
މުސްލިމް އަންހެނާ އޭނާގެ ފިރިމީހާގެ ގާތްތިމާގެ ފިރިހެނުން (މިސާލަކަށް ފިރިމީހާގެ ބޭބެ ނުވަތަ ކޮއްކޮ އަދި ބޮޑުބޭބެއިން) ގެ ކުރިމަތީގައި ފުރިހަމައަށް ނިވާވެ، ޝަރުޢީ ޙިޖާބު ފުރިހަމަކުރުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަދި އެފަދަ މީހުންނާ އެކަހެރިކޮށް މަސްހުނިވެ އުޅުމަކީ މަނާކުރައްވާފައިވާ ކަމެކެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި ޙިޖާބުވުން އަންހެނާގެ މައްޗަށް ވާޖިބުވެގެންވާއިރު، ފިރިމީހާގެ ގާތްތިމާގެ ފިރިހެނުންގެ ކުރިމަތީގައި ނިވާވުމުގެ މުހިންމުކަން މާ ބޮޑެވެ. އިސްލާމީ ޝަރީޢަތުގައި މިކަން މިގޮތަށް ކަނޑައަޅުއްވާފައިވަނީ އިޞްލާޙީ މުޖުތަމަޢެއް ބިނާކުރުމަށާއި، ފިރިމީހާގެ ތިމާގެ މީހުންގެ ކުރިމަތީގައި ފަރުވާކުޑަކޮށް ނިވާނުވެ އުޅުމަށް ގިނަ ބަޔަކު އާދަވެފައިވާ އާދަކާދަތަކާ ދުރުހެލިވުމަށްޓަކައެވެ.
މިކަމުގެ ފަހަތުގައިވާ ޙިކުމަތަށް ބަލާލާއިރު މިކަން ފާހަގަކުރެވެއެވެ. މީހަކަށް ފެނިލާފައި މަގުމަތިންދާ ހިލޭ ފިރިހެނަކު ފަހަރެއްގައި ދެވަނަ ފަހަރަކު ފެނުމަކީ ނާދިރު ކަމެކެވެ. އަދި އެފަދަ މީހަކާ މުޢާމަލާތްކޮށް ގުޅުން އުފެއްދުމުގެ ފުރުޞަތު އާންމުގޮތެއްގައި ވަރަށް ހަންޏެވެ. ނަމަވެސް، ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ ތަކުރާރުކޮށް ފެންނަ، އެކުގައި ވާހަކަދައްކާ އަދި މަޖިލިސްކޮށް އުޅޭނެ ބަޔަކަށް ވުމުން، ފިތުނައަކަށް މަގުފަހިވުމުގެ ފުރުޞަތު އެމީހުންގެ ފަރާތުން މާ ބޮޑެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ ) ، فَقَالَ رَجُلٌ مِنَ الأَنْصَارِ: يَا رَسُولَ اللهِ، أَفَرَأَيْتَ الْـحَمْوَ ؟ قَالَ: (الْـحَمْوُ الْـمَوْتُ) رواه البخاري (5232) ، ومسلم (2172) .
”ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެ ތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވާށެވެ.“ އެހިނދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ ”އޭ ﷲ ގެ ރަސޫލާއެވެ! ފިރިމީހާގެ ގާތްތިމާގެ ފިރިހެނުންނާ (މިސާލަކަށް ފިރިމީހާގެ އަޚުންނާ) މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ: “ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ މަރެވެ.” (މާނައަކީ: އެމީހުންގެ ސަބަބުން ކުރިމަތިވެދާނެ ފިތުނަ މާ ނުރައްކާތެރިއެވެ.)
އިމާމް ނަވަވީ ރަޙިމަހުﷲ، ޞަޙީޙު މުސްލިމުގެ ޝަރަޙާގައި ވިދާޅުވެފައިވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު “الْحَمْوُ الْمَوْت” (ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ މަރެވެ) ގެ މާނައަކީ: އެހެން މީހުންނަށްވުރެ ބޮޑަށް އެމީހުންގެ ފަރާތުން ފިތުނައާއި ނުރައްކަލަށް ބިރުގަންނަން ޖެހުމެވެ. އެހެނީ، ހިލޭ މީހަކާ ޚިލާފަށް، ފިރިމީހާގެ ގާތް މީހަކު އެ ގެއަކަށް ވަދެ، އަންހެންމީހާއާ އެކަހެރިވުމަކީ މީސްތަކުން އެކަމަށް އިންކާރުކޮށް ނުރުހުންތެރިވާނެ ކަމެއް ނޫނެވެ. އެހެންކަމުން، އެމީހުންނަށް އެފުރުޞަތު ފަސޭހައިން ލިބިގެންދެއެވެ.
މިތަނުގައި ‘ޙަމްވު’ ގެ މުރާދަކީ ފިރިމީހާގެ އާއިލާގެ ތެރެއިން، ފިރިމީހާގެ ބަފަޔަކަށް ނުވަތަ ދަރިއަކަށް ނުވާ އެހެން މީހުންނެވެ. ފިރިމީހާގެ ބައްޕައާއި ދަރިންނަކީ އެ އަންހެންމީހާގެ މަޙުރަމުންނެވެ. އެމީހުންނަށް އެ އަންހެންމީހާއާ އެކަހެރިވުން ހުއްދަވާނެއެވެ. އަދި އެމީހުންނަކީ ‘މަރު’ ކަމުގައި ސިފައެއް ނުކުރެވެއެވެ.
ނަމަވެސް، މި ޙަދީޘްގައި އިޝާރާތްކުރައްވާފައި އެވަނީ ފިރިމީހާގެ ބޭބެ ނުވަތަ ކޮއްކޮ، ބޭބެގެ ނުވަތަ ކޮއްކޮގެ ދަރިން، ބޮޑުބޭބެ ނުވަތަ ބޮޑުބޭބެގެ ދަރިން ފަދަ މަޙުރަމުންނޫން މީހުންނަށެވެ. މީސްތަކުންގެ އާދަކާދަ ހުންނަގޮތުން މިފަދަ މީހުންނާ މެދު ފަރުވާކުޑަކޮށްލެވެއެވެ. އެގޮތުން މީހަކު އޭނާގެ ބޭބެ ނުވަތަ ކޮއްކޮގެ އަނބިމީހާއާ އެކަހެރިވެ އުޅެއެވެ. ‘މަރު’ ކަމުގައި މި ސިފަކުރެވެނީ މިފަދަ ޙާލަތްތަކަށެވެ.” ” شرح مسلم للنووي ” .
ވީމާ، ފިރިމީހާގެ ފިރިހެން ކޮއްކޮ/ބޭބެ ކުރިމަތީގައި ބުރުގާ އަޅަންޖެހޭނެއެވެ. މޫނު ބުރުގާ އަޅާ އުޚްތެއްނަމަ ފިރިމިހާގެ ކޮއްކޮ/ބޭބެ ކުރިމަތީގައި މޫނު ބުރުގާ އަޅަންޖެހޭނެއެވެ. އަނބިމީހާވެސް އަނބިމީހާގެ އަންހެން ކޮއްކޮ ނުވަތަ ދައްތަގެ ފިރިމީހާއާމެދުވެސް އޮތީ ހަމަ މި ޙުކުމެވެ. އަނބިމީހާގެ އަންހެން ކޮއްކޮގެ އަދި ދައްތަގެ ފިރިމީހާގެ ކުރިމަތީގައި އަނބިމީހާ ޙިޖާބުވާން ޖެހޭނެއެވެ. ނިޤާބު އަޅާނަމަ ނިޤާބުވެސް ވާންޖެހޭނެއެވެ.
ވަﷲ އަޢުލަމު.


