ނަމާދުގެ ސަޖިދާގައި އަންހެނުން އޮންނަން ޖެހޭނީ ފިރިހެނުންނާ ތަފާތުކޮށް ދެއަތްދަނޑިވެސް ޖައްސައިގެންތޯއެވެ؟

ނަމާދުގެ އެއްވެސް ޙަރަކާތެއްގައި އަންހެނުންނާއި ފިރިހެނުންނާ އެއްވެސް ތަފާތެއް ނުވެއެވެ. އަންހެނުންވެސް ސަޖިދައިގައި އޮންނަންޖެހޭނީ ފިރިހެނުން އޮންނަ ގޮތަށެވެ. އެހެނީ ނަމާދުގައި އަހަރެމެން ޢަމަލު ކުރަނީ މި ޙަދީޘަށެވެ.

((صَـلُّـوا كَـمَـا رَأَيْـتُـمُـونِـي أُصَـلِّـي)) {رواه البخاري 631}

“ތިމަންކަލޭގެފާނު ނަމާދުކުރަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.
ސަޖިދައިގައި އަތްދަނޑި ނުވަތަ އުނޅަބޮށި ޖައްސައިގެން އޮތުމަކީ ނަހީވެގެންވާ ގޮތެކެވެ. އެގޮތަށް ސަޖިދަކުރީމާ ސަޖިދަ ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ ސަޖިދަކުރުމަށް އައިސްފައިވަނީ ހަތް ގުނަވަނުގެ މަތީގައެވެ. އެއީ ދެއަތްތިލައާއި، ދެފައިގެ އިނގިލި ކުރިއާއި، ދެކަކޫ އަދި ނިތްކުރި (ނޭފަތާއެކު)އެވެ.
އޭގެ ދަލީލަކީ: عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : (أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ : عَلَى الْجَبْهَةِ – وَأَشَارَ بِيَدِهِ عَلَى أَنْف وَالْيَدَيْنِ ، وَالرُّكْبَتَيْنِ ، وَأَطْرَافِ الْقَدَمَيْنِ ) {رواه البخاري (812) ومسلم (490)}

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަތް ގުނަވަނެއްގެ މަތީގައި ސަޖިދަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އެއީ ނިތްކުރިއެވެ. –އަދި ނަބިއްޔާގެ އަތްޕުޅުން ނޭފަތަށް ޢިޝާރާތްކުރެއްވިއެވެ.- ދެއަތްތިލަ، ދެކަކޫ އަދި ދެފައިގެ އިނގިލީގެ ކުރިތަކެވެ.”
عَنْ ابْنِ عَبَّاسٍ رضي الله عنهما عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ ، وَلَا أَكُفَّ ثَوْبًا وَلَا شَعْرًا ) {رواه البخاري (816) ومسلم (490)}

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ނަމާދުގައި ހެދުން ނުއޮޅުމަށާއި، އިސްތަށިގަނޑު ނޭއްސުމަށް އަދި ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ.”

މި ހަތް ގުނަވަނުގެ އިތުރު ގުނަވަނެއް ސަޖިދައިގައި ޖެއްސުމާއި، ހަތް ގުނަވަނަށް ވުރެ މަދުން ޖެއްސުމަކީ ސަޖިދަ މަކްރޫހަވާ ކަމެކެވެ.
އަންނައުނު ނުއޮޅުމަށް އޮތް އަމުރަކީ ނަމާދު ކުރާއިރު ލާ އަންނައުނު (ފަޓުލޫނު ގަމީސްފަދަ ތަކެތި) ނޯޅުމަށް އޮތް އަމުރެކެވެ.
އިސްތަށިގަނޑު ނޭއްސުމަށް އޮތް އަމުރަކީ ފިރިހިނުންގެ ތެރެއިން ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ތިބޭ މީހުން،  ނަމާދުކުރާއިރު އެ އިސްތަށިގަނޑު ނޭއްސުމަށް އޮތް އަމުރެކެވެ. އެއީ އަންހެނުންނަށް އޮތް އަމުރެއް ނޫނެވެ.

ބައެއް އަންހެނުން ސަޖިދަކުރާއިރު އަތުގެ ދެއަތްތިލައިގެ އިތުރުން ދެއަތްދަނޑިވެސް ޖައްސައެވެ. އޭރުން، ސަޖިދަ ކުރުމަށް އަމުރުވެވިފައިވާ ހަތް ގުނަވަނުގެ އިތުރުން ދެ ގުނަވަން ޖެއްސުނީއެވެ. އެކަމަކީ މަކްރޫހަ ކަމެކެވެ.
عن أَنس – رضي الله عنه – عن رسول الله – صلى الله عليه وسلم – قال : (اعْتَدِلُوا فِي السُّجُودِ وَلَا يَبْسُطْ أَحَدُكُمْ ذِرَاعَيْهِ انْبِسَاطَ الْكَلْبِ) . {رواه البخاري في “صحيحه”(2 / 302 فتح)، والنسائي في “سننه”: (1109).}
އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ސަޖިދާގައި ސީދާވާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ކުއްތާ އޭގެ ދެއަތްދަނޑި ދަމާލާ ފަދައިން (ސަޖިދާގައި) ދެއަތްދަނޑި ނުދަމާށެވެ”

ސަޖިދަކުރާއިރު ދެއަތް ދަނޑި ކައިރީގައި ބޭއްވުމުގެ ބަދަލުގައި ދެއަތްދަނޑި ހުންނަން ޖެހޭނީ ފޭކޮށްފައެވެ.

عَنْ مَيْمُونَةَ بِنْتِ الْحَارِثِ رضي الله عنها قَالَتْ : ( كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَجَدَ جَافَى حَتَّى يَرَى مَنْ خَلْفَهُ وَضَحَ إِبْطَيْهِ ) {رواه مسلم (497) .}

މައިމޫނާ ބިންތިލް ޙާރިޘް ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. މައިމޫނާ ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަކުރައްވާ ނަމަ ނަބިއްޔާގެ ފަހަތުގައި ތިބޭ މީހުންނަށް އެކަލޭގެފާނުގެ ދެކިހިލިފަތުގެ ދޮންކަން ފެނިއްޖައުމަށް ދަންދެން ދެއަތް ފޭކުރައްވައެވެ.”