އިޙްރާމް ހެދުން ދޮންނަން މީރުވަސްދުވާ އެއްޗެއް ބޭނުން ކުރުން

އިޙްރާމް ހެދުން ދޮންނައިރު ދޮންނަކުނޑި، ނުވަތަ ސޮފްޓްނަރ ފަދަ މީރުވަސް ދުވާ އެއްޗެއް ބޭނުން ކުރުމަކީ އެއީ، އިޙްރާމްގައި ހުންނައިރު އަތަރު ބޭނުން ކުރުމުގެ ތެރެއަށް ވަންނަ ކަމެއް ނޫނެވެ.
އެހެނީ އިޙްރާމް ހެދުން ދޮންނައިރު ބޭނުންކުރާ، ދޮންނަކުނޑި، ސައިބޯނި، އަދި ސޮފްޓްނަރ ފަދަ ތަކެއްޗަކީ އޭގައި އަތަރު ލުމަށް ނުވަތަ މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗިއްސެއް ނޫނެވެ. އެއީ އޭގައި ހުންނަ ހަޑިފިލުވުމަށާއި ނުބައިވަހެއް ދުވާނަމަ އެވަސް ކަނޑުވާލުމަށްޓަކައި ބޭނުން ކުރާ އެއްޗެކެވެ.
އެހެންކަމުން އިޙްރާމް ހެދުން ދޮންނައިރު އެފަދަ އެއްޗެއް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ.
އެފަދަ އެއްޗެއް ލައިގެން ދޮވުމަށްފަހު ވަސް ހުންނަކަމަށް ބެލެވޭނަމަ، ރީތި ފެނުން ރަނގަޅަށް ދޮވެލާނީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްގައިވާ ނަހީގެ ތެރެއަށް އިޙްރާމް ދޮވުމަށް ބޭނުންކުރާ މިފަދަ ތަކެތި ނުވަންނާނެއެވެ.
عَنْ عَبْدِ اللَّهِ بن عمر رضي الله عنهما قَالَ : قَامَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ ، مَا تَأْمُرُنَا أَنْ نَلْبَسَ إِذَا أَحْرَمْنَا ؟ قَالَ : ( لا تَلْبَسُوا الْقَمِيصَ وَالسَّرَاوِيلَ وَالْعَمَائِمَ وَالْبَرَانِسَ وَالْخِفَافَ إِلا أَنْ يَكُونَ رَجُلٌ لَيْسَ لَهُ نَعْلَانِ فَلْيَلْبَسْ الْخُفَّيْنِ أَسْفَلَ مِنْ الْكَعْبَيْنِ ، وَلا تَلْبَسُوا شَيْئًا مِنْ الثِّيَابِ مَسَّهُ زَعْفَرَانٌ وَلا وَرْسٌ ). رواه البخاري (5805) ومسلم (1177)
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. މީހަކު ތެދުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަހަރެމެން (ޙައްޖަށް ނުވަތަ ޢުމްރާއަށް) އިޙްރާމްބަންނައިރު ލާންވީ ކޮންކަހަލަ ފޭރާމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ގަމީހާއި ހަރުވާޅު ނުލާށެވެ. ފަގުޑި ނާޅާށެވެ. ޖުއްބާ ނުލާށެވެ. އަދި ޚުއްފަށް ނާރާށެވެ. މީހެއްގެ އަތުގައި ފައިވާނެއް ނެތް ޙާލަތެއްގައި މެނުވީއެވެ. އެފަދަ ޙާލަތެއްގައި ޚުއްފުލާން ޖެހިއްޖެނަމަ ފުންނާބަށް ވުރެ ތިރިއަށް ހުންނަ ޚުއްފުލާށެވެ. އަދި ކުކުން (ޒަޢްފަރާން ނުވަތަ saffron) އިން ނާއި ވަރްސް (safflower) ހާކާފައި ހުންނަ އެއްވެސް އެއްޗެއް (ހެދުމެއް) ނުލާށެވެ.”
މި ޙަދީޘުގައި މިވާ ޒަޢްފަރާން އަދި ވަރްސް އަކީވެސް މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗިއްސެވެ.

އިޙްރާމް އެޅުމުގެ ކުރިންވެސް އަދި އެޅުމަށްފަހު އިޙްރާމް ހެދުމުގައި އަތަރު ބޭނުން ކުރުން ނަހީވެފައިވީ ކަމުގައިވިޔަސް، އިޙްރާމް އެޅުމުގެ ކުރިން އިޙްރާމް އަޅާމީހާގެ ބޮލާއި ހަށިގަނޑުގައި އަތަރު ލެވިދާނެއެވެ. އެކަމަކު އިޙްރާމް އެޅުމަށްފަހު (މީޤާތުން ނިޔަތް ގަތުމަށްފަހު) ހަށިގަނޑުގައިވެސް އަތަރު ބޭނުމެއް ނުކުރެވޭނެއެވެ.
عَنْ عَائِشَةَ رضي الله عنها قَالَتْ : ( كُنْتُ أُطَيِّبُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِأَطْيَبِ مَا يَجِدُ ، حَتَّى أَجِدَ وَبِيصَ الطِّيبِ فِي رَأْسِهِ وَلِحْيَتِهِ ) رواه البخاري (5923).
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ އެންމެ މީރުވަސްދުވާ އަތަރު ބޭނުން ކުރައްވައިގެން، އަހުރެން، އެކަލޭގެފާނުގެ ބޮލާއި ތުނބުޅީގައި އަތަރު ލައިދެމެވެ. އޭގެ އަސަރުން އެކަލޭގެފާނުގެ ބޮލާއި ތުނބުޅި އޮފުއަރައްޖެއުމަށް ދަންދެނެވެ.”

އަދި އިޙްރާމް އަޅައިގެން ހުއްޓާ މަރުވި މީހަކާ މެދު ޢަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދެއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( اغْسِلُوهُ بِمَاءٍ وَسِدْرٍ ، وَكَفِّنُوهُ فِي ثَوْبَيْنِ ، وَلا تُحَنِّطُوهُ فَإِنَّ اللَّهَ يَبْعَثُهُ يَوْمَ الْقِيَامَةِ مُلَبِّيًا ) رواه البخاري 1265 ومسلم 1206
“ފެނާއި ކުންނާރު ފަތު ފެނުން ތިޔަބައިމީހުން އޭނާ ހިނަވާށެވެ. އަދި ދެ ފޭރާމުން އޭނާ ކަފުން ކުރާށެވެ. އަދި އޭނާގެ ގައިގައި ޙަނޫޠު ބޭނުންނުކުރާށެވެ. ފަހެ ހަމަކަށަވަރުން، ﷲ ތަޢާލާ ޤިޔާމަތްދުވަހު އޭނާ އަލުން ދިރުއްވާހުށީ ތަލްބިޔާ ކިޔާ މީހެއްގެ (އިޙްރާމްގައި ހުރި މީހެއްގެ) ގޮތުގައެވެ.”
ޙަނޫޠަކީ މައްޔިތާ ކަފުންކުރާއިރު މީރުވަސް ދުއްވުމަށްޓަކައި، އެކި އެކި ބާވަތްތަކުގެ އަތަރުތައް އެއްކޮށްގެން ހަދާފައި ހުންނަ ޚާއްޞަ އަތަރެކެވެ.

 

މަރްޖިޢުތައް
https://islamqa.info/ar/answers/109335
https://islamqa.info/ar/answers/49032