ޙިޖާބަކީ މާތް ﷲ ގެ އަމުރުފުޅެކެވެ. އަޅާ ނަގާ އެއްޗެއް ނޫނެވެ.

ލޮބުވެތި އުޚްތުންނޭވެ! ތިބާ ﷲ ދެކެ ލޯބިވޭ ހެއްޔެވެ؟ އަހަރެން ޔަގީންކުރަނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެކެ ލޯބިނުވާ އެއްވެސް މުސްލިމަކު ނޫޅޭނޭކަމަށެވެ. އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާ ދެކެ ލޯބިވާ މީހަކު އެކަލާނގެއަށް ކިޔަމަންތެރިވާނީ ހެއްޔެވެ؟ ނުވަތަ އުރެދޭނީ ހެއްޔެވެ؟ ޝައްކެއްވެސް ނެތްގޮތުގައި ކިޔަމަންތެރިވާނީއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ހިޖާބަށް ލޯބިކުރައްވައި، އެއީ ފަރުޟެއް ކަމުގައި ލައްވާފައެވެ. އަދި ނަބިއްޔާ ﷺ ގެ އަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، މުސްލިމް އަންހެނުން ހިޖާބު އެޅުމަށް އަމުރުކުރެއްވުމަށް އެކަލާނގެ ރަސޫލާ ﷺ އަށް ވަނީ އަމުރުކުރައްވާފައެވެ. ވީއިރު، މިކަމުގައި ތިބާގެ ނިންމުމަކީ ކޮބައިހެއްޔެވެ؟ ﷲ ދެކެ ތިބާވާ ލޯތްބަކީ ތެދުވެރި ލޯތްބެއް ހެއްޔެވެ؟ ނުވަތަ ދޮގު ލޯތްބެއް ހެއްޔެވެ؟ އިމްތިޙާނަކީ މިއީއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ” يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا”- الأحزاب 59 މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވާކުރުމަށް އެކަނބަލުންނަށް ކަލޭގެފާނު އަންގަވާށެވެ.  އެކަނބަލުންނަކީ (މިނިވަން، މާތް އަންހެނުންކަން) އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. މާތް ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ: “وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ”- النور 31 މާނައީ: “އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ.”

ތިބާއީ މާތް ﷲ ދެކެ ތެދުވެރިކަމާއެކު ލޯބިވާ ކުއްޖެއްނަމަ، އެކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭނެއެވެ. އެހެނީ، މީހަކު ދެކެ ލޯބިވާ މީހާ، އެ ލޯބިވާ ފަރާތަކަށް ކިޔަމަންތެރިވާނެއެވެ. މާތް ﷲ ގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ ތިބާގެ ހިތް ދިރުވައިދޭނެ ކަމެކެވެ. އެކަލާންގެ ވަޙީކުރައްވާފައިވެއެވެ: “يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ”- الأنفال 24 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާ، ތިޔަބައިމީހުންނަށް ދިރުންދޭ ކަންކަމަށް (އެބަހީ: ދީނުގެ ކަންކަމަށް) ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި ރަސޫލާއަށް ތިޔބައިމީހުން އިޖާބަދޭށެވެ!”

 

ބުރުގާ އަޅާ ބައެއް އުޚްތުން ބުރުގާ ނަގާ އެއްލާލާތަން ފެންނަނީވެސް މަދެއްކޮށް ނޫނެވެ. ބުރުގާއަޅަނީ ﷲ އާއި ރަސޫލާއަށް ކިޔަމަންގަތުމަށެވެ. ތިބާގެ އަބުރު ރައްކާތެރިކުރުމަށާއި، ތިބާގެ ޢިއްފަތްތެރިކަމާއި ދީން ރައްކާތެރިކުރުމަށެވެ. އެއީ އަޅުކަމެކެވެ. ދެން އެ ބުރުގާ ތިޔަ ނަގާ އެއްލާލަނީ ކީއްވެ ހެއްޔެވެ؟

ބުރުގާ އަޅާފައި ބުރުގާ ނަގާ އުޚްތާއެވެ! ތިބާ ބިރެއް ނުގަނޭ ހެއްޔެވެ؟

فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ -النور: 63

މާނައީ: “ފަހެ، އެކަލާނގެ އަމުރުފުޅާ ޚިލާފު ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ”

ޝަރުޢީ ޙިޖާބަކީ ވާޖިބެއްކަމާއި އޭގެން ލިބޭ ރައްކާތެރިކަމާއި ފައިދާތައް ނޭނގޭ މީހަކު ހުންނާނެބާއެވެ؟ ފައިދާ ބޮޑު އަޅުކަމެއް، ޘަވާބު ލިބި ލިބި ހުންނަ ވަސީލަތެއް ދޫކޮށްލައި، ބުރުގާ ބާލައި އެއްލާލައި، ގެއްލުމާއި ހަލާކުގެ ތެރެއަށް ތިޔަ ފުންމާލަނީ ކޮން މޮޅެއް ހޯދަން ހެއްޔެވެ؟

ޙިޖާބުގެ ޙުކުމަށް ޖާހިލުވެ އެނާޅާ ހުންނަ މީހާއާއި، ޙިޖާބުގެ ޙުކުމް އެނގި ޙިޖާބު އެޅުމަށްފަހުގައި، އެ ނަގާ އެއްލާލާ މީހާ، މި ދެމީހުން ތެރެއިން ފާފަވެރިކަން ބޮޑީ ޙިޖާބު އެޅުމަށްފަހު އެ ނަގާ އެއްލާލާ މީހާ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ޙިޖާބަކީ އަޅާ ނަގާ އެއްޗެއް ނޫނެވެ. އެއީ މާތް ﷲ އަށް އަދާކުރާ ވާޖިބު އަޅުކަމެކެވެ. ދީނުގެ ޝިޢާރުތައް އެއީ ކުޅޭ ކުޅޭ އެއްޗެއްކަމުގައި ނުހަދާށެވެ.