އަނިޔާވެރިއެއްގެ މައްޗަށް ބަދު ދުޢާ ކުރުން

އަނިޔާވެރިވުމަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَالَمُوا- رواه مسلم

“އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ތިމަންއިލާހު ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ.”

އަނިޔާލިބޭ މީހާއަށް ނަޞްރު ދެއްވުމާއި އަނިޔާ ލިބޭ މީހާގެ ދުޢާ އިޖާބަކުރެއްވުމަކީ ﷲ ތަޢާލާގެ ވަޢުދެކެވެ.

އަދި އަނިޔާވެރިވުމަކީ ﷲ ތަޢާލާ ޤިޔާމަތް ދުވަހު އަނިޔާވެރިވާ މީހާއަށް ޢަޛާބު ދެއްވާނެ ކަމެއް ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

الظُّلْمُ ظُلُمَاتٌ يَوْمَ القِيَامَةِ -رواه البخاري

“ޤިޔާމަތްދުވަހު އަނިޔާވެރިކަން ވާހުށީ އަނދިރިކަމަކަށެވެ.”

އަނިޔާވެރިޔާގެ ދުޢާއަކީ ﷲ އާ އެ ދުޢާއާ ދެމެދު އެއްވެސް ހުރަހެއް ނުވާ އެއްޗެއްކަން ބަޔާންކުރައްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މުޢާޛު ބިން ޖަބަލު ރަޟިޔަﷲ ޢަންހު، ޔަމަނަށް ފޮނުއްވަމުން އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ.

وَاتَّقِ دَعْوَةَ المَظْلُومِ، فَإِنَّهُ لَيْسَ بَيْنَهُ وَبَيْنَ اللَّهِ حِجَابٌ -رواه البخاري

“އަދި އަނިޔާލިބިގެންވާ މީހާގެ ދުޢާއަށް ކަލޭގެފާނު ރައްކާތެރިވެވަޑައިގަންނަވާށެވެ. ފަހެ އެއާ، ﷲ އާ ދެމެދު ފަރުދާއެއް ނުވެއެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

((ثَلاَثَةٌ لاَ تُرَدُّ دَعْوتُهُمْ: الصَّائِمُ حَتَّى يُفْطِرَ، وَالإِمَامُ الْعَادِلُ، وَدَعُوَةُ الْمَظْلُومِ، تُحْمَلُ عَلَى الْغَمَامِ وَتُفْتحُ لَهَا أَبْوَابُ السَّمَاءِ، وَيَقُولُ الرَّبُّ تَبَارَكَ وَتَعَالَى: وَعِزَّتِي لأَنْصُرَنَّكَ وَلَوْ بَعْدَ حِينٍ))- رواه الترمذي 2525 و صححه الألباني في صحيح الترمذي.

މާނައީ: “ތިންމީހެއްގެ ދުޢާ ރައްދު ކުރެވިގެން ނުވެއެވެ. ރޯދަވެރިއާ ރޯދަ ވީއްލެއްޖައުމަށް ދާންދެންނެވެ. އަދި ޢަދުލުވެރި ވެރިޔާއެވެ. އަދި އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ. ﷲތަޢާލާ، އޭނާގެ ދުޢާ ވިލާތަކުގެ މައްޗަށް އުފުއްލަވައެވެ. އަދި ދުޢާއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވާލައްވައެވެ. އަދި ރައްބު ވަޙީކުރައްވާނެއެވެ. ތިމަންއިލާހުގެ ޢިއްޒަތް ގަންދެއްވާ ވަޙީކުރައްވަމެވެ. ތިމަންއިލާހު ތިބާއަށް ނަޞްރުވެރިވާ ހުށީމެވެ. އެއީ ވަގުތުކޮޅެއްގެ ފަހުން ކަމުގައި ވިއަސްމެއެވެ.”

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( دَعْوَةُ الْمَظْلُومِ مُسْتَجَابَةٌ وَلَو كَانَ فَاجِرًا ، فَفُجُورُه عَلَى نَفْسِهِ ) رواه أحمد (8781) وحسنه الألباني في “صحيح الجامع” (3382) . “އަނިޔާ ލިބިފައިވާ މީހާގެ ދުޢާ، އޭނާއަކީ ފާޖިރެއްކަމުގައިވިޔަސް، އިޖާބަވެގެންވެއެވެ. ފަހެ އޭނާގެ ފާޖިރުކަންވަނީ އޭނާގެ ނަފްސަށެވެ.”

އަނިޔާވެރިވެއްޖެ މީހާގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެ ހެއްޔެވެ؟

މުސްލިމަކު އެއްވެސް ޙައްޤަކާނުލައި އޭނާގެ މުސްލިމު އަޚާގެ މައްޗަށް ބަދު ދުޢާ ކުރުން ހުއްދަވެގެން ނުވެއެވެ. އަދި އޭނާގެ އަޚާއަށް ދީނީގޮތުންނާއި ދުނިޔަވީ ގޮތުން ގެއްލުން ވުމަށް އުންމީދުކޮށްގެންވެސް ނުވާނެއެވެ.

ފަހެ މުސްލިމަކު އޭނާގެ އަޚާއަށް އަނިޔާވެރިވެއްޖެނަމަ، ނުވަތަ ގޯސްކޮށް ކަންތައް ކުޅަނަމަ، އޭނާ އެ އަނިޔާވެރިވީ މިންވަރަށް ފުދޭވަރަށް، އޭނާގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެއެވެ. އަދި އޭނާގެ ފަރާތުން އެކުރިމަތިވީ އަނިޔާވެރިކަމަށް ނުވަތަ ދަތި އުނދަގުލަށް ކެތްކުރުން، ހުރިހާ ގޮތަކުން ބަލާއިރުވެސް ހެޔޮކަން ބޮޑުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

( وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُمْ بِهِ وَلَئِنْ صَبَرْتُمْ لَهُوَ خَيْرٌ لِلصَّابِرِينَ ) النحل/ 126

މާނައީ: “އަދި ތިޔަބައިމީހުން، ޢުޤޫބާތް ދޭނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތް ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން ޢުޤޫބާތް ދޭށެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.”

ތިބާއަށް އަނިޔާވެރިވެފައިވާ މުސްލިމު އަޚާގެ މައްޗަށް ބަދު ދުޢާ ކުރާނަމަވެސް  އެކަން ކުރުން ވަނީ އޭނާ އެ ކުރި ކަމެއްގެ މައްޗަށް ފުދޭ މިންވަރަށް އެކަންޏެވެ. އޭނާ ހަލާކު ކުރެއްވުމަށާއި އޭނާގެ ޢާއިލާ ހަލާކު ކުރެއްވުމަށް ދުޢާކުރުން ހުއްދަވެގެން ނުވެއެވެ. އެބަޔަކު ހަލާކު ކުރެއްވުމަށް ދުޢާކުރުން ހުއްދަވެގެންވަނީ އިސްލާމުންނާ ހަނގުރާމަކުރާ ޙަރުބީ ކާފިރުންނާއި، މުސްލިމުންގެ ތެރެއިންވެސް ފާޖިރުކަމާއި ފާސިޤުކަމުގައި ޙައްދުފަހަނައަޅައިގޮސް ފާފައިން އިސްރާފުކުރާ ނުބައި ނުލަފާ، އިންސީންގެ ތެރެއިންވާ ޝައިޠާނުން، އާދެ! އެބައިމީހުން ހަލާކުވެގެން މެނުވީ މުސްލިމުންނަށް ހަމަޖެހުމެއް ނެތް މީހުންގެ މައްޗަށެވެ.

އަނިޔާވެރިވެފައިވާ މީހުންގެ މައްޗަށް ދުޢާކުރާނޭ ބައެއް ސީޣާތައް ސުންނަތުގައި ވާރިދުވެފައިވެއެވެ. ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ދުޢާކުރައްވާ ކަމުގައިވެއެވެ.

الَّلهُمّ أَصْلِحْ لِيْ سَمْعِي وَبَصَرِيْ ، وَاجْعَلْهُمَا الوَارِثَيْنِ مِنّي ، وَانصُرنِي عَلَى مَنْ ظَلَمَنِي ، وَأَرِنِي مِنْهُ ثَأْرِي) .

رواه البخاري في الأدب المفرد (1/226) ، وحسنه ابن حجر في “نتائج الأفكار” (3/87) ، وصححه الألباني في صحيح الأدب المفرد .

ޔާ ﷲ މިއަޅާގެ އިވުމާއި ފެނުން މިއަޅާއަށް އިޞްލާޙްކޮށްދެއްވާނދޭވެ! އަދި އަޅަމެން މަރުވަންދެން ޞައްޙަ ސަލާމަތުން އެދޭތި ލަހައްޓަވާނދޭވެ! މިއަޅާއަށް އަނިޔާވެރިވީ މީހާގެ މައްޗަށް މިއަޅާއަށް ނަޞްރުދެއްވާނދޭވެ! އަދި އޭނާގެ ކިބައިން ބަދަލު ހިފޭތަން މިއަޅާއަށް ދައްކަވާނދޭވެ!

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ދުޢާ ކުރައްވައެވެ.

اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ ، وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا ، وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا ، وَاجْعَلْهُ الوَارِثَ مِنَّا ، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا ، وَانْصُرْنَا عَلَى مَنْ عَادَانَا ، وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا ، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا ، وَلاَ مَبْلَغَ عِلْمِنَا ، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا -رواه الترمذي (3502) وقال : حسن غريب ، وحسنه الألباني في صحيح الترمذي .

ޔާ ﷲ! އިބައިލާހު މަނާކުރައްވާފައިވާ އުރެދުންތަކާ އަޅަމެންނާ ދެމެދު ފަރުދާއެއް ކަމުގައިވާ ބިރުވެތިކަމެއް (އަޅަމެންގެ ހިތްތަކުގައި) ލައްވާނދޭވެ! އަދި އެކަމުގެ ޛަރީޢާއިން އިބަ އިލާހުގެ ސުވަރުގެ އަޅަމެންނަށް ލިބޭވަރުގެ ކިޔަމަންގަތުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި އެކަމުގެ ސަބަބުން ދުނިޔަވީ މުޞީބާތްތައް ލުއިވެގެންދާވަރުގެ ޔަޤީންކަމެއް (ޤަދަރަށް އީމާންވުމެއް) އަޅަމެންނަށް ދެއްވާނދޭވެ! އަޅަމެން ދިރިދެމި ތިބިހާ ހިނދަކު އަޅަމެންގެ އިވުމާއި ފެނުމާއި ހަށިގަނޑުގެ ހަކަތަ ލަހައްޓަވައި އެހިއްސުތަކުން އިބައިލާހަށް ކިޔަމަންތެރި ކަމާއެކު ފައިދާ ލިބޭގެ ގޮތް ލައްވާނދޭވެ! އަދި އަޅަމެން މަރުވަންދެން ޞައްޙަ ސަލާމަތުން އެތަކެތި ލަހައްޓަވާނދޭވެ! އަޅަމެންގެ ބަދަލުހިފުމަކީ ހަމައެކަނި އަޅަމެންނަށް އަނިޔާވެރިވީމީހުންގެ މައްޗަށްވާ ކަމެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނަށް ޢަދާވާތެރިވީ މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި އަޅަމެންގެ ދީނުގައި އަޅަމެންނަށް އިމްތިޙާނު ނުޖައްސަވައިފާނދޭވެ!  އަދި ދުނިޔެއަކީ އަޅަމެންގެ އެންމެ ބޮޑު މަޤްޞަދު ކަމުގައްޔާއި އަޅަމެންގެ ޢިލްމުގެ ނިމުން ކަމުގައި ނުލައްވާނދޭވެ! އަޅަމެންނަށް އޯގާތެރިނުވާ ވެރީން އަޅަމެންގެ މައްޗަށް ވެރިނުކުރައްވާނދޭވެ!

މި ނައްޞުތަކަށް ބަލާއިރު އަހަރެމެންނަށް އެނގެނީ ތިމާއަށް އަނިޔާވެރިވެފައިވާ މީހާގެ މައްޗަށް އެ އަނިޔާވެރިވި މިންވަރަށް ބަދުދުޢާ ކުރުމަކީ ހުއްދަ ކަމެއްކަމެވެ. އެކަމަކު އެކަމުގައި ޙައްދު ފަހަނައަޅައި ދިޔުމެއް ނުވެއެވެ. ބަދު ދުޢާ ކުރާނަމަ ކުރާނީ އެ ވީ އަނިޔާއެއްގެ މިންވަރަށެވެ. އަނިޔާވެރިވިމީހާ މަގުފުރެއްދެވުމަށާއި، އޭނާ ހަލާކު ކުރެއްވުމަށާއި، އޭނާގެ މުދަލާއި ޢާއިލާ ހަލާކު ކުރެއްވުން އެދި ދުޢާކުރުން ހުއްދައެއް ނުވާނެއެވެ. އެފަދަ ކަންކަމަށް ދުޢާކުރުން ހިމެނެނީ ފާފައަކަށް ދުޢާކުރުން ކަމުގައެވެ. އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ. لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيْعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ -رواه مسلم މާނައީ: “އަޅާ ފާފައަކަށް ނުވަތަ ރަޙިމްގެ ގުޅުންކެނޑުމަށް ދުޢާ ނުކުރާހާ ހިނދަކު، އޭނާ އަވަސްއަރައިނުގަންނަ ކަމުގައިވަނީނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ.”

އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، ހުރިހާ ގޮތަކުން ބަލާއިރުވެސް މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުމެވެ. އަދި އޭނާ އެކުޅަ އަނިޔާވެރި ޢަމަލާ މެދު ނިޔާކުރެއްވުން ﷲ އަށް ދޫކޮށްލައިގެން އެކަމާ ނޫޅެ ހުރުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ އަނިޔާވެރިކަމަށް ރުހިވޮޑިނުގަންނަވާ، އަނިޔާވެރިންނަށް އަނިޔާގެ ޖަޒާ އެންމެ ޢަދުލުވެރިގޮތުގައި ދެއްވާ އިލާހެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( إِن تُبْدُواْ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُواْ عَن سُوَءٍ فَإِنَّ اللّهَ كَانَ عَفُوًّا قَدِيرًا ) النساء/149 .

ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން ޢަފޫކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން ޢަފޫ ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

( وَجَزَاء سَيِّئَةٍ سَيِّئَةٌ مِّثْلُهَا فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ إِنَّهُ لَا يُحِبُّ الظَّالِمِينَ ) الشورى/40 .

ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބުވަނީ، اللَّه ގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ ‎﴿٤٣﴾

އަދި ހަމަކަށަވަރުން، ކެތްތެރިވެ، ޢަފޫ ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.

 

މަރްޖިޢުތައް

https://islamqa.info/ar/answers

https://islamqa.info/ar/answers/129911