ޞަލީބު ޖަހާފައި ހުންނަ ޖާޒީ މުސްލިމުން ލުމުގެ ޙުކުމަކީ ކޮބާ؟

ސުވާލު: ޞަލީބު ޖަހާފައި ހުންނަ ޖާޒީ މުސްލިމުން ލުމުގެ ޙުކުމަކީ ކޮބާ؟

ޖަވާބު الحمد لله والصلاة والسلام على رسول الله.

ސަލީބު (Cross) ޖަހާފައި ހުންނަ ހެދުން މުސްލިމުން ލުމަކީ އިސްލާމީ ޝަރީޢަތުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. މިކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދްޔަކީ ފޭރާމެއްގައި ނުވަތަ ކުނަލެއްގައި ނުވަތަ އެނޫންވެސް އެއްޗެއްގައި ސަލީބުގެ ސޫރައެއް ހުރިނަމަ، އެ ނައްތާލެއްވުން ނުވަތަ ބަދަލުކޮށްލެއްވުމެވެ. ސަބަބަކީ، ސޮލީބަކީ ނަޞާރާއިންގެ ގާތުގައި މުޤައްދަސް ކުރެވި، މަތިވެރިކުރެވި، އަދި އަޅުކަންކުރެވޭ އެއްޗަކަށް ވެފައިވާތީއެވެ. ސޮލީބަކީ އީސާގެފާނު ސޮލީބަށް އަރުވައި އަވަހާރަކޮށްލެވުނު ކަމަށް ބުނެ ނަސާރާއިން ހަދާ ބޮޑު ދޮގުގެ ރަމްޒެކެވެ.

فعن عَائِشَةَ رَضِيَ اللَّهُ عَنْهَا : “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَتْرُكُ فِي بَيْتِهِ شَيْئًا فِيهِ تَصَالِيبُ إِلَّا نَقَضَهُ” رواه البخاري (5608) .

މާނައީ: ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. “ސަލީބުގެ ކުރެހުން ނުވަތަ ނިޝާން ހުރި އެއްވެސް އެއްޗެއް، އެ ނިޝާން ފޮހެލާފައި ނުވަތަ ބަދަލުކޮށްލާފައި މެނުވީ ނަބިއްޔާ ﷺ އެކަލޭގެފާނުގެ ގެކޮޅުގައި ނުބަހައްޓަވާކަމުގައިވެއެވެ.”

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނެވެ. “ޞަލީބު ޖަހާފައި ހުންނަ ހެދުން ލުމުގެ ހުކުމަކީ ކޮބައިތޯއެވެ؟ ބައެއް ފަހަރު ހެދުން ގަންނައިރު އޭގައި ޞަލީބު ހުރިކަމެއް ނޭނގެއެވެ. އެއީ އާންމުކޮށް ޞަލީބު ހުންނަ ސިފައިގައި ނޫން ގޮތްގޮތަށް، ނުވަތަ ސާފުކޮށް އެނގެން ނެތް ގޮތްގޮތަށް ކުރަހާފައި ހުންނާތީއެވެ. މިފަދަ ހެދުން ލުމުގެ ހުކުމަކީ ކޮބައިތޯއެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. “ހެދުން ގަތް ފަހުން އޭގައި ޞަލީބު ހުރިކަން އެނގިއްޖެނަމަ، އެ ހެދުމެއް ލައިގެން ނަމާދުކުރުން ހަރާމްވާނެއެވެ. އަދި އެ ޞަލީބެއްގެ ސިފަ ކެނޑޭވަރަށް، ކޮށައިގެން ނުވަތަ ކުލަޖައްސައިގެން ނުވަތަ އެނޫންވެސް ގޮތަކުން އެ ފޮހެލުން ވާޖިބުވާނެއެވެ. މިކަމުގެ ދަލީލަކީ އިމާމް ބުޚާރީ އެކަލޭގެފާނުގެ ‘ޞަޙީޙް’ ގައި ޢިމްރާން ބިން ޙިއްޠާންގެ ކިބައިން ރިވާކުރައްވާފައިވާ ހަދީޘެވެ. އައިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވި ގޮތުގައި: ‘ރަސޫލާ ﷺ ގެ ގެކޮޅުގައި ޞަލީބުގެ ކުރެހުން ހުންނަ އެއްވެސް އެއްޗެއް ފެނިވަޑައިގެންފިނަމަ، އެ ބަދަލުކުރައްވައި (އޭގެ ސިފަ ގެއްލުވައި) މެނުވީ ދޫނުކުރައްވައެވެ.'” “فتاوى اللجنة الدائمة” (24/19) .

މާތްﷲ ފިޔަވައި އަޅުކަންކުރެވޭ ބާތިލު އިލާހެއްގެ ސޫރަ ނުވަތަ ނިޝާނެއް، މުސްލިމަކު އޭނާގެ ހެދުމުގައި ބޭނުންކުރުމަށް ރުހޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟ އެއީ އުނި އިތުރު ގެނެސްފައިވާ ދީނަކާއި، ބާތިލު އަގީދާއެއް ރަމްޒުކޮށްދޭ އެއްޗެކެވެ. އެކަމުގެ ބާތިލުކަން ކީރިތި ގުރުއާނުގައި މާތްﷲ ވަނީ ކަނޑައަޅުއްވާފައެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَكِنْ شُبِّهَ لَهُمْ النساء/157 .މާނައީ: އެއުރެން އެކަލޭގެފާނު ގަތުލެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު ސޮލީބަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން ގަތުލުކޮށް ސޮލީބަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ.

އިސްލާމްދީނުގައި އެހެން ދީންތަކުގެ ދީނީ ކަންކަމާއި، އެބައިމީހުންނަށް ޚާއްޞަ ދީނީ ރަމްޒުތަކުގައި އެބައިމީހުންނާ އެއްގޮތްވުން ވަނީ ކަނޑައެޅިގެން ޙަރާމްކުރައްވާފައެވެ. އަދި ޝަހާދަތުގެ ކަލިމައިގެ ފުރަތަމަ ބައިކަމުގައި ވަނީ އެފަދަ ހުރިހާ އެއްޗަކާއި ކަމެއް ނަފީކުރުމާއި އެފަދަ ހުރިހާ އެއްޗަކާއި ކަމަކުން ދުރުހެލިވުމެވެ. އެއީ އަލްބަރާ ނުވަތަ ބަރީއަވުމުގެ ޤަވާޢިދުގެ ދަށުންނެވެ.

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

“مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ” رواه أبو داود  (اللباس/3512) قال الألباني رحمه الله في “صحيح أبي داود”: “حسن صحيح” برقم (3401).“ބަޔަކު މީހުންނާ އެއްގޮތްވެގަތް މީހާ ވަނީ އެބައިމީހުންގެ ތެރެއިންނެވެ.”

ޚުލާޞާއަކީ، މުސްލިމަކު ސަލީބު ޖަހާފައި ހުންނަ ހެދުން ލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެފަދަ ހެދުމެއް އަތުގައި ހުރިނަމަ، އެ ސަލީބު ފޮހެލައިގެން ނުވަތަ އެތަން ނައްތާލައިގެން މެނުވީ ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. ވަﷲ އަޢުލަމު.