ކައިވެނިކުރުމަށާއި، ދަރިމައިވުން އިތުރުކޮށް އިސްލާމީ އުންމަތް ގިނަކުރުމަށް އިސްލާމީ ޝަރީޢަތުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މިއީ ޤިޔާމަތް ދުވަހު އެހެން އުންމަތްތަކުގެ މައްޗަށް އަހަރެމެންގެ ނަބިއްޔާ  ﷺ ފަޚުރުވެރިވެވަޑައިގަންނަވާނޭ ކަމެއްކަމަށްވެސް ވާރިދުވެފައިވެއެވެ. އަދި މިއީ އިންސާނީ ފިޠުރަތާވެސް ނުހަނު ގުޅޭ ކަމެކެވެ.

އެހެންކަމުން، މާތް ﷲގެ ނަބިއްޔުންނާއި ރަސޫލުންވެސް، އެބޭކަލުންނަށް ހެޔޮލަފާ ދަރިފަސްކޮޅެއް ދެއްވުމަށް އެދިވަޑައިގެން ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ. އެގޮތުން އިބްރާހީމް ޢަލައިހިއްސަލާމް ކުރެއްވި ދުޢާއެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނު ދެންނެވިއެވެ: ( رَبِّ هَبْ لِي مِنَ الصَّالِحِينَ ) (الصافات:100) މާނައީ: “އަޅުގެ ރައްބު! ހެޔޮލަފާމީހުންގެ ތެރެއިންވާ ދަރިއަކު މިއަޅާއަށް ދެއްވާނދޭވެ”

ޝައިޚް އިބްނު ޢުޘައިމީން (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. “މުސްލިމުންނަށް ކުޅަދާނަވީ މިންވަރަކުން ދަރިމައިވުން އިތުރުކޮށް، އާއިލާ ބޮޑުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެހެނީ، އެއީ ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. تَزَوَّجُوا الْوَدُودَ الْوَلُودَ، فَإِنِّي مُكَاثِرٌ بِكُمُ – رواه أبو داود ( 2050 ) ، والنسائي ( 3227 ) ، وصححه الشيخ الألباني رحمه الله في ” آداب الزفاف ” ( ص 132 )  “ތިޔަބައިމީހުން (ފިރިންދެކެ) ލޯބިވާ، ގިނައިން ދަރިން ހޯދާ އަންހެނުންނާ ކައިވެނިކުރާށެވެ. ފަހެ، ހަމަކަށަވަރުން (ޤިޔާމަތް ދުވަހުން) ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގިނަކަމާ މެދު (އެހެން އުންމަތްތަކުގެ ކުރިމަތީގައި) ފަޚުރުވެރިވާނަމެވެ.”

އަދި އުންމަތުގެ މީސްތަކުން ގިނަވުމަކީ އެ އުންމަތެއްގެ ވަރުގަދަކަމާއި ޢިއްޒަތް އިތުރުވާނެ ކަމެކެވެ. މާތްﷲ ބަނީ އިސްރާއީލްބާގައިގެ މީހުންނަށް ވެވަޑައިގެންނެވި އިޙްސާންތެރިކަން ހަނދުމަކޮށްދެއްވައި ވަޙީކުރެއްވިއެވެ. وَجَعَلْنَاكُمْ أَكْثَرَ نَفِيرًا- الإسراء/6 – މާނައީ: “އަދި ތިޔަބައިމީހުންނަކީ މީހުންގެ ގޮތުން ގިނަބަޔަކު ކަމުގައި ތިމަންއިލާހު ލެއްވީމެވެ.”

އަދި ޝުޢައިބުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ. وَاذْكُرُوا إِذْ كُنْتُمْ قَلِيلًا فَكَثَّرَكُمْ- الأعراف/86  މާނައީ: “ތިޔަބައިމީހުން މަދުބަޔަކު ކަމުގައިވީ ދުވަސް ހަނދުމަކުރާށެވެ. ދެން އެކަލާނގެ ތިޔަބައިމީހުން ގިނަކުރެއްވިއެވެ.”

އުންމަތެއްގެ އާބާދީ ބޮޑުވުމަކީ އެބައެއްގެ ޢިއްޒަތާއި ބާރު ގަދަވުމުގެ ސަބަބެއްކަން އެއްވެސް މީހަކަށް އިންކާރެއް ނުކުރެވޭނެއެވެ. މިއީ ބައެއް މީހުން ކުރާ ނުބައި ހީތަކާ ޚިލާފު ކަމެކެވެ. އެމީހުން ހީކުރާ ގޮތުގައި އާބާދީ އިތުރުވުމަކީ ފަގީރުކަމާއި ބަނޑުހައިހޫނުކަން ކުރިމަތިވާނެ ކަމެކެވެ.”

އިސްލާމްދީނުގައި އާބާދީ އިތުރުކުރުމަށް ބާރު އަޅުއްވާފައިވާ ނައްޞުތައް ފެންނަންހުރިއިރު، ދަރީން ނުލިބޭ ގޮތް ހެދުމުގެ ޙުކުމާ ބެހޭގޮތުން ޢިލްމުވެރިން ވާހަކަފުޅު ދައްކަވާފައިވެއެވެ. ޚުލާޞާގޮތެއްގައި ބުނެވޭނީ ދަރީން ނުލިބޭ ގޮތް ހެދުމަށްޓަކައި ބޭނުން ކުރާ ބޭހާއި ކުރާ ކަންކަމުގެ ޙުކުމަކީ ދެ ޝަރްޠަކާ އެކު ހުއްދަވެގެންވާ ކަމެއްކަމެވެ.

އަންހެނުން ދަރިމައިވުން ހުއްޓުވާ ބޭސްގުޅަ (ކޮންޓްރާސެޕްޓިވް ޕިލްސް) ކެއުމުގެ ޙުކުމާ ބެހޭގޮތުން ޝައިޚު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ.

އަންހެނުން ދަރިމައިވުން ހުއްޓުވާ ބޭސްގުޅަ (ކޮންޓްރަސެޕްޓިވް ޕިލްސް) ބޭނުންކުރުން ހުއްދަވަނީ މައިގަނޑު ދެ ޝަރުޠެއް ފުރިހަމަވެގެންނެވެ:

ފުރަތަމަ ޝަރުޠު: އެކަމަށް މަޤުބޫލު ޟަރޫރީ ބޭނުމެއް އޮތުމެވެ. މިސާލަކަށް، ބަލިޙާލަތު ހުރި ގޮތުން ކޮންމެ އަހަރަކު ބަނޑުބޮޑުވުމަށް ޞިއްޙަތު ތަން ނުދިނުން، ނުވަތަ ހަށިގަނޑު މާބޮޑަށް ބަލިކަށިވުން، ނުވަތަ ކޮންމެ އަހަރަކު ބަނޑުބޮޑުވުމަކީ އަންހެން މީހާގެ ޞިއްޙަތަށް ގެއްލުން ހުރި ކަމަކަށް ވުމެވެ.

ދެވަނަ ޝަރުޠު: ފިރިމީހާގެ ހުއްދަ ލިބުމެވެ. ސަބަބަކީ ދަރިން ހޯދުމަކީ ފިރިމީހާއަށްވެސް ލިބިގެންވާ ޙައްޤަކަށް ވާތީއެވެ. މީގެ އިތުރުން، މިފަދަ ބޭސް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ގެއްލުމެއް ހުރި ކަމެއްތޯ ބެލުމަށްޓަކައި ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ދެ ޝަރުޠު ފުރިހަމަވާނަމަ، ދަރިމައިވުން ހުއްޓުވާ ބޭސް ބޭނުންކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، އެކަން ކުރަންވާނީ ވަގުތީ ގޮތުންނެވެ. ދާއިމީކޮށް ދަރިމައިވުން ހުއްޓުވާލުމަށް ބޭސް ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ އޭގެ ސަބަބުން ދަރިފަސްކޮޅު މެދުކެނޑިގެންދާނެތީއެވެ.

” فتاوى المرأة المسلمة ” ( 2 / 657 ، 658 ) .

ދާއިމީކޮށް ދަރިން ނުލިބޭގޮތް ހެދުމަކީ (ދަރިމައިވުން ހުއްޓުވުމަކީ) ޙަރާމް ކަމެކެވެ. ދާއިމީގޮތެއްގައި ދަރީން ނުލިބޭ ގޮތް ހެދުން ހުއްދަވަނީ ޟަރޫރީ ޙާލަތުގައި އެކަންޏެވެ. ޟަރޫރީ ޙާލަތްތަކުގައި (މަޖުބޫރު ހާލަތްތަކުގައި) އެކަން އިސްތިސްނާ ކުރެވޭ ސަބަބަކީ މިއީ ޙަރާމް ކުރައްވާފައިވާ ކަންކަމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢާންމު އުޞޫލަކަށްވާތީއެވެ. އެއީ މަޖުބޫރު ޙާލަތްތަކުގައި މަޖްބޫރުކަން ފިލުވައިލެވޭ މިންވަރަށް ޙަރާމް ކަންކަން ހުއްދަވުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ: (وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ) ( الأنعام: 119) މާނައީ: ” ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ކަންތައްތައް، ހަމަކަށަވަރުން އެކަލާނގެ ވަނީ ތިޔަބައިމީހުންނަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. (ޙަރާމް ތަކެތި ބޭނުންކުރުން މަނާ ނަމަވެސް،) (ފުރާނައަށް ނުރައްކާވާ ފަދަ) މަޖުބޫރު ޙާލަތްތަކުގައި، (އެ ޙާލަތުން ސަލާމަތްވުމަށް ބޭނުންވާ މިންވަރަށް) އެފަދަ ތަކެތި ބޭނުންކުރުން މި ޙަރާމްކަމުން އިސްތިސްނާކުރައްވާފައިވެއެވެ.”

މިސާލަކަށް އަންހެން މީހާއަކީ ބަލިކަށި ނުވަތަ ބަލި މީހަކަށްވެފައި، މާބަނޑުވުމުގެ ސަބަބުން އޭނާގެ ސިއްހަތަށް ގެއްލުންވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، ދަރިމައިވުން ހުއްޓުވާ ވަސީލަތްތައް ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިލްމީ ދިރާސާތަކާއި ފަތުވާ ނެރުމާ ބެހޭ ދާއިމީ ކޮމިޓީން (اللجنة الدائمة للبحوث العلمية والإفتاء) ތައްޔާރުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވެއެވެ:

‘…މިކަމުގެ މައްޗަށް ބިނާކޮށް، ދަރިން ހޯދުން ވަކި މިންވަރަކަށް ކަނޑައަޅައި ހުއްޓުވުން (Birth Control) އަކީ މުޠްލަޤުގޮތެއްގައި ހަރާމް ކަމެކެވެ. އަދި އާންމު އުސޫލެއްގެ ގޮތުން ދަރިމައިވުން ހުއްޓުވުމަކީ (Contraception) މަނާކަމެކެވެ. ނަމަވެސް، މަދު ހާލަތްތަކެއްގައި މިއުސޫލުން އިސްތިސްނާ ވެއެވެ. އެއީ އާދައިގެ ގޮތުގައި ވިހެއުމަށް އުޒުރުވެރިވެ، އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަންޖެހޭ ފަދަ ހާލަތްތަކާއި، ބައްޔެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ މާބަނޑުވުމަކީ އަންހެން މީހާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ނުރައްކާވެދާނެ ކަމެއް ކަމަށްވާނަމަ، އެފަދަ ގެއްލުންތަކުން ސަލާމަތްވުމަށާއި ފުރާނަ ރައްކާތެރިކުރުމަށްޓަކައި ދަރިމައިވުން ހުއްޓުވުން އިސްތިސްނާ ގޮތެއްގައި ހުއްދަވާނެއެވެ. އެހެނީ، އިސްލާމީ ޝަރީއަތް ބިނާވެގެންވަނީ މަސްލަހަތުތައް ހާސިލުކުރުމަށާއި، ގެއްލުންތައް ދުރުކުރުމުގެ މައްޗަށެވެ. އަދި ދެ މަސްލަހަތެއް ފުށުއަރާ ހާލަތުގައި އޭގެ ތެރެއިން އެންމެ މުހިންމު މަސްލަހަތު އިސްކުރުމަށާއި، ދެ ގެއްލުމެއް ކުރިމަތިވާ ހާލަތުގައި އޭގެ ތެރެއިން ލިބޭނެ އެންމެ ކުޑަ ގެއްލުމެއް އިޚްތިޔާރު ކުރުމުގެ މައްޗަށެވެ.”

مجلة البحوث الإسلامية (5/127)

ދިހަ ކުދިން ލިބިފައިވާ އަންހެނަކު، އިތުރަށް ބަލިވެއިނުމަކީ އޭނާގެ ސިއްހަތަށް ނުރައްކާވާ ކަމަކަށް ވާތީ، ދަރިމައިވުން ހުއްޓުވުމަށްޓަކައި ކުރާ “ޓިއުބް ބަންދުކުރުމުގެ” އޮޕަރޭޝަން ކުރުމާ ގުޅޭގޮތުން އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ އާ ސުވާލު ދެންނެވުނެވެ.

އެ ސުވާލުގެ ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ. “އިތުރަށް ދަރިން ހޯދުމަކީ އެ އަންހެންމީހާގެ ސިއްހަތަށް ގެއްލުންވާނެ ކަމެއް ކަމަށް ކަމާބެހޭ ތަޖުރިބާކާރު ޑޮކްޓަރުން ބަޔާންކުރައްވައިފި ނަމަ، އަދި އެކަމަށް ފިރިމީހާގެ ހުއްދަ ލިބިފައިވާ ނަމަ، އިސްވެ ދެންނެވުނު ފަދަ އޮޕަރޭޝަނެއް ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ (އެބަހީ: ދީނީގޮތުން އޭގައި ހުރަހެއް ނެތެވެ).” فتاوى المرأة المسلمة (5/978)

ޝައިޚް އިބްނު ޖިބްރީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދަރިމައިވުން މެދުކަނޑާލުމަށް ނުވަތަ ހުއްޓުވުމަށްޓަކައި ފަރުވާ ހޯދުމަކީ، ޟަރޫރީ ހާލަތެއްގައި މެނުވީ ހުއްދަ ކަމެއް ނޫނެވެ. އެއީ، ވިހެއުމުގެ ސަބަބުން އަންހެން މީހާއަށް ނުހަނު ބޮޑު ތަކުލީފެއް އުފުލަންޖެހުން، ނުވަތަ ބަލި ހާލަތު އިތުރަށް ގޯސްވުން، ނުވަތަ މާބަނޑުވުމާއި ވިހެއުމުގެ ތެރޭގައި ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު ބޮޑުކަމަށް އިތުބާރުހުރި ތަޖުރިބާކާރު ޑޮކްޓަރުން ނިންމަވައިފި ހާލަތެއްގައެވެ. މީގެ އިތުރުން، މިގޮތަށް ދަރިމައިވުން މެދުކަނޑާލުމަށް ނުވަތަ ހުއްޓުވުމަށް ނިންމާއިރު ފިރިމީހާގެ ރުހުމާއި އެއްބަސްވުން އޮންނަންވާނެއެވެ. އަދި މިކަމަށް މެދުވެރިވި އުޒުރު ނެތިދިއުމުން، އަލުން އަނބުރާ ކުރިން ހުރި ހާލަތަށް (ދަރިމައިވުމުގެ ގާބިލުކަން ހުރި ހާލަތަށް) އެ އަންހެން މީހާ ރުޖޫޢަވާންވާނެއެވެ.” فتاوى المرأة المسلمة (2/977)

މާބަނޑުވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކަކީ ބަލިމަޑުކަމެއް ނުވަތަ ހަށިގަނޑުގެ ބަލިކަށިކަމެއްގެ ސަބަބުން ދިމާވާ، އަދި ފަހުން ރަނގަޅުވާނެ ކަމަށް އުންމީދުކުރެވޭ ވަގުތީ ކަމެއް ކަމުގައިވާނަމަ، މާތްﷲ ޝިފާ ދެއްވައި ސިއްހަތު ރަނގަޅުވަންދެން ވަގުތީ ގޮތުން ދަރިމައިވުން ހުއްޓުވައި ފަސްކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅުވާނެ ކަމަށް އުންމީދު ނުކުރެވޭ ފަދަ ދާއިމީ އުނދަގުލެއް ނުވަތަ ބައްޔެއް ކަމުގައިވާނަމަ، އިރާދަކުރެއްވިއްޔާ ދާއިމީކޮށް ދަރިމައިވުން ހުއްޓުވުމަކަށް (ދަރިމައި ނުވާ ގޮތް ހެދުމަކަށް) އެއްވެސް މައްސަލައެއް ނެތެވެ.

ލިޔުމުގެ ޚުލާޞާ

  • ސަބަބެއް މެދުވެރިވެގެން ވަގުތީގޮތުން ދަރީން ނުލިބޭގޮތް ހެދުން، ފިރިމީހާގެ އިޛުނާއާއެކު ހުއްދައެވެ.
  • ދާއިމީކޮށް ދަރީން ނުލިބޭ ގޮތް ހެދުން ހުއްދަވަނީ ފުރާނައަށް ނުރައްކާވާފަދަ ޟަރޫރީ ޙާލަތެއްގައި އެކަންޏެވެ.

މަރްޖިޢުތައް

https://islamqa.info/ar/answers/50326

https://islamqa.info/ar/answers/21169