މާބަނޑުވުމުގެ ސަބަބުން ގެއްލުނު ރޯދަތައް ނުހިފިވާޙާލު އަނެއް ރޯދަމަހާ ކުރިމަތިވުމުން ކަންތައްކުރާނީ ކިހިނެއްތޯއެވެ؟

 

ރަމަޟާންމަހުގެ ރޯދަ، ފަހުން ހިފާގޮތަށް ދޫކޮށްލުން ހުއްދަ ދެބާވަތުގެ މީހުންނީ ބަލިމީހުންނާއި ދަތުރުވެރިންނެވެ. މާބަނޑު މީހުން ހިމެނެނީ ބަލިމީހުންގެ ތެރޭގައެވެ. ބަލިމީހުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ދާއިމީ ބަލިމީހުންނާއި ވަގުތީ ބަލިމީހުންނެވެ. ދާއިމީ ބަލިމީހުންނަކީ ބަލިން ޝިފާ ލިބުމުގެ އުންމީދު ނެތް، ބޮޑެތި ބަލިތަކުގައި، އެމީހުންގެ ބަލީގެ ސަބަބުން ރޯދަ ނުހިފޭ އަދި ރޯދަ ޤަޟާވެސް ނުކުރެވޭ މީހުންނެވެ. ވަގުތީ ބަލި މީހުންނަކީ ހަމައެކަނި ބަލީގެ ދުވަސްކޮޅު ރޯދަ ގެއްލި، ބަލިން ރަނގަޅުވާ ހިނދު ރޯދަ ޤަޟާކުރެވޭ މީހުންނެވެ.

މާބަނޑު މީހުންގެ  ތެރެއިން ރޯދަނުހިފޭހާ ބަލި މީހުންނާއި، ގާތުން ދޭ މައިންގެ ތެރެއިން ރޯދަނުހިފޭހާ ބަލިމީހުން ހިމެނެނީ ވަގުތީ ބަލިމީހުންގެ ތެރޭގައެވެ. އެމީހުންގެ ރޯދައާމެދު އޮންނަގޮތަކީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ.

(وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ) البقرة /185

“އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”

ވީމާ އެފަދަ މީހާ، ބަލިން ރަނގަޅުވުމުން، މިސާލަކަށް ބަލިކަމުން ރޯދަ ނުހިފޭ މާބަނޑުމީހާ، ވިހާ ގަދަވުމުން، ގާތުންދޭ އަންހެންމީހާ އޭނާވެސް ރޯދަހިފޭވަރަށް އޭނާގެ ޙާލަތު ރަނގަޅުވުމުން، ގެއްލުނު ރޯދަތައް ޤަޟާކުރާނީއެވެ. އަނެއް ރޯދަމަހުގެ ކުރިން ޤަޟާނުކުރެވުނުނަމަ، އެ ރޯދަމަސް ނިމުމުން ޤަޟާކުރާނީއެވެ. މިމީހުންނަކީ ޢުޛުރާހެދި ރޯދަދޫވާ މީހުންކަމަށްވާތީ އެމީހުން ފިދްޔަ ދޭކަށް ނުޖެހޭނެއެވެ. ހަމައެކަނި އެ ރޯދަތައް ޤަޟާކޮށްލުމުން ފުދޭނެއެވެ.

ފިދްޔަ ދޭންޖެހޭނީ، ދާއިމީ ބަލިމީހުންނެވެ. ރޯދަ ނުހިފޭ، އަދި ދާއިމީ ބަލީގެ ސަބަބުން ރޯދަ ޤަޟާވެސް ނުކުރެވޭ ބަލިމީހުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ- البقرة 184

މާނައީ: “އަދި ދަތި އުނދަގުލާއެކު އެކަމަށް ކުޅަދާނަކަން ލިބޭ މީހުންގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމާއެކު ފިދްޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދޭ މިންވަރެވެ.”

ވީމާ މައްސަލަ ވަރަށް ސާފެވެ.

ރޯދަ ދޫވާ ވަގުތީ ބަލިމީހުންގެ މައްޗަށް އޮތީ ބަލި ރަނގަޅުވުމުން ރޯދަ ޤަޟާކުރުމެވެ. އަނެއް ރޯދަމަހާ ހަމައަށް ފޯރާއިރު ޢުޛުރު ދެމިއޮތުމުގެ ސަބަބުން ޤަޟާނުކުރެވުނުނަމަވެސް ހަމަ ރޯދަމަސް ނިމުމުން ޤަޟާކުރީމާ ނިމުނީއެވެ. ފިދްޔަ ދޭކަށް ނުޖެހޭނެއެވެ.

ރޯދަ ދޫވާ ދާއިމީ ބަލިމީހުންގެ މައްޗަށް އޮތީ ފިދްޔަ ދިނުމެވެ. ކޮންމެ ރޯދަޔަކަށް މިސްކީނަކަށް ކާންދިނުމެވެ.

ދެންއޮތީ، ރޯދަ ޤަޟާކުރުމާއެކު ފިދްޔަ ދޭންޖެހޭނެކަމަށް ޢިލްމުވެރިން ވިދާޅުވާ ޙާލަތެކެވެ. އެ ޙާލަތަކީ ރޯދަ ދޫކޮށްލި މީހަކު އެއީ ޙައިޟުގެ ސަބަބުން ނުވަތަ ނިފާސްގެ ސަބަބުން، ނުވަތަ ވަގުތީ ބައްޔެއްގެ ސަބަބުން، ރޯދަ ދޫކޮށްލި ސަބަބު ފިލައިގޮސް، ބަލިން ރަނގަޅުވެ، ރޯދަ ޤަޟާކުރާނޭ ވަގުތު ލިބި، ޝަރްޢީ ޢުޛުރެއް ނެތި، ގަސްތުގައި ފަރުވާކުޑަކުރުމުގެ ސަބަބުން އަންނަ ރޯދަމަހާ ހަމައަށް އަންނައިރު ރޯދަ ޤަޟާނުކޮށް ހުންނަ ޙާލަތެވެ. މި ޙާލަތުގައި އަނެއް ރޯދަމަސް އަންނައިރު ރޯދަ ޤަޟާނުކޮށް ހުރެއްޖެނަމަ، އެ ރޯދަމަސް ނިމުމުން އޭނާގެ ކުރިން ގެއްލުނު ރޯދަތައް ޤަޟާކުރުމާއެކު ގެއްލުނު ކޮންމެ ރޯދަޔަކަށް ފިދްޔަވެސް ދިނުން  މުސްތަޙައްބުކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

މިތަނުގައި ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަކަމެއް ސާފުކޮށްލަން ޤަސްދުކުރަމެވެ. ބައެއް މީހުން ހީކުރަނީ މާބަނޑުވުމުގެ ސަބަބުންނާއި ވިހެއުމުގެ ސަބަބުން އަދި ގާތުން ދޭންޖެހުމުގެ ސަބަބުން ދަރިފުޅަށް ނުވަތަ މަންމައަށް ގެއްލުންވާތީ ދޫކުރާ ރޯދަ އަނެއް ރޯދަމަހާ ޖެހެންވާއިރަށް ނުހިފިއްޖެނަމަ، ފިދްޔަ ދިނީމާ ދެން އެކަން އެނިމުނީކަމަށެވެ. ބައެއް މީހުން ހީކުރާގޮތުގައި ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުމުގައި އެމީހުންނަށް އިޚްތިޔާރުއޮވެއެވެ. ބޭނުން ނަމަ ޤަޟާކުރަންވީއެވެ. ބޭނުން  ނަމަ ފިދްޔަ ދޭންވީއެވެ. ޙަޤީޤަތުގައި މިކަން އޮންނަނީ މިހެނެއް ނޫނެވެ. ރަމަޟާންމަހުން ދޫވާ ރޯދަ ކިރިޔާވެސް ޤަޟާކުރެވޭ މީހެއްނަމަ، އޭނާ އެ ރޯދަތައް ޤަޟާކުރުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. ރޯދަ ޤަޟާކުރުމުގެ ކުޅަދާނަކަން ހުރި މީހަކު ރޯދަ ޤަޟާނުކޮށް ފިދްޔަ ދީފިނަމަ އޭނާ އެކަންކުރީ ރަނގަޅަކަށް ނޫނެވެ. އޭނާގެ ކިބައިން ރޯދައިގެ ޛިންމާ ބަރީއަވެގެންނުވެއެވެ. ބައެއް މީހުން ބަލަނީ ރޯދަ ޤަޟާނުކޮށް ވާނޭ ގޮތެއް އޮތްތޯ ބެލުމަށެވެ. ފިދްޔަ ދިނުމަށް ފައިސާ ދީ އަވަހަށް ނިންމާލުމަށެވެ. އެއީ ގޯހެކެވެ. ކިރިޔާވެސް ރޯދަ ހިފޭ މީހާގެ މައްޗަށްވަނީ ރޯދަހިފުމެވެ. ރޯދަ ހިފުމަކީ އިންތިހާއަށް ޘަވާބު ބޮޑު އޭގައި ނުހަނު ގިނަ ގުނަ ފައިދާތައް، ރޫޙާނީ ގޮތުންނާއި ޞިއްޙީ ގޮތުންވެސް ހިމެނޭ މުހިންމު އަޅުކަމަކަށްވާތީ، ރޯދަ ޤަޟާކުރުމުގެ ކުޅަދާނަކަން ލިބިހުރެ ޤަޟާކުރުމުގެ ބަދަލުގައި ފައިސާއިން ފަސޭހަކޮށް ފިދްޔަ ދީ ނިންމާލާ މީހާއަށް ރޯދައިގެ ރޫޙާނީ ފައިދާތައް ލިބޭނީ ކިހިނަކުންތޯއެވެ؟ ﷲ ތަޢާލާ ރޯދައިގެ އާޔަތްތަކުގައިވެސް ރޯދަ ހިފުމަށް ހިތްވަރުދެއްވާފައިވެއެވެ. أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾  މާނައީ: “(ރޯދަހިފަންވީ) ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. އަދި ދަތި އުނދަގުލާއެކު އެކަމަށް ކުޅަދާނަކަން ލިބޭ މީހުންގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމާއެކު ފިދްޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވުޢު (ދަރުމަވެރިކަމު)ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި (ފިދްޔަ ދިނުމުގެ ބަދަލުގައި) ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.”

ދަތިއުނދަގުލާއެކު ރޯދަ ހިފޭ މީހަކަށްވެސް އެންމެ ހެޔޮކަންބޮޑުގޮތަކީ އާޔަތުގައިވާ ގޮތުން ރޯދަ ހިފުމެވެ. ރޯދަ ޤަޟާނުކޮށް ފިދްޔަ ދީގެން ސަލާމަތްވެވޭނެ ގޮތެއް ފެނޭތޯ ބެލުމުގެ ބަދަލުގައި ބަލަންވީ ކިރިޔާވެސް ރޯދަތައް ޤަޟާކުރެވޭނެ ގޮތެއް އޮތްތޯއެވެ. ވީމާ އެއް ރޯދަމަހުގެ ރޯދަ ބަލީގެ ސަބަބުން އަނެއް ރޯދަމަހަށް ޤަޟާނުކުރެވުނަސް، ރޯދަމަސް ނިންމާފައި އެރޯދަތައް ޤަޟާކުރާށެވެ. ފިދްޔަދިނުމާމެދު ވިސްނާނީ ދާއިމީ ބަލި މީހުންނެވެ. ރޯދަ ޤަޟާކުރެވޭ މީހުންނެއް ނޫނެވެ.

އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މާބަނޑު މީހާ އަދި ގާތުންދޭމީހާގެ ޙުކުމަކީ ބަލިމީހާގެ ޙުކުމެވެ. އެދެމީހުންނަށް ރޯދަހިފުން ބުރަވެއްޖެހިނދު، އެދެމީހުންނަށްވެސް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެދެމީހުންގެ މައްޗަށްވަނީ ރޯދަ ޤަޟާކުރުމަށް ކެރިކުޅަދާނަވެގެންވުމާއެކު، އެ ރޯދަތައް ޤަޟާކުރުމެވެ. އެދެމީހުންވެސް ރޯދަ ޤަޟާކުރުމުގެ ބަދަލުގައި ކޮންމެ ރޯދަޔަކަށް މިސްކީނަކަށް ފިދްޔަ ދިނުމުން ފުދޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވިޔަސް އެއީ ބަލިކަށި، މަރްޖޫޙު (އެންމެ ރަނގަޅުގޮތް ނޫން) ބަސްފުޅެކެވެ. ޞައްޙަ ގޮތަކީ، އެދެމީހުންވެސް ހަމަ ދަތުރުވެރިޔާއާއި ބަލިމީހާ ފަދައިން ގެއްލޭ ރޯދަތައް ޤަޟާކުރުމެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅުގެ ސަބަބުންނެވެ. فَمَنْ كَانَ مِنْكُمْ مَرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ- البقرة/184 “ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”” مجموع الفتاوى (15/225):

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީންވެސް މިމޭރުމުން ފަތުވާ ދެއްވާފައިވެއެވެ. (ބައްލަވާ: فتاوى اللجنة الدائمة (10/220))

އިބްނު ޢުޘައިމީން ރަޙިމަހުﷲ ވެސް މި މައްސަލާގައި ޢިލްމުވެރިންގެ ބަސްފުޅުތައް ގެންނެވުމަށްފަހު، އެންމެ ޞައްޙައީ މިބަސްފުޅުކަމުގައި ވިދާޅުވެފައިވެއެވެ. (ބައްލަވާ “الشرح الممتع” (6/220) )

 

މަރްޖިޢުތައް

مجموع الفتاوى (15/225)الشيخ ابن باز رحمه الله

مجموع الفتاوى (15/227)الشيخ ابن باز رحمه الله

فتاوى اللجنة الدائمة (10/220)

الشرح الممتع” (6/220)