ވިތުރު ނަމާދުގައި ގުނޫތު ކިޔަން ހަނދާންނެތިއްޖެނަމަ، ކުށުސަޖިދަ ޖަހަންޖެހޭނެތޯއެވެ؟

ސުވާލު: ވިތުރު ނަމާދުގައި ގުނޫތު ކިޔަން ހަނދާންނެތިއްޖެނަމަ، ކުށުސަޖިދަ ޖަހަންޖެހޭނެތޯއެވެ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ވިތުރި ނަމާދުގައި ގުނޫތު ކިޔުމަކީ ހުއްދަކަމެކެވެ. ނުވަތަ މުސްތަޙައްބު ކަމެކެވެ. އެއީ އަލްޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ވިތުރީގެ ގުނޫތުގައި ކިޔުމަށްޓަކައި ރަސޫލުﷲ ﷺ ތިމަންކަލޭގެފާނަށް ކަލިމަތަކެއް ދަސްކޮށްދެއްވިއެވެ. (އެކަލިމަތަކަކީ:)

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، فَإِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، وَإِنَّهُ لا يَذِلُّ مَنْ وَالَيْتَ ، وَلا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ

މާނައީ: ‘އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި އަޅުތަކުންގެ ތެރޭގައި ތިމަންއަޅާއަށް ތެދުމަގު ދައްކަވާނދޭވެ! އަދި އިބަރަސްކަލާނގެ ދުޅަހެޔޮކަން ދެއްވި އަޅުތަކުންގެ ތެރޭގައި ތިމަންއަޅާއަށް ދުޅަހެޔޮކަން ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ އެހީތެރިވެވޮޑިގެން، ބަލަހައްޓަވާ އަޅުތަކުންގެ ތެރޭގައި ތިމަންއަޅާ ހިމަނުއްވާ، ތިމަންއަޅާއަށް އެހީތެރިވެވޮޑިގަންނަވާނދޭވެ! އަދި އިބަރަސްކަލާނގެ ތިމަންއަޅާއަށް ދެއްވި ތަކެތީގައި ބަރަކާތް ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ ނިންމަވާފައިވާ ކަންކަމުގެ ނުބައިކަމުން ތިމަންއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! ހަމަކަށަވަރުން ކަންކަން ނިންމަވަނީ އިބަރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މައްޗަކަށް އެއްވެސް ފަރާތަކަށް ކަމެއް ނުނިންމޭނެއެވެ. އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެހީތެރިވެވޮޑިގެންފި މީހަކު ދެރައެއް ނުވާނެއެވެ. އަދި އިބަރަސްކަލާނގެ ދެކޮޅުވެވޮޑިގެންފި މީހަކަށް ޢިއްޒަތެއް ނުލިބޭނެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއީ ބަރަކާތްތެރިވަންތަ، މަތިވެރި ވަންތަ ރަސްކަލާނގެއެވެ.'”

މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާއޫދު (1425) އަދި ތިރްމިޛީ (464) އެވެ. އިމާމް ތިރްމިޛީ މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވެފައިވާއިރު، އިބްނު ޢަބްދުލްބައްރު ‘އަލްއިސްތިޛްކާރު’ (2/285) ގައި އަދި އިމާމް ނަވަވީ ‘އަލްއަޛްކާރު’ (86) ގައި މި ޙަދީޘް ޞައްޙަކުރައްވާފައިވެއެވެ.

ވިތުރީގެ ގުނޫތަކީ ނަމާދުގައި ކުރުން ހުއްދަވެގެންވާ ދުޢާތަކުގެ ތެރެއިން ހިމެނޭ ދުޢާއެކެވެ. ބޭނުން މީހަކު އެކަން ކުރާނީއެވެ. ބޭނުން ނުވާ މީހަކު އެކަން ދޫކޮށްލާނީއެވެ. ނަމާދުގެ ސުންނަތެއް ނުވަތަ ނަމާދުގައި ކުރުން ހުއްދަކަމެއް، ގަސްތުގައި ނުކޮށް ދޫކޮށްލިކަމުގައިވިޔަސް ނުވަތަ ހަނދާންނެތިގެން ދޫވިކަމުގައިވިޔަސް، އޭގެ ސަބަބުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ވީމާ، ވިތުރީގެ ޤުނޫތު ގަސްތުގައި ދޫކޮށްލިކަމުގައިވިޔަސް ނުވަތަ ހަނދާންނެތިގެން ދޫވިކަމުގައިވިޔަސް ކުށު ސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ވިތުރީގެ ޤުނޫތުގައި އެންމެ ރަނގަޅުގޮތަކީ ބައެއް ފަހަރު ޤުނޫތު ކިޔުމެވެ. އަދި އަނެއްބައި ފަހަރު ނުކިޔާ ދޫކޮށްލުމެވެ.

ވަﷲ އަޢުލަމު