

عَنْ جَابِرٍ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ تَرُكُ الصَّلَاةِ)) [رواه مسلم]ޖާބިރު ރަޟިޔަﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “އަޅާއާ ޝިރުކާ(ކުފުރާ) ދެމެދު ވަނީ ނަމާދުއެޅުމެވެ.”

عَنْ عَبْدِ اللهِ بن شَقِيْقٍ قَالَ: “كَانَ أَصْحَابُ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ لاَ يَرَونَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلَاة” ޢަބްދުﷲ ބިން ޝަޤީޤް ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން، ނަމާދު މެނުވީ ޢަމަލުތަކުގެ ތެރެއިން އެއްވެސް ޢަމަލެއް ދޫކޮށްލުން އެއީ ކުފުރުކަމުގައި ދެކި ނުލައްވައެވެ.”

3- ޒަކާތަކީ އެމީހެއްގެ މިލްކުވެރި މުދަލުގައި ނިޞާބު ހަމަވެފައި، އަހަރު ހަމަވުމުން އެމުދަލުން އަދާކުރަންޖެހޭ ވާޖިބެކެވެ. ޒަކާތުގެ މާނައަކީ ގިނަވުމާއި، އިތުރުވުމާއި ޠާޙިރުވުމެވެ. ޒަކާތް ދިނުމުގެ ސަބަބުން މުދާ އިތުރުވެ، ދަހިވެތިކަމުން ނަފުސު ޠާޙިރުވެއެވެ.

ޒަކާތް ވާޖިބުވުމުގެ ދަލީލުތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައެވެ. އެގޮތުން: خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيْهِمْ بِهَا [التوبة 103] މާނައީ: “އޭގެ ސަބަބުން އެބައިމީހުން (ފާފަތަކުން) ޠާހިރުކޮށްފަނިވި އަދި (ހެޔޮކަން) އިތުރުކޮށްފަނިވި ޞަދަޤާތެއް(ޒަކާތެއް) އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ” އަދިވެސް ވަޙީކުރައްވާފައިވެއެވެ. وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ –  [البقرة 43]  މާނައަކީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ރުކޫޢުކުރާ މީހުންނާއެކު ތިޔަބައިމީހުން ރުކޫޢުކުރާށެވެ” އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا – [المزمل 20]މާނައަކީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ތިޔަބައިމީހުން ﷲއަށް ހެޔޮވެގެންވާ ދަރަނި ދޭށެވެ.(އެބަހީ ގިނަގިނައިން ޞަދަޤާތްކުރާށެވެ).”

ޒަކާތް ދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. އެގޮތުން ޒަކާތް ދިނުމުގެ ސަބަބުން:

* ﷲ ގެ ރަޙުމަތް އެއިލާހުގެ އަޅުތަކުންނަށް ލިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. އާޔަތް މާނައީ: وَالـْمُؤْمِنُونَ وَالـْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْـمَعْرُوفِ وَيَنْهَوْنَ عَنِ الْـمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللهَ إِنَّ اللَّهَ عَزِيزٌ حَكِيمٌ[التوبة 103] “މުއުމިނު ފިރިހެނުންނާއި، މުއުމިނުއަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކުރެއެވެ. އަދި އެބައިމީހުން ނުބައިކަންތައްތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އާ އެއިލާހުގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙްމަތްލައްވާނެއެވެ. ހަމަކަށަވަރުން ﷲ ޢީ ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ.”

* މުދަލުގައި ބަރަކާތް ލެއްވި، މުދާ އިތުރުވެ، ދަހިވެތިކަންފަދަ ގޯސް ސިފަތަކުން ނަފުސު ޠާހިރުކޮށްދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيْهِمْ بِهَا [التوبة 103] މާނައީ: “އޭގެ ސަބަބުން އެބައިމީހުން (ފާފަތަކުން) ޠާހިރުކޮށްފަނިވި އަދި (ހެޔޮކަން) އިތުރުކޮށްފަނިވި ޞަދަޤާތެއް(ޒަކާތެއް) އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ”

* ސުވަރުގެ ވަނުމަށް މަގުފަހިވެއެވެ. عَنْ أَبِي أَيُّوبَ أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ تَعْبُدُ اللهَ وَلَا تُشْرِكْ بِهِ وَتُقِيمُ الصَّلَاةَ وَتُؤْتِيَ الزَّكَاةَ وَتَصِلُ الرَّحِمَ [البخاري جزء 2 ص 109- شرح مسلم جزء1 ص 146] މާނައީ: އަބޫ އައްޔޫބުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބުންޏެވެ. “އެ ޢަމަލެއްގެ ސަބަބުން އަހުރެން ސުވަރުގެ ވަންނާނޭ ޢަމަލެއް އަހުރެންނަށް ބުނެދެއްވާށެވެ!” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “ﷲ އަށް އަޅުކަންކުރާށެވެ. އަދި ﷲ އާ ޝަރީކުނުކުރާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ.” (ނުނިމޭ)

*********************************
1- قواعد وفوائد من الأربعين النووية -ناظم سلطان
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض
3- رؤى تربوية وفوائد تعليمية حاشية علي متن الأربعين النووية – أبو حمزة محمود داود دسوقي خطابي