1- ނަޙްރުގެ ދުވަހުގައި ހިލައުކުމުގެ ކުރިން މިނާއިން މައްކާއަށް އައިސް ވަދާޢުގެ ޠަވާފުކުރުން އަދި އޭގެ ފަހުގައި މިނާއަށް އެނބުރި ގޮސް ޖަމުރާތަކަށް ހިލައުކުމަށްފަހު އެމީހުންގެ ޤައުމަށް ފުރައިގެން ދިޔުން: މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ އެއީ ޙައްޖުވެރިން އެބައިމީހުން ކުރާ އެންމެ ފަހު ޢަހުދަކީ ގެފުޅުކަމުގައި ހެދުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ އަމުރާ ޚިލާފުކަމެކެވެ. ވަދާޢުގެ ޠަވާފުގެ ފަހުން ޖަމުރާތަކަށް ހިލައުކައިފި މީހާ އޭނާގެ އެންމެ ފަހު ޢަހުދުކަމުގައި އެހެދީ ޖަމުރާތަކެވެ. ގެފުޅެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަދާޢުގެ ޠަވާފުކުރެއްވީ އެންމެ ފަހުންނެވެ. އެއީ ޙައްޖުގެ ހުރިހާ މަނާސިކުތައް ނިންމެވުމަށް ފަހުއެވެ. އެކަލޭގެފާނު ޙަދީޘުކުރައްވާފައިވެއެވެ. (( خُذُوا عَنِّي مَنَاسِكَكُمْ )) ]رواه مسلم ، كتاب الحج رقم (1297) وأبو داوود ، كتاب المناسك رقم (1970) بلفظ آخر. . [ މާނައީ: “ޙައްޖުގެ މަނާސިކުތައް ތިމަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުން ނަގާށެވެ.”
ޙައްޖުގެ އަޅުކަމުގައި އެންމެ ފަހު ކަމެއްގެ ގޮތުގައި ވަދާޢުގެ ޠަވާފު، ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަޘަރުގައި ވަރަށް ޞަރީޙަކޮށް، އައިސްފައިވެއެވެ. ވަދާޢުގެ ޠަވާފުކޮށް އޭގެ ފަހުގައި ޖަމުރާއަށް ހިލައުކައިފިމީހާ، އޭނާގެ ވަދާޢުގެ ޠަވާފަކީ އޭގެ މަޙައްލުގައި ކުރެވުނު ކަމަކަށް ނުވާތީ، ރަނގަޅު ޠަވާފެއް ނޫނެވެ. ހިލައުކުމަށްފަހުގައި އޭނާ އަލުން ޠަވާފުލް ވަދާޢު ކުރަންޖެހޭނެއެވެ. އަލުން ޠަވާފު ނުކުރިނަމަ އޭނާގެ ޙުކުމަކީ ޠަވާފުލް ވަދާޢު ދޫކޮށްލި މީހެއްގެ ޙުކުމެވެ.
2- ވަދާޢުގެ ޠަވާފުކޮށް ނިންމުމަށްފަހު މައްކާގައި މަޑުކޮށްގެން ހުރުން: މިފަދައިން ކަންތައް ކޮށްފިނަމަ، އެގޮތަށް ކަންތައްކުރާ މީހާގެ އެންމެ ފަހުގެ ޢަހުދަކީ ގެފުޅުކަމުގައި ނުވެއެވެ. މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވި ގޮތާ ޚިލާފު ގޮތެކެވެ. އަދި އެކަލޭގެފާނުގެ އުއްމަތަށް އެކަލޭގެފާނު ބަޔާންކޮށްދެއްވި ޢަމަލުފުޅާ ފުށުއަރާ ކަމެކެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވީ އެންމެ ފަހު ޢަހުދަކީ ގެފުޅުކަމުގައި ހެދުމަށެވެ. އެކަލޭގެފާނު މައްކާއިން ނުކުމެވަޑައިގަންނަވަމުން މެނުވީ ވަދާޢުގެ ޠަވާފު ނުކުރައްވައެވެ. އެކަލޭގެފާނުގެ އަޞްޙާބުންވެސް ޢަމަލުކުރެއްވީ މިފަދައިންނެވެ. އެކަމަކު، ވަދާޢުގެ ޠަވާފަށް ފަހުގައި ޙާޖަތެއް ޖެހިގެން، މިސާލަކަށް ވަދާޢުގެ ޠަވާފަށްފަހުގައި ނަމާދު ވަގުތު ވަނުމުން ނަމާދުކުރުން، ނުވަތަ ޖަނާޒާއެއް އޮތުމުން ކަށުނަމާދުކުރުން، ނުވަތަ ދަތުރަށް ކޮންމެހެން ބޭނުންވާ އެއްޗެއް ގަތުން، ނުވަތަ އެކުގައި ދަތުރުކުރާނޭ މީހެއްގެ އިންތިޒާރުގައި މަޑުކުރުން، މިކަންކަމަކީ ޢިލްމުވެރިން (ވަދާޢީ ޠަވާފަށް ފަހުގައި ކުރެވޭނެ ކަމަށް) ލުއިފަސޭހަކަން ދެއްވާފައިވާ ކަންކަމެވެ. ވަދާޢުގެ ޠަވާފު ކުރުމަށްފަހު، ލުއިފަސޭހަކަން ދެއްވާފައިވާ ކަންކަން ނޫން ކަމެއްގައި މަޑުކޮށްފިނަމަ އަލުން އަނބުރާ ވަދާޢުގެ ޠަވާފުކުރުން ވާޖިބުވާނެއެވެ.
3- ވަދާޢުގެ ޠަވާފު ނިމުމަށްފަހުގައި ދަމުން، މިސްކިތުގެ ދޮރު ކައިރީގައި ހުއްޓިހުރެ ކަޢުބާއަށް ބެލުން އަދި ކަޢުބާއަށް ވަދާޢުކުރާ މީހުން ފަދައިން އެތާނގައި ދުޢާކުރުން: މިއީ ބިދުޢައިގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިކަން މިގޮތަށް ކުރެއްވި ކަމަށް ވާރިދުވެފައިނުވެއެވެ. އަދި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންވެސް މިކަން މިގޮތަށް ކުރެއްވިކަމަށް ވާރިދުވެފައިނުވެއެވެ. ޝަރުޢުގައި ވާރިދުވެފައިނުވާ އެއްވެސްކަމެއް ﷲ އަށް އަޅުކަންކުރުމުގެ ގޮތުން ކުރިޔަސް އެކަން ވާނީ ބާޠިލު، އަދި އެކަން ކުރާމީހާގެ މައްޗަށް ރައްދުކުރެވިގެންވާ ކަމެއްކަމުގައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘުކުރައްވާފައިވާތީއެވެ. :((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ )) [رواه البخاري ، كتاب الصلح رقم (2697)ومسلم ، كتاب الأقضية رقم (1718)] މާނައީ: “އަހުރެމެންގެ ދީނުގައި، މިދީނުގައި ނުވާކަމެއް، އުފައްދައިފިމީހާ، ފަހެ އެކަން (އޭނާގެމައްޗަށް) ރައްދުކުރެވޭނެއެވެ.” އޭގެ މާނައަކީ އެކަންކުރާ މީހާގެ މައްޗަށް ރައްދުވެގެންވާ ކަމެކެވެ.
ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އީމާންވާ އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ ކުރާ އަޅުކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ. ﷲ ތަޢާލާގެ ލޯތްބާއި ފުއްސެވުން ލިބިގަތުމަށްޓަކައެވެ. {قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ} (آل عمران:31)މާނައީ : “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނީ ﷲދެކެ ލޯބިވާ ބަޔަކު ކަމުގައި ވަނީނަމަ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. އެއިރުން ﷲ ތަޢާލާ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ފުއްސަވައި ދެއްވަވާނެއެވެ. އަދި ﷲއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ކަންތައްތައް ކުރުމުގައި އެކަލޭގެފާނަށް ތަބާވާ ބީދައިން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޫކުރެއްވި ކަންތައްތައް ދޫކުރުމުގައިވެސް އެކަލޭގެފާނަށް ތަބާވާން ޖެހޭނެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ކަމެއް ކުރާނޭ ފުރުޞަތު އޮވެފައި އެކަން ނުކުރެއްވުމުން ދަލީލުކޮށްދެނީ، ޝަރީޢަތުގައި އޮތްގޮތަކީ އަދި ސުންނަތްގޮތަކީ އެކަން ނުކޮށްދޫކޮށްލުމެވެ. އިންސާނާ ކިތަންމެ ލޯބިކުރި ކަމުގައިވިޔަސް ނުވަތަ އޭނާގެ ނަފުސު ކިތަންމެ ވަރަކަށް އެދުނު ކަމުގައިވިޔަސް ﷲ ގެ ދީނުގައި ނެތް ކަމެއް އަލަށް އުފައްދައިގަތުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. {وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ} [المؤمنون: 71] މާނައީ “ޙައްޤު (ޤުރުއާން)އެއުރެންގެ އެދުންތަކަށް ތަބާވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއްތަ ތިމަންއިލާހު އެއުރެންނަށް ހަނދާންކޮށްދިނުމެއް(ޤުރުއާން) ގެނެސްދިނީމެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعاً لِـَما جِئْتُ بِهِ )) [ضعفه الألباني في تخريج مشكاة المصابيح ص166 و قال ابن حجر في تخريج مشكاة المصابيح ص1/131 حسن وقال ابن باز في شرح كتاب التوحيد :ضعف بعض العلماء هذا الحديث ولكن معناه صحيح]މާނައީ: “އެމީހެއްގެ ހަވާނަފުސު،ތިމަންކަލޭގެފާނު އެތަކެއްޗައިގެން ވަޑައިގެންނެވިތަކެއްޗަށް ތަބާވެއްޖައުމަށްދާންދެން ތިޔަބައިމީހުންކުރެ އެކަކުގެ އީމާންކަންވެސް ފުރިހަމަވީކަމުގައި ނުވެއެވެ.”
نسأل الله أن يهدينا إلى صراطه المستقيم ، وألا يزيغ قلوبنا بعد إذ هدانا ، وأن يهب لنا منه رحمة إنه هو الوهاب . والحمد لله رب العالمين ،وصلى الله وسلم على نبينا محمد وآله وصحبه أجمعين
އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله
ތަރުޖަމާކުރީ: محمد شافع بن عبد الغفور
ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر
16 ޛުލްޤަޢިދާ 1435
11 ސެޕްޓެމްބަރ 2014