ރުއްސުމަށްފަހު (ރަންކިޔުމަށްފަހު) އަންހެން ކުއްޖާ، ފިރިހެން ކުއްޖާގެ ގެއަށް ކާން ގެންދިޔުމަކީ ސަގާފީގޮތުން އޮންނަ ކަމެއް، މިކަމުގެ ހުކުމަކީ ކޮބާ؟

ރުއްސުމަށްފަހު (ރަންކިޔުމަށްފަހު) ކައިވެނި ކުރުމުގެ ކުރިން ހޭދަވާ ދުވަސްތަކުގައި ފިރިހެން ކުއްޖާ އަންހެން ކުއްޖާއާ އެކަހެރިވެއުޅުމުގެ ޙުކުމަކީ ކޮބާ؟ ރުއްސުމަށްފަހު (ރަންކިޔުމަށްފަހު) އަންހެން ކުއްޖާ، ފިރިހެން ކުއްޖާގެ ގެއަށް ކާން ގެންދިޔުމަކީ ސަގާފީގޮތުން އޮންނަ ކަމެއް، މިކަމުގެ ހުކުމަކީ ކޮބާ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

ކައިވެނީގެ ކުރިން، ނުވަތަ ރަސްމީކޮށް ކައިވެނީގެ އަގުދު ކުރެވުމުގެ ކުރިން، ރަންކީކަމުގައި ވިޔަސް ފިރިހެންކުއްޖާ އާއި އަންހެންކުއްޖާ އަކީ އެކަކު އަނެކަކަށް ހިލޭ މީހުންނެވެ.

  1. 1. ކައިވެނީގެ ކުރިން އެކަހެރިވެ އުޅުމުގެ ހުކުމް:

އިސްލާމްދީނުގައި ކައިވެނީގެ އަގުދު ކުރުމުގެ ކުރިން އަންހެންކުއްޖާ އާއި ފިރިހެންކުއްޖާ އެކަހެރިވުމަކީ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އެކަން ހަރާންކަން އެނގޭ ދަލީލުތަކުގެ ތެރޭގައި:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( لا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ ) {رواه البخاري ( 5233 ) ومسلم ( 1341 } . “މަޙްރަމަކާ އެކު މެނުވީ ފިރިހެނަކު އަންހެނަކާ އެކަހެރިނުވާހުށިކަމެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (لا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ) {رواه أحمد (178) وصححه الألباني في “إرواء الغليل” (1813) .}

“ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (لأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لا تَحِلُّ لَهُ ” ) {رواه الطبراني من حديث معقل بن يسار ، وصححه الألباني في ” صحيح الجامع ” برقم (5045 .}

“ހުއްދަނުވާ ހިލޭ އަންހެނެއްގެ ގައިގައި ބީހުމަށްވުރެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް މާހެޔޮކަންބޮޑެވެ.”

އެހެންކަމުން، ރަންކިޔައި ކައިވެނި ހަމަޖެހިފައި އޮތް ނަމަވެސް، އަގުދު ކުރެވުމާ ހަމައަށް ދެމީހުން އެކަނި ބައްދަލުކޮށް، އެކަހެރިވެ އުޅުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫނެވެ.

  1. 2. ރަންކިޔުމަށްފަހު ފިރިހެންކުއްޖާގެ ގެއަށް ކާންދިއުން:

ރާއްޖޭގެ ބައެއް ރަށްރަށުގެ ސަގާފަތުގައި “ރަންކިއުން” ނުވަތަ “ރުއްސުން” ނިމުމުން އަންހެންކުއްޖާ ފިރިހެންކުއްޖާގެ ގެއަށް ކެއުމަކަށް ގެންދިއުމުގެ އާދައެއް އޮވެއެވެ. މިކަމުގެ ހުކުމް ބިނާވެގެންވަނީ އެކަން ކުރެވޭ ގޮތެއްގެ މައްޗަށެވެ. އިސްލާމްދީނުގެ އަސާސީ ގަވާއިދަކީ “އަލްއަޞްލު ފިލްޢާދާތިލް އިބާޙާ” (އާދަކާދަތަކުގެ އަސްލަކީ ހުއްދަވުމެވެ). އެހެންކަމުން، އެ އާދަކާދައިގެ ތެރޭގައި ދީނީ ހަރާމް ކަމެއް (މިސާލަކަށް: އެކަހެރިވުން، ނިވާކަން ކުޑަވުން، ނުވަތަ އަތްލާ ހެދުން) ނުހިމެނޭ ނަމަ އެކަން ހުއްދަވާނެއެވެ. ނަމަވެސް، އެ ކެއުމުގެ ތެރެއިން ދެކުދިން އެކަނި ކޮޓަރިއަކަށް ވަނުން ނުވަތަ އެކަހެރިވުން ހިނގާނަމަ، މަތީގައިވާ ޙަދީޘްތަކުގެ ދަށުން އެކަން ހަރާމްވާނެއެވެ.

ހުއްދަވާނެ ހާލަތް: އަންހެންކުއްޖާ އެ ގެއަށް ގޮސް އާއިލާގެ އެހެން މީހުންނާއެކު ކެއުމުގައި ބައިވެރިވުމަކީ، އަދި އެކަން ކުރަނީ އެކަހެރިވުމެއް ނެތި، އިސްލާމީ އަދަބުތަކާއި ހިޖާބުގެ އުސޫލުތަކުގެ ތެރެއިން ކަމަށްވާނަމަ އެއީ ހުއްދަ ކަމެކެވެ. މިއީ އާއިލާގެ ތެރޭގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމުގައި ބެލެވިދާނެއެވެ.

މަނާވާނެ ހާލަތް: މިގޮތަށް ގެންދާ ގެންދިއުމުގައި، ދެކުދިން އެކަނި ކޮޓަރިއެއްގައި ނުވަތަ އެހެން މީހަކަށް ނުފެންނަ ހިސާބެއްގައި އެކަހެރިވާނަމަ، ނުވަތަ ދީނީ ގޮތުން ހުއްދަ ނޫން ކަންކަން މިސާލަކަށް ގައިގޯޅިވުން ފަދަ ކަންކަން އޮންނަނަމަ އެކަން ހަރާމްވާނެއެވެ.

ޚުލާޞާ: ޝަރުޢީ ދަލީލުތަކުން ސާބިތުވަނީ، ކައިވެނީގެ ރަސްމީ އަގުދު ކުރެވުމުގެ ކުރިން ދެމީހުންގެ މެދުގައި އޮންނަންޖެހޭނީ ހިލޭ ދެމީހުންގެ މެދުގައި އޮންނަ އިންތައް ކަމެވެ. ރަންކިޔުމަކީ ކައިވެނީގެ ވަޢުދެކެވެ. އެއީ ކައިވެންޏެއް ނޫނެވެ. އެހެންކަމުން، އެކަހެރިވުމާއި ގައިގޯޅިވުމަކީ ޙަރާމް ކަންކަމެވެ. އާއިލާގެ ތެރޭގައި ބާއްވާ ކެއުންތަކަކީ އެކަހެރިވުމެއް ނެތް ނަމަ ހުއްދަ ކަންކަމެވެ.

ވަﷲ އަޢުލަމު