މާތް ﷲ އަކީ ރަޙްމާންވަންތަ އިލާހު ކަމުގައިވާއިރު، ބައެއް މީހުން މި ދުނިޔެމަތީގައި “ސަފަރ” ކުރަންޖެހެނީ ކީއްވެތޯ؟

މާތް ﷲ އަކީ ރަޙްމާންވަންތަ އިލާހު ކަމުގައިވާއިރު، ބައެއް މީހުން މި ދުނިޔެމަތީގައި “ސަފަރ” ކުރަންޖެހެނީ ކީއްވެތޯ؟ މިސާލަކަށް ހަމަ ރަނގަޅަށް ނަމާދުކޮށްގެން އުޅޭ މީހުންނަށްވެސް އެކި އެކި ޑިސްއޯރޑަރ ހުންނަ ކުދިން ދެއްވުން ފަދަ ކަންކަން، ގޯސްކޮށް އުޅޭ މީހުންނަށް ރަނގަޅު ދަރީން ދެއްވުން ފަދަ ކަންކަން؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

މިއީ މިއަދު ބައެއް މީހުން އުފައްދާ ޝުބުހައެކެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއީ އެންމެ އޯގާވަންތަ އިލާހު ކަމުގައިވާއިރު، އެއިލާހަށް އީމާންވެގެން ތިބި މީހުންނަށް އެކިއެކި މުޞީބާތްތައް ކުރިމަތިވަނީ ކީއްވެތޯއެވެ؟ ބައެއް މީހުންނަށް މިފަދަ ޝުބުހަތަކުގެ އަސަރުކުރަނީ ދީނީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންނާއި، ދުނިޔޭގެ ޙަޤީޤީ މަފްހޫމް ނޭނގުމުގެ ސަބަބުންނެވެ.

ސުވާލުގައިވާ ޝުބުހަ ބިނާވެފައިވަނީ ދެކަމެއް ނޭނގުމުގެ މައްޗަށެވެ. ނުވަތަ ދެކަމެއް ފަހުމުނުވުމުގެ މައްޗަށެވެ.

ފުރަތަމަ ކަމަކީ، ﷲ ތަޢާލާގެ ސިފަފުޅުތަކަކީ ހަމައެކަނި ރަޙުމަތްކަމުގައި ބެލުމެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއީ ހަމައެކަނި ރަޙުމާންވަންތަ އިލާހެވެ. އެހެންކަމުން، މިފަދަ ޝައްކުތައް އުފައްދާއިރު އެބައިމީހުން ފާހަގަކުރަނީ ހަމައެކަނި އެއް ސިފަފުޅެވެ. ﷲ އީ ރަޙުމާންވަންތަ އިލާހެވެ. އެއީ ތެދެކެވެ. ނަމަވެސް އެހެން ސިފަފުޅުތަކުގެ ވާހަކަ އެބައިމީހުން ނުދައްކަނީ ކީއްވެގެންތޯއެވެ؟ އިސްލާމީ ޢަޤީދާގައިވާ ގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާއީ ގިނަގުނަ ސިފަފުޅުތަކެއްގެ ވެރި އިލާހެވެ. އޭގެ ތެރޭގައި ރަޙުމަތްވަންތަކަން ހިމެނެއެވެ. އެކަލާނގެއީ ރަޙުމާންވަންތަ ރަޙީމްވަންތަ އިލާހެވެ. ހަމައެއާއެކު އެކަލާނގެއީ އަލްޢަލީމް އެންމެހައި ކަންކަން މޮޅަށް ދެނެވޮޑިގެންވާ، އަލްޙަކީމް ޙިކުމަތްވަންތަ (ހުރިހާ ކަމެއް ހަރުދަނާކަމާއެކު އެކަމެއް ކުރަންޖެހޭގޮތަށް ކުރަންޖެހޭ ވަގުތު ކުރަންޖެހޭ މަޤާމުގައި ކުރައްވާ) އިލާހެވެ. އަދި އެކަލާނގެއީ އަލްޚަބީރު (ހުރިހާ ކަމެއް އޭގެ ވަންހަނާވެ ފޮރުވިފައިވާ ސިއްރުތަކަށް ދަންދެން ދެނެވޮޑިގެންވާ އިލާހު) އެވެ. އެކަލާނގެއީ އަލްޤަދީރު (ހުރިހާ ކަމެއްގެ މައްޗަށް ހުރިހާ ވަގުތެއްގައި ކުޅަދުންވަންތަވެވޮޑިގެންވާ އިލާހު) އެވެ. އެކަލާނގެއީ އަލްޙަކަމް (މޮޅަށް ޙުކުމްކުރައްވާ، އަޅުތަކުންގެ މެދުގައި ފުރިހަމަ ޢަދުލުވެރިކަމާއެކު ނިޔާކުރައްވާ އިލާހު) އެވެ.  ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ކުރައްވަނީ އެކަލާނގެ މަތިވެރި ޙިކުމަތްފުޅުގެ މަތިންނެވެ. ވީމާ، ރަޙްމާންވަންތަ އިލާހު މުޞީބާތް ޖައްސަވަނީ ކީއްވެތޯ މި ސުވާލުގެ ޢިބާރާތް ޙަކީމްވަންތަ އިލާހު އަށް ބަދަލުކޮށްލީމާ އިތުރު ސުވާލެއް އުފައްދާނެ ޖާގަ އޮންނާނެތޯއެވެ؟

ހުރިހާ ކަމެއްގައި މާތްﷲގެ ފުރިހަމަވެގެންވާ ޙިކުމަތްފުޅާއި ޢިލްމުފުޅުވެއެވެ. ނަމަވެސް، އެކަލާނގެ ކޮންމެ ނިންމެވުމެއްގައިވާ ޙިކުމަތްތައް އޭގެ ފުރިހަމަގޮތުގައި ދެނެގަތުމަކީ އަޅުގަނޑުމެންނަށް ކޮންމެހެން ކުރެވޭނެ ނުވަތަ ކުރަންޖެހޭނެ ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ބުއްދިއަކީ އިންތަކެއްގެ ތެރޭގައިވާ އެއްޗަކަށްވެފައި، މާތްﷲގެ ޢިލްމުފުޅަކީ އެއްވެސް އިންތިހާއެއް ނެތް ފުރިހަމަ ޢިލްމަކަށްވާތީއެވެ. އަޅުގަނޑުމެން ކަންކަމާ މެދު ދެކެނީ އަހަރެމެންނަށް ފެންނަ ކުޑަކުޑަ މިންވަރަކަށް ބަލައިގެންނެވެ. އެއީ މާބޮޑު ފޮޓޯއަކުން ފެންނަ އެންމެ ‘ޕިކްސެލް’ އެއް ފަދަ ކަމެކެވެ. މާތްﷲގެ އިލްމުފުޅުގައި މުޅި މަންޒަރު ފުރިހަމައަށް އޮތް ނަމަވެސް، އަޅުގަނޑުމެންނަށް ފެންނަނީ އޭގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން، މާތްﷲގެ މިންވަރުފުޅާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަކީ ވަރަށް ހަނި ދާއިރާއެއްގެ ތެރެއިން ކުރެވޭ ކަމެކެވެ.

މިސާލަކަށް، ޑޮކްޓަރަކު އިންޖެކްޝަން ޖަހާތީ ކުޑަކުއްޖަކު ރޮއި، އެކަމުން ސަލާމަތްވާން މަސައްކަތްކުރާތަން އަހަރެމެންނަށް ފެނެއެވެ. އެ ކުއްޖާ އެ ރޮނީ ކީއްވެގެން ހެއްޔެވެ؟ އެއީ އެކަމުގެ ސަބަބުން ވޭން އަޅާތީއެވެ. އެ ކުއްޖާއަށް އެ ފެންނަނީ އިންޖެކްޝަނަކީ އޭނާއަށް ލިބޭ ގެއްލުމެއް ނުވަތަ ނުބައެއްގެ ގޮތުގައެވެ. ނަމަވެސް، އެ ކުއްޖާގެ ބައްޕަގެ ޢިލްމު އެކުއްޖާގެ ޢިލްމަށްވުރެ ފުޅާވުމުން އެ އިންޖެކްޝަނަކީ ދަރިފުޅުގެ ސިއްހަތަށް އޮތް ހެވެއްގެ ގޮތުގައި ބައްޕަ ޤަބޫލުކުރެއެވެ. އެހެންކަމުން ބައްޕަ އެ ކުއްޖާ ހިފަހައްޓައި އޮބިއަޅައިގެންވެސް ކުއްޖާ ރޮއިރޮއި ހުއްޓާވެސް ޑޮކްޓަރު ލައްވައި އިންޖެކްޝަން ޖަހުވައެވެ.

މާތްﷲގެ މިންވަރުފުޅާއި ގަޟާޤަދަރުގެ ކުރިމަތީގައި އަޅުގަނޑުމެންގެ ހާލަތަކީވެސް އެ ކުޑަކުއްޖާގެ ހާލަތެވެ. އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި ތަދާއި ވޭނެވެ. ނަމަވެސް، އޭގެ ފަހަތުގައިވާ ރައްކާތެރިކަމާއި، ހެވާއި، ފަރުވާއާއި ރަނގަޅުކަންކަން އަދި މާތްﷲގެ މަތިވެރި ޙިކުމަތްފުޅެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ.”

 

މި ޝުބުހައިގެ ދެވަނަ ސަބަބަކީ، މި ދުނިޔޭގައި ތަދާއި ކެކުޅުން ލައްވާފައިވުމުގެ އެއްވެސް ބުއްދިވެރި ސަބަބެއް ނެތް ކަމަށް ޤަބޫލުކުރުމެވެ. މިއީވެސް ހަމަ ކަނޑައެޅިގެން ކުށްހީއެކެވެ. ސަބަބަކީ މި ދުނިޔެއަކީ އޭގެ ޒާތުގައި ޖަޒާ ލިބޭނެ ތަނެއް ނޫންކަން އަޅުގަނޑުމެންނަށް އެނގޭތީއެވެ. އަދި ކިއެއްތަ، މިއީ އިމްތިހާނުގެ ގޮވައްޗެވެ. އިމްތިހާނަކަށް ވާނީ ހެޔޮކަމާއި ނުބައިކަން އެކުގައި އޮވެގެންނެވެ. މިސާލަކަށް، މުދައްރިސަކު ދަރިވަރުންތަކަކަށް އިމްތިހާނެއް ދޭއިރު، ސުވާލުގެ ދަށުގައި ހުރިހާ ޖަވާބުތަކަކީވެސް ރަނގަޅު ޖަވާބު ކަމަށް ހަދާފައި، އެއްވެސް ނުބައި ޖަވާބެއް ނުހިމަނާނަމަ، އެއީ އިމްތިހާނެއް ކަމަށް ބެލެވޭނެ ހެއްޔެވެ؟ އެއީ ވަގުތު ބޭކާރުކުރުމެކެވެ. އިމްތިހާނެއް ނޫނެވެ.

ހަގީގީ އިމްތިހާނަކަށް ވާނީ، ރަނގަޅު ޖަވާބާއެކު ނުބައި ޖަވާބުތައްވެސް ހިމެނިގެންނެވެ. އެއީ ދަރިވަރުން އިމްތިހާނު ކުރުމަށްޓަކައެވެ. މި ދުނިޔޭގެ ހަގީގަތަކީވެސް މިއީއެވެ. މިތަނުގައި ހެޔޮކަމާއި ނުބައިކަންވެސް ލައްވާފައިވަނީ އަޅުގަނޑުމެންނީ އިމްތިހާނެއްގެ މަތީގައިވާ ބަޔަކަށް ވާތީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަން ބަޔާންކޮށްދެއްވާފައެވެ. އެއިލާހު އަހަރެމެން ދުނިޔެމަތީގައި ލައްވާފައިވަނީ އިމްތިޙާނުކުރެއްވުމަށެވެ. އަހަރެމެންގެ ތެރެއިން ހެޔޮޢަމަލު ކުރަނީ ކޮން ބައެއްތޯ އަދި ނުބައި ޢަމަލު ކުރަނީ ކޮން ބައެއްތޯ ބެއްލެވުމަށްޓަކައެވެ.

ސުވާލުގައި އިޝާރާތްކޮށްފައިވާ، ޑިސްއޯރޑަރ ހުންނަ ކުދިން ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ދެއްވަނީ ކީއްވެތޯ ވިސްނާއިރު، މިއީވެސް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުން އިމްތިޙާންކުރައްވާ ގޮތެކެވެ. އެކަމުގައިވެސް އެތައް އެތައް ޙިކްމަތްތަކެއް ވެއެވެ. މާތްﷲ އިންސާނުން ތަފާތު ގާބިލިއްޔަތުތަކާއި ތަފާތު ސިފަތަކުގައި އުފައްދަވާފައިވަނީ ވަރަށް މަތިވެރި ހިކުމަތްތަކަކަށްޓަކައެވެ. މީގެ ތެރޭގައި އިންސާނުން އިމްތިހާނުކުރެއްވުމާއި، ސިއްހަތު ސަލާމަތުން ހުރި މީހާ އޭނާގެ ފުރިހަމަ ޞިއްޙަތުގެ މަތިވެރި ނިޢުމަތަކުގެ މައްޗަށް ޝުކުރުވެރިކަމާއި، ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހާ އޭނާގެ އެ އިމްތިޙާންގެ މައްޗަށްވާ ކެތްތެރިކަން ހާމަވުން ހިމެނެއެވެ. އަދި އެފަދަ މީހަކު ބަލަހައްޓާމީހުންނާއި، އެފަދަ މީހުންނާ މުޢާމަލާތްކުރާ އެންމެންވެސް އިމްތިޙާންކުރެވިގެންދެއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ވުމަކީ ލިބިފައިވާ ނިއުމަތްތަކުގެ އަގުވަޒަންކުރުމަށާއި، މާތްﷲގެ ކުޅަދުންވަންތަކަން ހާމަވުމަށާއި، ކެތްތެރިންގެ ދަރަޖަ މަތިވެރިވުމަށް މަގުފަހިވާ ކަމެކެވެ. އަދި މިއީ އެކަކު އަނެކަކަށް އަޅާލުމާއި ހަމްދަރުދީވުމުގައި މުޖުތަމައު އިމްތިހާނުކުރެވޭ ކަމެއްވެސް މެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ލެއްވެވުމުގެ ބައެއް ޙިކްމަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

އިމްތިޙާންކުރެއްވުން: ދުނިޔަވީ ޙަޔާތަކީ އިމްތިހާނުގެ ގޮވައްޗެކެވެ. އިންސާނާގެ ދިރިއުޅުމުގައި ކުރިމަތިވާ ތަނަވަސްކަމާއި ދަތި އުނދަގޫ ހާލަތްތަކަކީ މާތް ﷲ މިންވަރުކުރައްވާ އިމްތިހާނުތަކެކެވެ. މިފަދަ އިބްތިލާތަކަށް ކެތްތެރިވާ މުއުމިނު އަޅުންގެ ދަރަޖަ، އެކަލާނގެ މަތިވެރިކުރައްވައި ބޮޑުވެގެންވާ ސަވާބާއި ދަރުމަ ދެއްވާނެއެވެ.

މާތްﷲގެ ޙިކުމަތްތެރިކަމާއި ކުޅަދުންވަންތަކަން ހާމަކުރެއްވުން: މާތްﷲ ވަނީ އެކިއެކި އިދިކޮޅު ސިފަތަކާއި ޙާލަތްތަކުގައި މަޚްލޫގުން އުފައްދަވާފައެވެ. (މިސާލަކަށް: ފުރިހަމަ ސިއްހަތުގައިވާ މީހާ އާއި ބަލިމީހާ، އަދި މުއްސަނދިންނާއި ފަގީރުންނެވެ.) މިއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަމާއި، އުފެއްދެވުމުގައިވާ ތަފާތުތައް މީސްތަކުންނަށް ބަޔާންވެ އެނގުމަށްޓަކައެވެ. އަދި އެބައިމީހުންގެ މެދުގައި އެކަލާނގެ ޙިކުމަތްތެރިކަން އެކި ގޮތްގޮތަށް ފެނިގެންދިއުމަށްޓަކައެވެ.

ނިޢުމަތަށް ޝުކުރުވެރިވުން: ދުޅަހެޔޮކަމުގެ ނިޢުމަތުގައި ހުރި މީހަކަށް، ބަލިމަޑުކަމާއި ތަކުލީފުތަކުގައި އުޅޭ އެހެން މީހުން ފެނުމުން، މާތްﷲ ދެއްވާފައިވާ ނިޢުމަތުގެ މަތިވެރިކަން އިޙްސާސްކުރެވޭނެއެވެ. އެހިނދު، އެކަލާނގެއަށް ޝުކުރުވެރިވެ، ދުޅަހެޔޮކަމާއި އާފިޔަތަށް އެދި ދުޢާކުރާނެއެވެ.

މުޖުތަމައުގެ އޯގާތެރިކަން: މީހަކު ޚާއްޞައެހީއަށް ބޭނުންވުމަކީ މުޖުތަމައުގެ ފަރުދުންގެ މެދުގައި އޯގާތެރިކަމާއި، ހަމްދަރުދީގެ އިތުރުން ހެޔޮ ދަރުމައާއި ސަވާބު ހޯދުމަށް ހުޅުވިގެންދާ މަގެކެވެ. އެހެންކަމުން، މިފަދަ ފަރާތްތަކަށް އަޅާލައި، އެބައިމީހުން މުޖުތަމައުގެ ތެރޭގައި ބަލައިގަނެ، ބޭނުންވާ އެހީތެރިކަމާއި ލޯބި ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ޒިންމާއެކެވެ.

އެމީހުންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތުން ބައެއް ތަކްލީފުތައް ފިއްލެވުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިން މާތް الله ވަނީ ބައެއް ތަކްލީފުތައް ފިއްލަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَّيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ -الفتح 17- މާނައީ: “ކަނުމީހާގެ މައްޗަކަށް (ހަނގުރާމައަށް ނުގޮސް މަޑުކުރުމުގައި) ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ.”

މާތް ﷲ ކުރައްވާ ކަންކަމާމެދު، އެއިލާހުގެ ޙިކްމަތްވަންތަ ކަމާމެދު ސުވާލު އުފެއްދުމަކީ އަހަރެމެން ކުރަންޖެހޭ ކަމެއް ނޫނެވެ. އަހަރެމެންގެ މައްޗަށް ވަނީ އެއިލާހަށް ފުރިހަމަގޮތުގައި އީމާންވެ، އެއިލާހުގެ ޤަޟާއާއި ޤަދަރަށް އީމާންވެ، ދަތިތަކަށް ކެތްތެރިވެ، ފަސޭހަކަމަށް ޝުކުރުވެރިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ ‎- الأنبياء 23  މާނައީ: އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ ސުވާލެއް ނުކުރެވޭހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ ސުވާލު ކުރައްވާނެތެވެ.”