ޖަމުރާއަށް ހިލައުކުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަމުރަތުލް ޢަޤަބާއަށް (އެއީ އެންމެ ދުރު ޖަމުރާއެވެ. ނުވަތަ މައްކާއާ އެންމެ ކައިރި ޖަމުރާއެވެ.) ހަތް ހިލަކޮޅު، ނަޙްރުގެ ދުވަހުގެ ހެނދުނުގައި އުއްކެވި ކަމަށް ޘާބިތުވެފައިވެއެވެ. އެއިން ކޮންމެ ހިލަކޮޅަކީ އަތުގެ އިނގިލިތަކުން ހިފޭވަރުގެ ކުޑަ ހިލަކޮޅެކެވެ. ނުވަތަ ސަނާމުގުފުކަކަށްވުރެ ކުޑަތަންކޮޅެއް ބޮޑު ހިލަކޮޅެކެވެ. ސުނަނު އައްނަސާއީގައި އަލްފަޟްލު ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަލްފަޟްލު ބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު އެކަލޭގެފާނުގެ ސަވާރީގެ ފަހަތަށް އަރާވަޑައިގެން މުޒުދަލިފާއިން މިނާއަށް ދަތުރުކުރެއްވިއެވެ. އޭގެފަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަވާރީން ފައިބާވަޑައިގަތެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޙައްސިރަށްޙަދީޘުކުރެއްވިއެވެ. ((عَلَيْكُمْ بِحَصَى الْخَذْفِ الَّذِي تُرْمَى بِهِ الْجَمْرَةُ ))މާނައީ: “ތިޔަބައިމީހުންނަށް ވަނީ އިނގިލިން ހިފޭވަރުގެ ހިލަ ޖަމުރާތަކަށް އުކުމެވެ.” އަލްފަޟްލު ބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެހެން ޙަދީޘުކުރެއްވި އިރު އަތްޕުޅުން ހިލައިގައި ހިއްޕަވާގޮތް ދައްކަވަމުން ގެންދެވިއެވެ.

މުސްނަދު އަޙްމަދުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ޔަޙްޔާ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހެނދުނު ޖަމުރަތުލް ޢަޤަބާގެ ކައިރީގައި، އެކަލޭގެފާނުގެ ސަވާރީ މަތީގައި އިންނަވާ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުއަށް ޙަދީޘުކުރެއްވިއެވެ. ‏((هَاتِ الْقُطْ لِي)) ‏.‏ فَلَقَطْتُ لَهُ حَصَيَاتٍ هُنَّ حَصَى الْخَذْفِ فَلَمَّا وَضَعْتُهُنَّ فِي يَدِهِ فَقَالَ ((بِأَمْثَالِ هَؤُلاَءِ)) مرتين ‏((‏ إِيَّاكُمْ وَالْغُلُوَّ فِي الدِّينِ فَإِنَّمَا أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ ))‏‏.‏ [رواه ابن ماجة وصححه الألباني في صحيح ابن ماجه (2455) ] މާނައީ: “ތިމަންނާއަށް ހިލަކޮޅުތަކެއް ހޮވާދޭށެވެ.” ދެން އަތުގެ އިނގިލިން ހިފޭވަރުގެ ކުދި ހިލަކޮޅުތަކެއް ހޮވައި އެހިލަތައް، އަހުރެން އެކަލޭގެފާނުގެ އަތްޕުޅަށް އެރުވުމުން ޙަދީޘުކުރެއްވިއެވެ. “(އުކަންވީ) މިކަހަލަ (ކުދި) ހިލަތަކެކެވެ.” ދެފަހަރު އެހެން ޙަދީޘުކުރެއްވިއެވެ. ދެން ޙަދީޘުކުރެއްވިއެވެ. “ތިޔަބައިމީހުން ހައްދުފަހަނަޅައި ދިއުމުން ރައްކައުތެރިވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވުމުގެ ސަބަބަކަށް ވީވެސް ހަމަ ދީނުގެ ކަންކަމުގައި ހައްދުފަހަނަޅައި ދިއުމެވެ.”

އުންމު ސުލައިމާން ޢަމްރޫ ބުނުލް އަހްވަޞް ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވާދީގައި ހުންނަވައިގެން މިފަދައިން ވިދާޅުވަމުން ޖަމުރަތުލް ޢަޤަބާއަށް ހިލައުއްކަވަނިކޮށް އަހަރެން ދުށީމެވެ.(( يَا أَيُّهَا النَّاسُ ، لَا يَقْتُلْ بَعُضُكُم بَعْضًا ، وَإِذَا رَمَيْتُمْ الـجَمْرَةَ فَارْمُوهَا بِمِثْلِ حَصَا الـخذف)) [رواه أحمد]  މާނައީ: “އޭ އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ނުހަދާށެވެ. ތިޔަބައިމީހުން ޖަމުރާއަށް ހިލައުކާނަމަ، އިނގިލިން ހިފޭވަރުގެ ކުދިހިލަ އުކާށެވެ.”

ޞަޙީޙުލް ބުޚާރީގައި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢުމަރު، ހަތް ހިލަކޮޅު ފުރަތަމަ ޖަމުރާއަށް އުއްކެވިއެވެ. އެއިން ކޮންމެ ހިލަކޮޅަކާއެކު ތަކުބީރު ވިދާޅުވިއެވެ. ދެން ކުރިއަށް ޖެހިވަޑައިގަތުމަށްފަހު ޤިބުލައަށް ކުރިމަތިލައްވައި ދެއަތް މައްޗަށް ނަންގަވައި ދުޢާކުރެއްވިއެވެ. އޭގެ ފަހުގައި މެދު ޖަމުރާއަށް ހަމައެފަދައިން ހިލައުއްކަވާ، ކުޑަކޮށް ވައަތްފަރާތަށް ޖެހިވަޑައިގެން، ޤިބުލައަށް ކުރިމަތިލައްވައި ދެއަތް މައްޗަށް ނަންގަވައި ދުޢާކުރައްވާ، އޭގެ ފަހުގައި ޖަމުރަތުލް ޢަޤަބާއަށް ހިލައުއްކެވިއެވެ. ޖަމުރަތުލް ޢަޤަބާގެ ކައިރީގައި ދުޢާކުރައްވަން މަޑުނުކުރައްވައެވެ. ދެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެތަން ދޫކުރައްވާ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައްކުރެއްވީ މިގޮތަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. (( إِنَّمَا جُعِلَ الطَّوَافُ بِالْبَيْتِ وَبِالصَّفَا وَالْـمَرْوَةِ وَرَمْيُ الـجِمَارِ لِإِقَامَةِ ذِكْرِ اللهِ )) [رواه الترمذي ، كتاب الحج رقم (902).وصححه السيوطي في الجامع الصغير 2589 وقال ابن باز رحمه الله في مجموع فتاوى 186/16 ثابت] . މާނައީ: “ކަޢުބާގެ ވަށައިގެން ޠަވާފުކުރުމާއި، ޞަފާއާއި މަރުވާއާ ދެމެދު ސަޢުޔުކުރުމާއި، ޖަމުރާތަކަށް ހިލައުކުން ﷲ ހަނދުމަކުރުން ޤާއިމުކުރުމަށްޓަކައި މެނުވީ ލެއްވިގެން ނުވެއެވެ.”

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ:  محمد شافع بن عبد الغفور

ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر

16 ޛުލްޤަޢިދާ 1435

11 ސެޕްޓެމްބަރ 2014