
“މުސީބާތްތައް ވަނީ ދުލުން ބުނާ ބަސްތަކާ ގުޅިފައެވެ” (البلاء موكل بالمنطق) މިއީ ބައެއް ސަޙާބީންނާއި ތާބިޢީންގެ ކިބައިން ރިވާވެގެންވާ ބަސްފުޅެކެވެ. އަދި މިއީ މާކުރީ ޒަމާނުން ފެށިގެން ޢަރަބިންގެ ތެރޭގައި ބޭނުންކުރެވެމުން އަންނަ މަޝްހޫރު މިސާލު ބަހެއްވެސް މެއެވެ. މި ބަހުގެ މުރާދަކީ، މީހަކު ބުނާ ބަހެއްގެ ސަބަބުން، އެ ބުނި ބަހާ އެއްގޮތަށް އޭނާއަށް މުސީބާތެއް ނުވަތަ އިމްތިޙާނެއް ކުރިމަތިވެދާނެ ކަމެވެ. އެހެން ޢިބާރާތަކުންނަމަ ބައެއްފަހަރު މީހަކަށް ކުރިމަތިވާ މުޞީބާތަކީ އޭނާ ބުނާ ބަހާ ގުޅިފައިވާ ކަމަކަށްވެދެއެވެ. މިއީ ޙަޤީޤަތެއްކަން ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ތަފްސީރު ތަކުންނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޙަދީޘްތަކުން އަދި އިހާއި ފަހުގެ ތާރީޚީ ބައެއް ހާދިސާތަކުން ސާބިތުވެއެވެ. އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ، އެކަލޭގެފާނުގެ “ތުޙްފަތުލް މައުދޫދު ބިއަޙްކާމިލް މަވްލޫދު” (ޞަފުޙާ 122) ގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ.
ނަބަވީ ޙަދީޘްފުޅެއްގައި ވެއެވެ.
عن ابن عباسٍ رضي اللَّهُ عنهما: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى رَجُلٍ يَعُودُهُ، فَقَالَ: لاَ بَأْسَ طَهُورٌ إِنْ شَاءَ اللَّه، فَقَالَ: كَلَّا، بَلْ حُمَّى تَفُورُ، عَلَى شَيْخٍ كَبِيرٍ، كَيْمَا تُزِيرَهُ القُبُورَ، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ :فَنَعَمْ إِذًا – رواه البخاري (5338) .
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަލިމީހަކަށް ޒިޔާރަތްކުރައްވައި ޙާލު ބެއްލެވުމަށްޓަކައި އެމީހާގެ ގާތަށް ވަދެވަޑައިގަތެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. لاَ بَأْسَ طَهُورٌ إِنْ شَاءَ اللَّه “މިކަމާ ހާސްނުވާށެވެ. މިއީ ﷲ އިރާދަކުރެއްވިއްޔާ ތިބާގެ ފާފަތައް ފުހެވި، ތިބާ ތާހިރުކޮށްދޭނޭ ކަމެކެވެ.” އެހިނދު އެމީހާ ދެންނެވިއެވެ. “އެހެންނެއް ނޫނެވެ. މިއީ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ގަދައަށް އަނދައިގަންނަ ހުމެކެވެ. މިއީ (އަހަރެން) ކަށްވަޅަށް ފޮނުވާލާނެ ބައްޔެކެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެހެންވީއިރު، ތިބާ ބުނި ފަދައިން އެކަން ވާހުއްޓެވެ.” ފަހެ އެމީހާ އެބަލީގައި މަރުވެއްޖެއެވެ.
އެއްފަހަރަކު، ވައަތުން ކެއި މީހަކަށް، ކަނާތުން ކެއުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވުމުން، ބޮޑާކަމާއެކު “ތިމަންނައަކަށް ނުކެވޭނެއެވެ” އެމީހާ ބުންޏެވެ. عن سلمةَ بن الأَكْوَع أنَّ رَجُلاً أَكَلَ عِنْدَ رَسُولِ الله بِشِمَالِهِ ، فَقَالَ : « كُلْ بِيَمِينِكَ » قَالَ : لا أسْتَطِيعُ . قَالَ : « لا اسْتَطَعْتَ » ! مَا مَنَعَهُ إِلا الكِبْرُ ! فَمَا رَفَعَهَا إِلَى فِيهِ . ((رواه مسلم)) ސަލަމަތު ބިން އަލްއަކްވަޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން، މީހަކު ރަސޫލުﷲ ﷺ ގެ އަރިހުގައި އިންނަވައިގެން ވާތުން ކާން އިނެވެ. އެހިނދު އެކަލޭގެފާނު އެމީހާއަށް ޙަދީޘްކުރެއްވިއެވެ: “ތިބާ ކަނާތުން ކާށެވެ.” އެމީހާ ދެންނެވިއެވެ: “ތިމަންނައަށް ތިޔަކަމެއް ނުކުރެވޭނެއެވެ.” އޭނާ އެހެން ބުނީ އޭނާގެ ކިބައިގައި ހުރި ބޮޑާކަން ނޫން އެހެންކަމެއްގެ ސަބަބަކުން ނޫނެވެ. ދެން އެކަލޭގެފާނު (އެމީހާގެ މައްޗަށް ދުޢާކުރައްވައި) ޙަދީޘްކުރެއްވިއެވެ: “ތިބާއަށް ތިކަން ނުވެސް ކުރެވޭށިއެވެ!” (އެކަލޭގެފާނު އެހެން ޙަދީޘްކުރެއްވި ފަހުން) އޭނާގެ އަތް އަނގައާ ހަމައަށް އުފުލައިލުމަށްވެސް އޭނާ ނުކުޅެދުނެވެ.
މުއައްމަލް ބިން އަމީލް އަލްމުޙާރިބީ ނަމަކަށް ކިޔާ ޝާއިރަކު ހިންދު ނަމަކަށް ކިޔާ އަންހެނަކަށް ނިސްބަތްކޮށް ލިޔެފައިވާ މަޝްހޫރު ޅެމެއްގައި ބުނެފައިވެއެވެ. “އޭނާ ފެނުމުން އަހަރެންގެ ހިތް ހަލާކުވެއްޖެއެވެ. އޭނާ ނުފެނުމަށްޓަކައި އަހަރެންނަށް ލޮލުގެ ފެނުން ނުލިބުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟” މި ޅެން ކީތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާގެ ލޮލުގެ ފެނުން ގެއްލުނު ކަމަށް ރިވާވެފައިވެއެވެ.
އަލްޚަޠީބުލް ބަޣްދާދީ ރަޙިމަހުﷲ އެކަލޭގެފާނުގެ ތާރީޚު ބަޣްދާދުގައި އަންނަނިވި ވާހަކަ ޛިކްރުކުރައްވާފައިވެއެވެ. ޚަލީފާ ހާރޫނުއް ރަޝީދުގެ އަރިހުގައި، އިޝާ ނަމާދުގެ ވަގުތު ޖެހުމުން، އިމާމުވެ ނަމާދުކުރުމަށް އަލްކިސާއީ ރަޙިމަހުﷲ އިސްކުރެވުނެވެ. ނަމަވެސް، ނަމާދުގައި “އަލްކާފިރޫން” ސޫރަތް ކިޔަވައިވިދާޅުވި ވަގުތު އެކަލޭގެފާނަށް އޮޅުން އަރައި، ކުރިއަށް ގެންދަވަން ދަތިފުޅުވިއެވެ. އެހިނދު އަލްޔަޒީދީ ރަޙިމަހުﷲ ވިދާޅުވިއެވެ: “މި ސޫރަތް ކިޔެވުމުގައި އޮޅުންއެރުމަކީ ކޫފާގެ ގާރީންނަށް ދިމާވާ ކަމެކެވެ.” ދެން ޖެހިގެން އައި ނަމާދު ވަގުތުގައި އިމާމުވެ ނަމާދުކުރުމަށް އިސްކުރެވުނީ އަލްޔަޒީދީ ރަޙިމަހުﷲއެވެ. ނަމަވެސް، ހައިރާންވީ ކަމަކީ، އެކަލޭގެފާނަށް “އަލްފާތިޙާ” ސޫރަތް ކިޔަވައިވިދާޅުވި ވަގުތު އޮޅުން އަރައި، ކިޔަވައިވިދާޅުވާން ދަތިފުޅުވީތީއެވެ. ނަމާދުން ސަލާމްދެއްވުމަށްފަހު، ކުރިން ވިދާޅުވި ބަސްފުޅާ މެދު ހިތާމަކުރައްވައި އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. “ތިބާގެ ދޫ ރައްކާތެރިކުރާށެވެ. އިމްތިޙާނަކާ ކުރިމަތިވެދާނެ ފަދަ ބަހެއް ނުބުނާށެވެ. ހަމަކަށަވަރުން މުޞީބާތްތައް ކުރިމަތިވަނީ މީހާގެ ބަސްމަގުގެ ސަބަބުންނެވެ.”
އަލްޙާފިޡު އައްޛަހަބީ (ރަޙިމަހުﷲ) އެކަލޭގެފާނުގެ މަޝްހޫރު ތާރީޚު ފޮތް ކަމަށްވާ “ސިޔަރު އަޢުލާމުއް ނުބަލާ” ގައި ބަޔާންކުރައްވާފައިވެއެވެ. ވަޒީރު އިބްނުއް ޒައްޔާތު ވިދާޅުވިއެވެ. “އަހަރެން ދުވަހަކުވެސް އެއްވެސް މީހަކަށް ރަޙުމެއް ނުކުރަމެވެ. ރަޙުމަކީ އިންސާނާގެ ތަބީޢަތުގައި ހުންނަ ބަލިކަށިކަމެކެވެ.” ނަމަވެސް، ދުވަސްތަކެއް ފަހުން ކަންތައްތައް ބަދަލުވެ، އޭނާގެ މައްޗަށް މުޞީބާތްތައް ކުރިމަތިވިއެވެ. އޭނާ ހައްޔަރުކުރެވުނީ ހުރިހާ ފަރާތަކުން ތޫނު ކަށިތަކެއް ފަދަ މޮހޮރުތަކެއް ޖަހާފައިވާ ހަނި ކޮށްޓެއްގެ ތެރޭގައެވެ. އެތަނުގެ ވޭނަށް ކެތްނުކުރެވިގެން، އޭނާ އާދޭސްކުރަމުން ގޮވަމުން ދިޔައެވެ: “އަހަންނަށް ރަޙުމްކުރާށެވެ!” އެހިނދު، މީހުން އޭނާއަށް ޖަވާބު ދެމުން ދިޔައީ އޭނާ ކުރިން ބުނި ބަސްތަކުންނެވެ: “ރަޙުމަކީ އިންސާނާގެ ތަބީޢަތުގައި ހުންނަ ބަލިކަށިކަމެކެވެ.”
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ލިޢާންކުރާ މީހުންގެ ވާހަކަ ދެކެވުނެވެ. އެހިނދު ޢާޞިމް ބިން ޢަދިއްޔު އެކަމާ ގުޅޭގޮތުން ބަހެއް ވިދާޅުވުމަށްފަހު ވަޑައިގަތެވެ. ދެން ޢާޞިމްގެގައުމުގެ މީހަކު އައިސް، އޭނާގެ އަނބިމީހާއާއެކު ހިލޭ ފިރިހެނަކު އޮއްވާ ފެނުނު ކަމުގެ ޝަކުވާ ދެންނެވިއެވެ. އެހިނދު ޢާޞިމް ވިދާޅުވިއެވެ: “މި ބޮޑު ކަންތައްގަނޑާ އަހަރެން ކުރިމަތިލާން މިޖެހުނީ ހަމައެކަނި އަހަރެން ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.” (މިއީ ބުޚާރީ އަދި މުސްލިމް އިއްތިފާގުވެފައިވާ ހަދީޘެކެވެ).
ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: “އަހަރެން ދެއްކި ވާހަކައެއްގެ ސަބަބުން” މި ބަހުގެ މާނައަކީ، އަދި ހިނގާފައި ނުވާ ކަމަކާ ބެހޭގޮތުން ސުވާލުކުރުމުގެ ސަބަބުންނެވެ. އެކަލޭގެފާނު އެ ވިދާޅުވީ، އެފަދަ ކަމަކާ ބެހޭގޮތުން ކުރެއްވި ސުވާލުގެ އުގޫބާތެއްގެ ގޮތުން، އަމިއްލަ އާއިލާގެ ތެރޭގައި އެކަން ހިނގީ ކަމަށް ވެދާނެއެވެ.
އަދި އިބްނު އަބީ ޙާތިމް، މުޤާތިލް ބިން ޙައްޔާންގެ ކިބައިން ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ: އެހިނދު ޢާޞިމް ވިދާޅުވިއެވެ: “إنا لله وإنا إليه راجعون، ﷲ ގަންދީ ބުނަމެވެ، މިއީ މީސްތަކުންގެ ތެރޭގައި އެކަމާ ބެހޭގޮތުން އަހަރެން ކުރި ސުވާލުގެ ސަބަބުން ދިމާވި ކަމެކެވެ. އެކަމުގެ އިމްތިޙާނާ އަހަރެން ކުރިމަތިލާން މިޖެހުނީއެވެ.”
މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެން ދުލުން ބޭރުކުރާ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އަޅުގަނޑުމެން ބުނާ ބަސްތަކަކީ ޙަޤީޤަތަކަށް ބަދަލުވެދާނެ އެއްޗެކެވެ. ނުރުހޭ ކަންކަމާ ގުޅުވައިގެން ވާހަކަ ނުދައްކާށެވެ. ބައެއް ފަހަރު ދުލުން ބުނެވޭ ބަހެއްގެ ސަބަބުން އެކަމެއް މެދުވެރިވެދެއެވެ.
ޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވާ ފަދައިން، ބުނެވޭ ބަހެއްގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސަށް ނުވަތަ އަނބިދަރިންނަށް ވެސް މުޞީބާތެއް ކުރިމަތިވެދާނެއެވެ. އިމާމް އިބްނުލް ޤައްޔިމް ވިދާޅުވެފައިވަނީ، އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް މިފަދަ ކަންކަން މެދުވެރިވެފައިވާ ތަން ދެކެވަޑައިގެންފައިވާ ކަމަށެވެ.
އިސްވެ ބަޔާންކުރެވުނު ކަންތައްތަކާއެކު ވެސް، މިއީ އިންސާނާ ދައްކާ ކޮންމެ ވާހަކައަކާ ގުޅިގެން އޭނާ އިމްތިހާނު ކުރެވިދާނެ ކަމަށް ބުނެވޭ އާންމު އުސޫލެއް ނޫނެވެ. އަދި މިފަދަ ބަސްތައް ބުނެއުޅޭ މީހުންގެ މަގްސަދަކީ ވެސް އެއީއެއް ނޫނެވެ. މި މިސާލު ބަހުގެ އަސްލު މަގްސަދަކީ، ނުބައި ބަސްތައް ބުނުމާއި، އަމިއްލަ ނަފްސުގެ މައްޗަށް ނުބައި ކަންކަމަށް ދައުވަތު ދިނުމާއި، ނުވަތަ ކަންކަމާ މެދު މާޔޫސްވެ ދެރަކަން ލިބޭ ފަދަ ވާހަކަތައް ދެއްކުމުން އިންސާނާ ދުރުހެލިކުރުވުމެވެ. އެއީ އެފަދަ ކަމެއް މެދުވެރިވެދާނެތީ ރައްކާތެރިވުމުގެ ގޮތުންނެވެ. އޭގެ ބަދަލުގައި، ރިތި މާނަތައް އެކުލެވޭ، އުއްމީދާއި އުފާވެރިކަން ގެނެސްދޭނެ ފަދަ ހެޔޮ ބަސްތައް އިޚްތިޔާރު ކުރުމަށް މި މިސާލުބަހުން ހިތްވަރުދެއެވެ.
އިބްނު އަބިއްދުންޔާ، އިބްރާހީމް އައްނަޚައީގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ހަމަކަށަވަރުން އަހުރެންގެ ހިތަށް ބައެއް ކަންކަން އަރައި، އެ ވާހަކަ ދައްކަން ބޭނުންވެއެވެ. ނަމަވެސް އެ ވާހަކައެއް ދެއްކުމުން އަހުރެން މަޑުޖެހެނީ، އެކަމުގެ ސަބަބުން އަހުރެންނަށް މުސީބާތެއް ނުވަތަ އިމްތިހާނެއް ކުރިމަތިވެދާނެ ކަމުގެ ބިރަށްޓަކައެވެ.” (އަލްސަމްތު ވައާދާބުއްލިސާން، ޞަފްޙާ: 169).
ޝާޢިރު ވިދާޅުވެފައިވެއެވެ.
اِحْفَظْ لِسَانَكَ لَا تَقُلْ فَتُبْتَلَى
إِنَّ الْبَلَاءَ مُوَكَّلٌ بِالْمَنْطِقِ
“ތިބާގެ ދޫ ރައްކާތެރިކުރާށެވެ. (ނުރަނގަޅު) ބަސްތައް ބުނެ އުޅުމުގެ ސަބަބުން އިމްތިހާނަކާ ނުވަތަ މުސީބާތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. ހަމަކަށަވަރުން، އިންސާނާއަށް ކުރިމަތިވާ ގިނަ މުސީބާތްތަކަކީ އޭނާގެ ދޫމަތިން ބޭރުވާ ބަސްތަކާ ގުޅިލާމެހިފައިވާ ކަންކަމެވެ.”
މީހަކަށް އެއްވެސް ބާވަތެއްގެ މުސީބާތެއް ނުވަތަ އިމްތިޙާނެއް ކުރިމަތިވެއްޖެނަމަ، އެކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމަކީ ދީނުގައި ޝަރްޢުވެފައިވާކަމެކެވެ. އެ މުސީބާތަކީ ނުރުހެވޭ ފަދަ ބަހެއް ބުނުމުގެ ސަބަބުން މެދުވެރިވި ކަމެއް ކަމުގައި ވިޔަސް، ނުވަތަ އެ ނޫން ސަބަބަކާ ހުރެ މެދުވެރިވި ކަމެއް ކަމުގައި ވިޔަސް މެއެވެ. އަދި އެއީ އެނގިހުރެ ނުވަތަ ނޭނގި ހުރެ ކުރެވުނު ކަމެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމުގައި ވިޔަސް، ދުޢާކުރުމަކީ އޮތް މަގެކެވެ.



