ނަމާދުގައި އިމާމު މީހާއަށްވުރެ ކުރިން މައުމޫމުން ޙަރަކާތްކުރުމަކީ ޙަރާމް ކަމެކެވެ. ނަމާދުގައި އިމާމު މީހާއަށް ވުރެ ކުރިން މައުމޫމު ޙަރަކާތްކޮށްފި (އެކަމުގެ ޙުކުމް އެނގި ހުރުމާއެކު ޤަސްތުގައި) ނަމަ ނަމާދު ބާޠިލުވާނެއެވެ.
އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ ، فَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا ، فَإِذَا رَكَعَ فَارْكَعُوا ، وَإِذَا رَفَعَ فَارْفَعُوا ، وَإِذَا قَالَ سَمِعَ اللهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا وَلَكَ الْحَمْدُ ، وَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا ، وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا أَجْمَعُونَ ) رواه البخاري (689) ومسلم (411) މާނައީ: ” އޭނާއަށް އިޤުތިދާވެވުމަށްޓަކައި މެނުވީ އިމާމާ ލެއްވިގެންނުވެއެވެ. ފަހެ އޭނާ ކޮޅަށްހުރެ ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން ކޮޅަށްހުރެ ނަމާދުކުރާށެވެ. ފަހެ އޭނާ ރުކޫޢުކުރާ ހިނދު ފަހެ ތިޔަބައިމީހުން ރުކޫޢުކުރާށެވެ. ފަހެ އޭނާ ރުކޫޢިން ތެދުވެއްޖެނަމަ ތިޔަބައިމީހުންވެސް ރުކޫޢިން ތެދުވާށެވެ. އަދި އޭނާ سَمِعَ اللهُ لِمَنْ حَمِدَه ކިޔާ ހިނދު ފަހެ ތިޔަބައިމީހުން رَبَّناَ وَلَكَ الْحَمْدُ ކިޔާށެވެ. ފަހެ އޭނާ ކޮޅަށްހުރެ ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން ކޮޅަށްހުރެ ނަމާދުކުރާށެވެ. އަދި އޭނާ އިށީނދެ އިނދެގެން ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން އެންމެންވެސް އިށީނދެ ތިބެގެން ނަމާދުކުރާށެވެ.”
އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައި އިމާމު މީހާ ތަކުބީރު ކިޔުމަށް ދަންދަން މައުމޫމުން ތަކުބީރު ކިޔުން ނަހީކުރައްވާފައިވެއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إِنَّمَا الإِمَامُ لِيُؤْتَمَّ بِهِ ، فَإِذَا كَبَّرَ فَكَبِّرُوا ، وَلَا تُكَبِّرُوا حَتَّى يُكَبِّرَ، وَإِذَا رَكَعَ فَارْكَعُوا وَلَا تَرْكَعُوا حَتَّى يَرْكَعَ، وَإِذَا قَالَ سَمِعَ اللهُ لِمَنْ حَمِدَهُ فَقُولُوا: رَبَّنَا وَلَكَ الْحَمْدُ، وَإِذَا سَجَدَ فَاسْجُدُوا وَلَا تَسْجُدُوا حَتَّى يَسْجُدَ، وَإِذَا صَلَّى قَائِماً فَصَلُّوا قِيَامًا ، وَإِذَا صَلَّى قَاعِدًا فَصَلُّوا قُعُودًا أَجْمَعِيْنَ ) رواه أبو داود (603) ، وصححه الألباني في ” إرواء الغليل ” (2 / 121). وأصله في الصحيحين މާނައީ: ” އޭނާއަށް އިޤުތިދާވެވުމަށްޓަކައި މެނުވީ އިމާމާ ލެއްވިގެންނުވެއެވެ. ފަހެ އޭނާ اللهُ أَكْبَرُ ކިޔައިފިނަމަ ފަހެ ތިޔަބައިމީހުން اللهُ أَكْبَرُ ކިޔާށެވެ. އަދި އޭނާ اللهُ أَكْبَرُ ކިޔައިފުމަށް ދާންދެން ތިޔަބައިމީހުން اللهُ أَكْبَرُ ނުކިޔާހުށިކަމެވެ. އަދި އޭނާ ރުކޫޢުކޮށްފި ނަމަ ފަހެ ތިޔަބައިމީހުން ރުކޫޢުކުރާށެވެ. އަދި އޭނާ ރުކޫޢަށް ގޮސްފުމަށް ދާންދެން ތިޔަބައިމީހުން ރުކޫޢަށް ނުދާހުށިކަމެވެ. އަދި އޭނާ سَمِعَ اللهُ لِمَنْ حَمِدَه ކިޔައިފިނަމަ ފަހެ ތިޔަބައިމީހުން رَبَّناَ وَلَكَ الْحَمْدُ ކިޔާށެވެ. އަދި އޭނާ ސަޖިދަކޮށްފި ނަމަ ފަހެ ތިޔަބައިމީހުން ސަޖިދަކުރާށެވެ. އަދި އޭނާ ސަޖިދައަށް ގޮސްފުމަށް ދާންދެން ތިޔަބައިމީހުން ސަޖިދައަށް ނުދާހުށިކަމެވެ. އަދި އޭނާ ކޮޅަށްހުރެ ނަމާދު ކޮށްފިނަމަ ފަހެ ތިޔަބައިމީހުން ކޮޅަށްހުރެ ނަމާދުކުރާށެވެ. އަދި އޭނާ އިށީނދެ އިނދެގެން ނަމާދުކޮށްފި ނަމަ ފަހެ ތިޔަބައިމީހުން އެންމެންވެސް އިށީނދެ ތިބެގެން ނަމާދުކުރާށެވެ.”
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އެހެން ރިވާޔަތެއްގައި އިމާމާއާ ޚިލާފުނުވުމަށް އަމުރު އައިސްފައިވެއެވެ.
( إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ ، فَلاَ تَخْتَلِفُوا عَلَيْهِ ) . البخاري (722) ، ومسلم (414) މާނައީ: ” އޭނާއަށް އިޤުތިދާވެވުމަށްޓަކައި މެނުވީ އިމާމާ ލެއްވިގެންނުވެއެވެ. ފަހެ ތިޔަބައިމީހުން އޭނާ އާ ޚިލާފުނުވާށެވެ.”
އަދި އިމާމާއާ ޚިލާފުވުމަކީ އާދައިގެ ހީކުރާވަރުގެ ކުޑަކުޑަކަމެއް ނޫންކަން މިކަމާ ބެހޭގޮތުން ވާރިދުވެފައިވާ މި ޙަދީޘާމެދު ވިސްނާލުމުން ދޭހަވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( أَمَا يَخْشَى أَحَدُكُمْ – أَوْ لاَ يَخْشَى أَحَدُكُمْ – إِذَا رَفَعَ رَأْسَهُ قَبْلَ الإِمَامِ ، أَنْ يَجْعَلَ اللهُ رَأْسَهُ رَأْسَ حِمَارٍ، أَوْ يَجْعَلَ اللهُ صُورَتَهُ صُورَةَ حِمَارٍ ) رواه البخاري (691) ، ومسلم (427) ، މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު އިމާމަށް ވުރެ ކުރިން އޭނާގެ ބޯ އުފުލުމުން ﷲ އޭނާގެ ބޯ ޙިމާރެއްގެ ބޮލަށް ބަދަލުކުރައްވަފާނެ ކަމަށް ނުވަތަ އޭނާގެ ސިފަ ޙިމާރެއްގެ ސިފައަށް ބަދަލުކުރައްވަފާނެ ކަމަށް އޭނާ ބިރު ނުގަންނަނީ ހެއްޔެވެ؟”
ވީމާ މި ޙަދީޘްތަކުގެ މައްޗަށް ބަލާއިރު، ނަމާދުގެ އެއްވެސް ޙަރަކާތެއްގައި އިމާމު މީހާއަށްވުރެ ކުރިއެރުން ހުއްދަވެގެން ނުވެއެވެ.
އިމާމު މީހާ ކިޔަނީ އެއީ ތަބާވެވޭ އިސްމީހާއަށް ވާތީއެވެ. އިމާމަކީ އޭނާ ހުންނަ ތަނުގައިވެސް އަދި އޭނާގެ ޙަރަކާތްތަކުގައިވެސް އަދި ނަމާދުގައި އަޑުހަރުކޮށް ކިޔާ ބަސްތަކުގައިވެސް މައުމޫމުންނަށްވުރެ އަބަދުވެސް އިސްވެގެންވާ މީހެކެވެ.
މުހިއްމު ނުކުތާއެއް
*އިމާމާއާ އެކު މައުމޫމުގެ ޙާލަތު ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ މި ގޮތަށެވެ.
1- ސަބްޤު- އިމާމާއަށް ވުރެ އަވަސްވުން – ޙަރާމް – ޤަސްތުގައި ޙުކުމް އެނގިހުރެ ނަމަ ނަމާދު ބާޠިލުވާނެ
2- ތަޚައްލުފް – އިމާމާއަށް ވުރެ މާބޮޑަށް ލަސްވުން –
ހ_ ޢުޒުރެއްގެ ސަބަބުން، މިސާލަކަށް ހަނދާންނެތުން، ޣާފިލުވުން، އިމާމާގެ އަޑު ނީވުން – ނަމާދު ޞައްޙަ
ށ- ޢުޒުރެއް ނެތި
* ރުކުނެއްގައި ލަސްވުން- އެ ރުކުން ލަސްވިޔަސް އިމާމާއެކު އެ ރުކުން ލިބުނު ނަމަ ނަމާދު ޞައްޙަ މިސާލަކަށް ކިޔެވުން ތަންކޮޅެއް ދިގު ވުމުގެ ސަބަބުން އިމާމާ ރުކޫޢަށް ދިޔަ ވަޤުތު ނުދެވި، އެކަމަކުވެސް އިމާމަ ރުކޫޢުގައި އޮއްވާ މައުމޫމު ރުކޫޢަށް ދިޔުން
* އިމާމާއަށް ވުރެ މައުމޫމު ރުކުނެއް ފަހަތުގައި އުޅުން –ނަމާދު ބާޠިލުވާނެ، (މިސާލަކަށް އިމާމު މީހާ ރުކޫޢު ނިންމާ ޤިޔާމުކުރި އިރުވެސް މައުމޫމު ރުކޫޢަށް ނުދެވި ހުރުން، އިމާމު މީހާ ދެވަނަ ސަޖިދާގައި އޮތް އިރު މައުމޫމު ފުރަތަމަ ސަޖިދާގައި އޮތުން)
3- މުވާފަޤާ/ މުޤާރަނާ- އިމާމާއާ އެކުގައި އެއްވަރަށް އެއްޙަރަކާތުން އަނެއް ޙަރަކާތަށް ދިޔުން – މަކްރޫހަ – ނަމާދު ބާޠިލެއް ނުވާނެ (އިމާމާއާ އެއްކޮށް ކުރުމަށް ވަކި ދަލީލަކުން އައިސްފައިވާ ކަމެއް މީގެން އިސްތިސްނާވާނެ އެވެ. މިސާލަކަށް ފާތިޙާ ސޫރަތަށް ފަހުގައި އިމާމާއާއެކު އާމީން ކިޔުން)
4- މުތާބަޢާ – އިމާމާއަށް ތަބާވުން، އެއް ހަރަކާތުން އަނެއް ޙަރަކާތަށް އިމާމާ ދިޔުމުން އެއާ ވިއްދާ މައުމޫމުން ދިޔުން. މިއީ ވާޖިވުވެގެންވާ ގޮތް. އަދި ސުންނަތަށް ތަބާވުމަކީ މި ގޮތަށް ޢަމަލުކުރުން.
މަރްޖިޢުތައް
https://islamqa.info/ar/9843
https://islamqa.info/ar/232860
https://islamqa.info/ar/33790