ރުޅި އައިސްހުރެ ކުރާ ވަރި އަދި ޡިހާރު ޞައްޙަވާނެތޯއެވެ؟

މުސްލިމަކު ގަސްތަކާނުލައި ނުވަތަ އިޚްތިޔާރަކާ ނުލައި ބުނާ ބަސްތަކާ ބެހޭގޮތުން ދީނުގައި އޮންނަ ގޮތަކީ އޭނާއަށް އެކަމުގެ މައްޗަށް ޙުކުމެއް ލާޒިމުނުކުރުމެވެ.

މުސްލިމަކު ބުނާ ބަސްތަކުގައި ނުވަތަ އަމިއްލަ ނަފްސުގެ މައްޗަށް އޭނާ ލާޒިމުކުރާ ކަންކަމުގައި އޭނާ ކުށްވެރިވާނީ ނުވަތަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ، އެއީ ގަސްތުގައި، ހިތުގެ އިޚްތިޔާރާއެކު ބުނި ބަހެއް ކަމުގައިވާނަމައެވެ. މިކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅެވެ.  إِنَّمَا الأَعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى  رواه البخاري (1)، ومسلم (1907). މާނައީ: “ޢަމަލުތައް ނިޔަތްތަކުގެ މައްޗަށް މެނުވީ ބިނާވެގެންނުވެއެވެ. އަދި ކޮންމެ މީހަކަށްމެ އެމީހަކު ނިޔަތްގަތް ކަމެއް މެނުވީ ނުވެއެވެ.”

އެހެންކަމުން، މަޖުބޫރުވެގެން ބުނާ ބަސްތަކާއި އޮޅިގެން ބުނެވޭ ބަސްތަކާއި، ގަސްތަކާނުލައި އަދި އިޚްތިޔާރަކާ ނުލައި ބުނެވޭ ބަސްތަކަށް އިންސާނާ ކުށްވެރިއެއް ނުވާނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ  البقرة /286. މާނައީ:”ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވަތެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް(ގެ ޘަވާބު) އެ ނަފްސަކަށްވެއެވެ. އަދި އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢުޤޫބާތް) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ. އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ އަޅަމެންނަށް އޮޅިގެން (ކުށެއް) ކުރެވިއްޖެނަމަ، އެކަމަށް އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ. އަޅަމެންގެ ވެރިރަސްކަލާކޮ އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ އަޅަމެންގެ ވެރިރަސްކަލާކޮ އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ އަދި، އަޅަމެންނަށް ޢަފޫކުރައްވާނދޭވެ އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ އަދި، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރުވެގެންވާ މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވާނދޭވެ.”

ޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: “ﷲ ތަޢާލާގެ ވަޙީބަސްފުޅު (رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا) “އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ އަޅަމެންނަށް އޮޅިގެން (ކުށެއް) ކުރެވިއްޖެނަމަ، އެކަމަށް އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ.” މި އާޔަތުގައި މިވާ ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވިކަން ނުވަތަ ނޫންކަން ސީދާ މިއާޔަތުގައި ބަޔާންކުރައްވާފައެއް ނުވެއެވެ.

އެހެން ނަމަވެސް، މި ދުޢާގައި ހިމެނޭ އޮޅިގެން ކުރެވޭ ކުށްތަކާ ބެހޭގޮތުން ކުރެވުނު ދުޢާ އިޖާބަކުރެއްވިކަމަށް އަންނަނިވި އާޔަތުން އިޝާރާތްކުރެއެވެ.  وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّهُ غَفُورًا رَحِيمًا -الأحزاب 5 މާނައީ: “ތިޔަބައިމީހުންނަށް އޮޅިގެން ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.”

އަދި ހަނދާންނެތިގެން ކުރެވޭ ކަންކަމާ ބެހޭގޮތުން ކުރެވުނު ދުޢާ އިޖާބަކުރެއްވިކަން އަންނަނިވި އާޔަތުން ދޭހަވެއެވެ. (وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَى مَعَ الْقَوْمِ الظَّالِمِينَ)- الأنعام 68 މާނައީ:  “އަދި ޝައިޠާނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ”

އާޔަތުގެ ބޭރުފުށުގެ މާނައަށް ބަލާއިރު، ހަނދުމަވުމުގެ ކުރިން އެމީހުންނާއެކު އިނދެވުމަކީ ފާފަވެރިވާނޭ ކަމެއްނޫން ކަން އެނގެއެވެ.

އަދި ޞަޙީޙް މުސްލިމްގައި ވާގޮތުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا މި އާޔަތް ކިޔަވާ ވިދާޅުވުމުން، ﷲ ތަޢާލާ، އާއެކޭ (އިޖާބަކުރައްވައިފީމޭ) ވަޙީކުރެއްވިކަން ސާބިތުވެއެވެ.” “أضواء البيان” (1 / 312).

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ލަފުޒުތައް ބޭނުންކުރުމުގައި، އެ ބުނާ މީހާގެ ނިޔަތާއި މަގުސަދަށް ބަލަންޖެހޭނެ ކަމަށް އަހަރެމެން މި ބުނި ބުނުމަކީ، އެ މީހަކު އެ ލަފުޒެއް ބުނުމަށް ގަސްދުކޮށް، އޭގެ ނަތީޖާއަށް ވެސް ބޭނުންވެގެން މެނުވީ އެއާ ގުޅޭ ހުކުމްތައް އެމީހެއްގެ މައްޗަށް ލާޒިމު ނުވާނެ ކަމެވެ. އެއީ އެމީހަކު އެ ލަފުޒު ބުނުމަށް އަމިއްލަ އިޚްތިޔާރުގައި ގަސްދުކުރުމުގެ އިތުރުން، އެ ބުނި އެއްޗެއްގެ މާނައާއި އޭގެ ނަތީޖާއަށް ވެސް ގަސްދުކުރަން ޖެހޭނެތީއެވެ. އެހެންކަމުން މިތަނުގައި ދެ ގަސްދެއް (އިރާދައެއް) އޮންނަންޖެހެއެވެ. އެއީ އަމިއްލަ އިޚްތިޔާރުގައި އެ ލަފުޒު ބުނުމުގެ ގަސްދާއި، އެ ބުނި އެއްޗަކުން ނުކުންނަ ނަތީޖާއަށް ނުވަތަ މާނައަށް އޮންނަ ގަސްދެވެ. އަދި ކިއެއްތަ، ލަފުޒަށް ކުރާ ގަސްދަށްވުރެ އޭގެ މާނައަށް ކުރާ ގަސްދު މާ މުހިންމުވެފައި ގަދަވެގެންވެއެވެ. ސަބަބަކީ އަސްލު މަގުސަދަކީ މާނަ ކަމަށްވެފައި، ލަފުޒަކީ އެ މާނައަށް ވާސިލުވުމަށް ބޭނުންކުރާ ވަސީލަތަކަށް ވާތީއެވެ. މިއީ އިސްލާމީ އުންމަތުގެ ފަތުވާ ނެރުއްވާ އިމާމްވެރި އިލްމުވެރިންގެ ބަސްފުޅެވެ.” “أعلام الموقعين” (4 / 447).

ރުޅި އައިސް ހުރެ ބުނާ ބަހުން ކުރާ ޡިހާރު ނުވަތަ ވަރި

މި އަސާސްގެ މައްޗަށް ބިނާކޮށް، ރުޅިއައިސްފައިވާ މީހާގެ ބަސްތަކާމެދު ޢަމަލުކުރެވޭނެ ގޮތް ކަނޑައެޅެއެވެ. އެގޮތުން، އައިސްފައިވާ ރުޅީގެ ސަބަބުން ތިމާއަށް މި ބުނެވެނީ ކީކޭކަން ދެނެގަތުމުގެ ބާރު ނެތިގޮސް، ނުވަތަ އަމިއްލަ އިޚްތިޔާރުން ބޭރުވެ، އެއްވެސް ގަސްތަކާ ނުލައި މަޖުބޫރުވެގެން ބަސްތަކެއް ބޭރުވާ ހާލަތުގައި، އެ މީހަކު ދައްކާ ހަމައެކަނި ވާހަކައަކަށް އިޢުތިބާރެއް ނުކުރެވޭނެއެވެ. އަދި އެ ބަސްތަކުގެ މައްޗަށް އެއްވެސް ޝަރުޢީ ޙުކުމެއް ބިނާއެއް ނުވާނެއެވެ. ވަރިކުރުމުގެ މައްސަލައިގައި ނައްޞުން ސާބިތުވާ ގޮތަކީވެސް މިއީއެވެ.

عَنْ عَائِشَةَ رَضِيَ الله عَنْهَا قَالَتْ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:   لَا طَلَاقَ، وَلَا عَتَاقَ فِي غِلَاقٍ  رواه أبو داود (2193)، وحسّنه الألباني بمجموع أسانيده في “إرواء الغليل” (7 / 113)، قَالَ أَبُو دَاوُدَ: ” الْغِلَاقُ: أَظُنُّهُ فِي الْغَضَبِ “.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: “އިޣްލާޤުގެ (އެބަހީ: ބުއްދި ނުވަތަ އިޚްތިޔާރު ބަންދުވެފައިވާ) ޙާލަތުގައި ވަރިއެއް އަދި އަޅުން މިނިވަންކުރުމެއް ނުވެއެވެ.” އަބޫ ދާއޫދު ވިދާޅުވާ ގޮތުގައި ‘އިޣްލާޤު’ މި ޙަދީޘްގައި އައިސްފައިވަނީ ރުޅިއަށް ނިސްބަތްކޮށެވެ.”

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ރުޅިގަދަވުމުގެ ސަބަބުން ތިމާއަށް ބުނެވޭ އެއްޗަކާއި ކުރެވޭ ޤަޞްދު ނޭނގޭ ހިސާބަށް ދިޔުމަކީ އެންމެ ވަރުގަދަޔަށް ބުއްދި ބަންދުވާ އެއް ހާލަތެވެ. މިފަދަ ހާލަތެއްގައި ހުންނަ މީހާގެ މިސާލަކީ ބުއްދި ފިލައިގޮސްފައިވާ މީހެއް ނުވަތަ މަސްތުގެހާލަތުގައި ހުރި މީހެއްގެ މިސާލެވެ. އަދި ކިއެއްތަ، މަސްތުވެފައި ހުންނަ މީހާއަށްވުރެ ވެސް މި ހާލަތު މާ ގޯހެވެ. އެހެނީ މަސްތުވެފައި ހުންނަ މީހާ އަމިއްލަ ނަފްސު ގަތުލެއް ނުކުރާނެއެވެ. އަދި އޭނާގެ ދަރިފުޅު އުސްތަނަކުން ވައްޓައެއްވެސް ނުލާނެއެވެ. ނަމަވެސް، އިންތިހާއަށް ރުޅިގަދަވެފައި ހުންނަ މީހާ މިފަދަ ކަންކަން ކޮށްފާނެއެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި ހުންނަ މީހަކު ކުރާ ވަރި، އަސްލުގައި ވަރިއަކަށް ނުވާނޭކަމާމެދު ޢިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނެތެވެ.  އަދި މިކަމާ ގުޅޭގޮތުން އައިސްފައިވާ ހަދީޘް، ރުޅީގެ މިފދަ ޙާލަތަށް ކަނޑައެޅިގެން ފެތެއެވެ.” “إغاثة اللهفان” (ص 19).

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: “މީހާކު އޭނާގެ ބުއްދި ސަލާމަތުން ހުރެ އަދި ކުރެވޭ ކަންތައްތައް އެނގޭ ހާލުގައި އެކަމަކު އިންތިހާއަށް ރުޅި އައުމުގެ ސަބަބުން ވަރިކުރި ކަމުގައިވިޔަސް، އެ ވަރި އެއީ ސައްހަ ވަރިއެއް ކަމުގައި ނުބެލެވޭނެއެވެ. އެހެނީ، އެ ވަގުތު އޭނާ އެ އަމަލު ހިންގަން މަޖުބޫރުކުރުވީ އޭނާގެ ކިބައިގައި ހުރި ގަދަ ރުޅިއެވެ. އެ ގަދަ ރުޅި އެކަމުގެ މައްޗަށް އޭނާ ކޮށްޕާލީއެވެ. އަދި އޭނާ އެ ވަރީގެ ބަސްތައް ބުނެފައިވަނީ، އެ ބަސްތައް ބުނަން ބޭނުންވެގެން ނުވަތަ ގަސްތުކޮށްގެންނެއް ނޫނެވެ. އެހެނެއްކަމަކު މަޖްބޫރުވެގެންނެވެ. އެއީ އޭނާގެ ކިބައިގައި ހުރި ރުޅީގެ އަސަރުގެ ތެރެއިން ހިތަށް ހަމަޖެހުމެއް ހޯދައިދިނުމަށްޓަކައި ބުނެވުނު ބަސްތަކެކެވެ. ގަދަ ރުޅީގެ ސަބަބުން މި ހާލަތުގައި އޭނާގެ ކިބައިގައި (ވަރިކުރުމުގެ) ޞައްޙަ ގަސްތެއް ނެތެވެ. އެހެންކަމުން އޭނާ ބެލެވޭނީ މަޖުބޫރުކުރެވިފައިވާ މީހެއްގެ ގޮތުގައެވެ.  އެހެންކަމުން، އެފަދަ  ރުޅިވެރިކަމުގެ ހާލަތެއްގައި އަމިއްލަ ނަފްސަށާއި މުދަލަށް ބަދުދުޢާ ކުރި ކަމުގައިވިޔަސް އެ ދުޢާ އިޖާބައެއް ނުކުރެވޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ހުރެ ހެޔޮކަމެއް ކުރުމަށް ނަދުރެއް ބުނި ކަމުގައިވިޔަސް، އެ  ނަދުރު ފުއްދުން އޭނާގެ މައްޗަށް ލާޒިމެއް ނުވާނެއެވެ.” “الإنصاف في معرفة الراجح من الخلاف” (22 / 138 – 139).

ވަރީގެ މައްސަލައިގައި މި ބަޔާންކުރެވުނު ޙުކުމަކީ ޡިހާރުގެ (އަނބިމީހާ އަކީ މަންމަ ފަދަ މީހެއް ކަމަށް ބުނުމުގެ) މައްސަލައިގައި ވެސް އޮތް ޙުކުމެވެ.

ނަމަވެސް، ރުޅިއައި ކަމުގައިވިޔަސް، އެ މީހަކު އެ ބުނާ އެއްޗެއް ވަކިކޮށް ދެނެގަތުމުގެ ބާރާއި، ދައްކާނެ ވާހަކައެއް އިޚުތިޔާރުކުރުމުގެ ބާރާއި، އަދި ބަސްމަގު ކޮންޓްރޯލްކުރުމުގެ ކުޅަދާނަކަން އެ މީހެއްގެ ކިބައިން ފިލައި ނުދާނަމަ، އެފަދަ ޙާލަތެއްގައި އޭނާ ދައްކާ ވާހަކަތަކުގެ މައްޗަށް އިސްލާމްދީނުގެ ޙުކުމްތައް ހިނގާނެއެވެ. އެހެން ޢިބާރާތަކުންނަމަ، ރުޅި އައި ކަމުގައިވިޔަސް ރުޅީގެ ސަބަބުން އިޚްތިޔާރުން ބޭރުނުވާނަމަ އޭނާ އެކުރާ ކަންކަމާއި ބުނާ ބަސްތަކުގެ ޒިންމާ އޭނާ އުފުލަންޖެހޭނެއެވެ.

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ. “އަޅުގަނޑަކީ އަޅުގަނޑުގެ ބޮޑުބޭބެގެ ދަރިއަކާ ކައިވެނިކޮށްގެން އުޅޭ މީހަކީމެވެ. އެ ކައިވެންޏަށް ފަސް ކުދިން ލިބިފައިވެއެވެ. ދެމީހުންގެ ދެމެދުގައި ޖެހުނު ކުޑަ މައްސަލައެއްގައި، އޭނާ ތަކުރާރުކޮށް ވަރިކޮށްދޭން އެދުމުން، އެކަމުގެ ސަބަބުން އަޅުގަނޑު ވަރަށް ބޮޑަށް ރުޅިގަދަވެ، ‘ކަލޭ ތިހުރީ ވަރިކޮށްފައޭ، އަދި ކަލޭ އަހަރެންގެ މައްޗަށް ޙަރާމްވެއްޖޭ، ދުނިޔެއާއި އާޚިރަތުގައިވެސް ކަލޭ އަހަރެންގެ މަންމަ ފަދައޭ’ މިހެން ބުނެވުނެވެ.”

ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ. “ފުރަތަމަ ކަމަކަށް، ތިޔަ ބުނާ ރުޅިއާ ބެހޭގޮތުން ބަލަންޖެހެއެވެ. އެއީ ތިމާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ މިންވަރަށް އައި ގަދަ ރުޅިއެއް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ، ތިޔަ ބުނި ބަސްތަކަކީ އެއްވެސް އިޢުތިބާރެއް ހުރި ބަސްތަކެއް ނޫނެވެ. އޭގެ ސަބަބުން ވަރިއެއްވެސް އަދި ޡިހާރެއްވެސް (އަނބިމީހާ އަމިއްލަ މަންމައާ އެއްފަދަ ކުރުމެއްވެސް) ނުވާނެއެވެ. ސަބަބަކީ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ މިންވަރަށް ރުޅިގަދަވެފައިވާ މީހާގެ ބަހަކީ ޝަރުޢީ ގޮތުން ބުރަދަނެއް ހުރި އެއްޗެއް ކަމުގައި ނުވާތީއެވެ.

ނަމަވެސް، އެ ރުޅިއައީ އެހާ ބޮޑަށް ނޫންކަމުގައިވާނަމަ، ތިމާއަށް ކިޔޭ އެއްޗެއް އެނގި، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވޭ ހާލަތެއްގައި ބުނި ބަސްތަކެއް ނަމަ، އޭގެ ސަބަބުން ވަރިވެސް ވާނެއެވެ. އަދި ހަމައެއާއެކު ޡިހާރުގެ ޙުކުމްވެސް ހިނގާނެއެވެ. އެއީ ތިބާގެ އަނބިމީހާ ތިބާގެ މަންމައާ އެއްފަދަ ކުރުމުގެ ސަބަބުންނެވެ. ފިރިޔަކު އޭނާގެ އަނބިމީހާ މަންމައާ އެއްފަދަ ކުރުމަކީ ޡިހާރު ކުރުމެވެ.” “فتاوى نور على الدرب” (10 / 444).

والله أعلم

ﷲ ސުބުޙާނަހޫ ވަތަޢާލާ ދެނެވޮޑިގަތުން ބޮޑެވެ.

 

މިއީ އިސްލާމްކިއުއޭގައި މިވާ މި ސުވާލާއި ޖަވާބު ލިޔުމުގެ އަވަސް ތަރުޖަމާއެކެވެ.