ކުޑަކުދީންގެ ކަރުގައި ނުވަތަ ބޮޑެތި މީހުންގެ ކަރުގައި ﷲ ގެ ނަންފުޅު ނުވަތަ އާޔަތުލް ކުރުސީ ލިޔެފައިވާ ފަށުފުލެއް އެޅުމަކީ ކޮންކަހަލަ ކަމެއްތޯ އަދި އެފަދަ ފަށުފުލެއް އަޅާފައިވާ ކުއްޖާ ފާޚާނާއަށް ވެއްދުމުގެ ޙުކުމަކީ ކޮބައިތޯ ބައެއް މީހުން ސުވާލު ކުރެއެވެ.
މުސްތަޙައްބު ވެގެންވަނީ ފާޚާނާއަށް ވަންނަ ހިނދު، ﷲ ގެ ނަންފުޅު އޭގައިވާ އެއްޗަކާ އެކު ނުވަނުމެވެ. އެއީ ޤަޟާ ޙާޖަތްކުރާ ތަނެވެ. ޙާލަތުގެ ގޮތުން އެފަދަ އެއްޗަކާއެކު ވަންނަން ޖެހިއްޖެނަމަ، ނުފެންނަ ގޮތަށް އެފަދަ އެއްޗެއް ޖީބަށްލައި ނުވަތަ ވޮލެޓަށް ލައި ނުވަތަ އެހެންވެސް އެއްޗަކަށްލައި ފޮރުވަން ވާނެއެވެ. އެހެނީ ފާޚާނާފަދަ ތަންތަނަކީ އެފަދަ މާތް ނަންފުޅުތައް އެތަންތާގައި ގެންގުޅުމަށް ލާއިޤުވެގެންވާ ތަންތަނެއް ނޫނެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާޚާނާއަށް ވަދެވަޑައިގަންނަވާ ހިނދު، އެކަލޭގެފާނުގެ އިނގިލިފުޅުގައި ތުރުކުރައްވާ، މުޙައްމަދު ރަސޫލުﷲ ލިޔެފައިވާ އަނގޮޓިކޮޅެއް ބާލުއްވާ ކަމުގައި ޙަދީޘެއްގައި އައިސްފައިވެއެވެ. މި ޙަދީޘަކީ މި ޙަދީޘުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ޙަދީޘެކެވެ. ރާޖިޙުވެގެންވަނީ މިއީ ޞައްޙަ ޙަދީޘެއް ނޫންކަމަށް ވިދާޅުވާ ޙަދީޘް ޢިލްމުވެރިންގެ ބަސްފުޅެވެ.
މިކަމުގައި، އަދަބު އިޙްތިރާމް އަދާކުރުމުގެ ގޮތުންވެސް އެންމެ ރަނގަޅުގޮތަކީ، އެފަދަ އެއްޗެއް ލިޔެފައިވާ އަނގޮޓިއެއް، ނުވަތަ ފަށުފުލެއް ހިފައިގެން ފާޚާނާއަށް ނުވަނުމެވެ. އެއީ ﷲ ގެ އިސްމުފުޅަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. މިކަމުގައި އެންމެ ބޮޑަށްވެސް އެފަދަ އެއްޗަކާ އެއްކޮށް ފާޚާނާއަށް ވަނުމުގެ ޙުކުމެއް ކަމުގައި ބުނެވޭނީ އެއީ މަކްރޫހަ ކަމެއް ކަމަށެވެ.
އެފަދަ އެއްޗެއް އަޅާފައި އޮއްވާ، އެފަދަ އެއްޗެއް ހިފައިގެން ފާޚާނާއަށް ވަންނަން ޖެހިއްޖެނަމަ، އެފަދަ އެއްޗެއް ޖީބަށް ލައި ފޮރުވައިގެން ވަނުމުން އޭގައި މައްސަލައެއް ނެތެވެ.
އައްޝައިޚު އިބްނު ޢުޘައިމީންއާ ސުވާލު ކުރެވުނެވެ. “ﷲ ގެ ނަންފުޅު ލިޔެފައިވާ ކަރުދާސްތަކެއް ހިފައިގެން ފާޚާނާއަށް ވަނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ. “ﷲ ގެ ނަންފުޅު ލިޔެފައިވާ ކަރުދާސްތަކެއް ހިފައިގެން ފާޚާނާއަށް ވަނުމަކީ، އެ ކަރުދާސްތައް ހާމައަށް ފެންނަގޮތަށް ނެތި، އޭނާގެ ޖީބުގައި އެ ހުރިނަމަ، ހުއްދަ ކަމެކެވެ. އަދި އެ ޙާލަތުގައި އެވަނީ ފޮރުވާފައެވެ.” “فتاوى من الطهارة” (ص/109) .
ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ﷲ ގެ އިސްމުފުޅު ލިޔެފައިވާ ގަހަނާ އެޅުމާމެދު، ޢިލްމުވެރިން ވިދާޅުވަނީ އެއީ އޭގެ ޛާތުގައި ފައިދާއެއް ނުވަތަ ބަރަކާތެއް އެކަމުގެ ސަބަބުން ޙާޞިލްވާކަމެއް ނޫން ކަމުގައެވެ. އަދި އެއީ އެކަމުގެ ސަބަބުން ބައްޔާއި ގެއްލުމާއި، މުޞީބާތުން، ނުވަތަ ސިޙްރާއި ޙަސަދަ އަދި އެސްފީނާއިން ސަލާމަތްވާނޭ ކަމެއް ނޫނެވެ. ﷲ ގެ އިސްމުފުޅުތަކުން ބަރަކާތް ޙާޞިލްކުރާނީ އެ އިސްމުފުޅުތަކުން ދުޢާ ދަންނަވައިގެންނެވެ. ކީރިތި ޤުރްއާނުން ބަރަކާތް ޙާޞިލްކުރާނީ ކީރިތި ޤުރްއާން ކިޔަވައި، އެއަށް ޢަމަލުކޮށްގެންނެވެ.
މަރްޖިޢުތައް