ސުވާލު: އުމުރުން 40 އަހަރު ވުމުން މޫނު ބުރުގާ އެޅުން ތޯ ނޫނީ ނޭޅުން ވެސް ރަނގަޅު ވާނެތޯ؟ ބައެއް މީހުން ބުނޭ އުމުރުން 40 ވީމަ ދެން ކީއްކުރަން ހޯ އަޅަނީ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

ހަތަރު މަޛްހަބުގެ ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި މިނިވަން މުސްލިމު ޒުވާން އަންހެނާގެ މޫނު ނިވާކުރުމަކީ ރައްބާނީ ޝަރީޢަތުގެ ތެރެއިންވާ ކަމެކެވެ. އެބައިމީހުންގެ މެދުގައި ޚިލާފު އުފެދިފައިވަނީ ފިތުނަވެރިކަމެއް ނުވާ ޙާލަތުގައި މޫނުނިވާނުކޮށް ދޫކޮށްލުމާ މެދުގައެވެ. އެފަދަ ގޮތަކަށް މޫނު ނިވާނުކޮށް ދޫކޮށްލާ މީހާ އެއީ ދޫކޮށްލުމުން ފާފަވެރިވާ ވާޖިބެއްތޯ، ނުވަތަ މޫނު ނިވާކުރުން އެއީ މުސްތަޙައްބުކަމެއްތޯ އާ މެދުގައެވެ.

މުސްލިމު އަންހެނާއަށް ޙިޖާބު ލުއިކޮށްލުން ހުއްދަވެގެންވަނީ ކައިވެންޏަށް އެދުންވެރިނުވާ ޢުމުރަށް ފޯރައި، ޒީނަތްތެރިކަން ފާޅުނުކުރާގޮތުގައެވެ. އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ. وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ – [النور 60]

“ކާވެންޏަކަށް އެދުންނުވާ، މުސްކުޅި އަންހެނުން، ޒީނަތްތެރިކަން ފާޅުނުކުރާގޮތުގައި، އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން، އެކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ.”

ޢުމުރުން 40 އަހަރަކީ އަންހެނަކު ކައިވެންޏަށް އެދުންވެރިނުވާ ޢުމުރެއް ނޫނެވެ. އެއީ އޭނާމުސްކުޅިވެ ބަޔާންވެދިޔަ އާޔަތުގައި ލިބޭ ލުއިފަސޭހަކަން ލިބޭ ޢުމުރެއް ނޫނެވެ. ވީމާ، ޢުމުރުން 40 އަހަރުގައި ނިޤާބު އެޅުމަކީ ހަމަ އެންމެ ރަނގަޅުކަމެކެވެ. ފިތުނަތަކުން ރައްކާތެރިވެ ޢިއްފަތްތެރިވުމަށްޓަކައެވެ.

ޙަފްޞާ ބިންތު ސީރީން ރަޙިމަހަﷲ މުސްކުޅިވެވަޑައިގަތް އިރުވެސް އެކަމަނާގެ މޫނު ނިވާކުރައްވާކަމުގައިވެއެވެ. އެކަމަނާއަށް ދެންނެވުނެވެ. “މުސްކުޅި އަންހެނުންނަށް ޙިޖާބު ލުއިކޮށްލުން މާތް ﷲ ހުއްދަކުރެއްވިނޫންތޯއެވެ؟”

وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ – [النور 60]

“ކާވެންޏަކަށް އެދުންނުވާ، މުސްކުޅި އަންހެނުން، ޒީނަތްތެރިކަން ފާޅުނުކުރާގޮތުގައި، އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން، އެކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ.”

އެކަމަނާ ވިދާޅުވިއެވެ. “އާޔަތް ފުރިހަމަކޮށްބަލާށެވެ.”

وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ وَاللَّـهُ سَمِيعٌ عَلِيم- [النور 60]

“(ނަމަވެސް) އެކަނބަލުން ޢިއްފަތްތެރިވުން އެކަނބަލުންނަށް ހެޔޮކަން ބޮޑެވެ. އަދި ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

 

ވﷲ އަޢުލަމު

 

 

މަޞްދަރުތައް

“فتاوى المرأة المسلمة” (1/424) .

“أحكام القرآن” (3/485) لأبي بكر الجصاص رحمه الله