
ސުވާލު: ބަންގިއާއި ޤަމަތާ ދެމެދަކީ ދުޢާ އިޖާބަކުރައްވާ ވަޤުތެއްކަމަށްވާއިރު، އެވަގުތު ފެށޭނީ ބަންގި ގޮވުމަށްފަހުގައި ނަމާދުގެ އިހުސުންނަތްކޮށް ނިމުމުންތޯއެވެ؟
ޖަވާބު: الحمد لله والصلاة والسلام على رسول الله
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު (الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ) [رواه الترمذي في سننه وصححه الألباني] މާނައީ: “ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ.” ގައި އައިސްފައިވާ ދުޢާ އިޖާބަކުރައްވާ ވަގުތުގެ ފެށުމަކީ ބަންގި ނިމުމެވެ. އަދި އެވަގުތުގެ ނިމުމަކީ ޤަމަތްދޭން ފެށުމެވެ. އަންނަނިވި ޙަދީޘުންވެސް މި ވަގުތު ފެށޭ ވަގުތު އެނގެއެވެ.
އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.
ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
إذا نَادَى المُنَادِي فُتِحَتْ أبْوابُ السَّمَاءِ وَاستُجِيبَ الدعاءُ.- رواه أبوعوانة في مسنده، والحاكم في المستدرك، وصححه الألباني. މާނައީ: “ބަންގި ގޮވާ މީހާ ބަންގި ގޮވައިފިނަމަ، އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެހާރުން ދުޢާ އިޖާބަވެއެވެ.”
والله أعلم