ލޮލުގެ ސާޖަރީއަށްފަހު ވުޟޫކުރާނީ ކިހިނެއްތޯ؟

ސުވާލު: ލޯސާޖަރީ ހެދީމާ މޫނުގައި ފެން ޖެއްސުން މަނާ އަދި ހިރަފުހާ ކައިރިވުން މަނާ ޛެން ވުޟޫ ކުރަން ހަދާނީ ކިހިނެއްތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

ޝައިޚް އިބްނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޠަހާރަތުގެ ގުނަވަނެއްގައި ޒަޚަމެއް ހުރެއްޖެނަމަ، އެއާމެދު ކަންތައް ކުރަންޖެހޭ ގޮތުގެ މަރުޙަލާތަކެއްވެއެވެ.

ފުރަތަމަ މަރުޙަލާ: އެ ޒަޚަމަކީ ހާމައަށް އޮތް، އަދި ފެންޖެހުމުން ނުވަތަ ދޮވުމުން އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާ ތަނެއް ކަމުގައިވާނަމަ، އެގުނަވަނަކީ ދޮންނަންޖެހޭ ގުނަވަނެއްގައިވާ ތަނެއްނަމަ، އެތަން ދޮވުން ވާޖިބުވާނެއެވެ.

ދެވަނަ މަރުޙަލާ: އެ ޒަޚަމަކީ ހާމައަށް އޮތް، ނަމަވެސް އެތަން ދޮވުމުން ގެއްލުންވާ، އަދި ފެން ފުހުމުން (މަސްޙުކުރުމުން) ގެއްލުން ނުވާ ތަނެއް ކަމުގައިވާނަމަ، އެ ހާލަތުގައި އެތަން ދޮވުމުގެ ބަދަލުގައި  ފެންފުހުން  (މަސްޙުކުރުން) ވާޖިބުވާނެއެވެ.

ތިންވަނަ މަރުޙަލާ: އެ ޒަޚަމަކީ ހާމައަށް އޮތް، ނަމަވެސް އެތަން ދޮވުމުންނާއި ފުހުމުން (މަސްޙުކުރުމުން)ވެސް ގެއްލުންވާނެ ތަނެއް ކަމުގައިވާނަމަ، އެ ހާލަތުގައި އެ ގުނަވަނުގެ ބަދަލުގައި ތަޔައްމުމު ކުރަންޖެހޭނެއެވެ.

ހަތަރުވަނަ މަރުޙަލާ: އެ ޒަޚަމަކީ ޕްލާސްޓަރެއް ނުވަތަ އެފަދަ އެއްޗަކުން ބަންދުކޮށްފައިވާ، އަދި އެގޮތަށް ބަންދުކޮށްފައި ބެހެއްޓުން ކޮންމެހެން ބޭނުންތެރި ތަނެއް ކަމުގައިވާނަމަ، އެ ހާލަތުގައި އެ ބަންދުކޮށްފައިވާ ތަނުގެ މަތީގައި ފުހޭނީއެވެ. (މަސްޙުކުރާނީއެވެ.) އެއިރުން އެ ގުނަވަން ދޮވުމުގެ ބަދަލުގައި އެކަން ފުދޭނެއެވެ. އަދި އެކަމަށްޓަކައި ތަޔައްމުމު ކުރާކަށް ނުޖެހޭނެއެވެ.”

(މަޞްދަރު: أركان الإسلام، ص234)

ސުވާލުގައިވާ ޙާލަތާ ގުޅެނީ މަތީގައި ވާ ހަތަރުވަނަ މަރުޙަލާއެވެ. އެހެންކަމުން، ލޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހަކު، އޭނާގެ ލޮލުގައި ބޭސްގަނޑެއް ނުވަތަ އެނޫންވެސް އެއްޗެއް އަޅާފައިވާނަމަ، މޫނުން ފެން ޖެއްސެން ހުރި ތަންތަނުގައި ފެންޖައްސައިގެން ދޮންނަންވާނެއެވެ. އަދި ލޮލުގެ ތެރެއަށް ފެން ނުދާނޭހެން، ބޭސްގަނޑުގެ މަތީގައި ހަމައެކަނި ފުހެލުމުން ފުދޭނެއެވެ. އެކަމުގެ ދަލީލުތަކަކީ؛

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿لا يُكَلِّفُ الله نَفْسًا إلَّا وُسْعَهَا﴾ [البقرة:286]

“އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ވަރަށް މެނުވީ އަހުރެން ތަކުލީފު ނުޖައްސަމެވެ.”

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ التغابن: 16

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ﷲއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.

((وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ)) {رواه البخاري 7288 ومسلم 1337}

މާނައީ: “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރެއްކޮށްފި ނަމަ، ތިޔަބައިމީހުނަށް ކެރިކުޅަދާނަވީ މިންވަރަކުން އެކަންކުރާށެވެ.”

 

ޝަރްޢީ ޤާޢިދާގައިވަނީ މިފަދައިންނެވެ.

«المَيْسُورُ لَا يَسْقُطُ بِالمَعْسُورِ».

“އުނދަގޫ ކަމެއް ކުރިމަތިވުމަކީ، އެކަމަކުން ފަސޭހައިން ކުރެވެން އޮތް މިންވަރު ދޫކޮށްލުމަށް އޮތް އުޒުރެއް ނޫނެވެ.”

ކަމެއް އޭގެ ފުރިހަމަ ގޮތުގައި ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، އެކަމަކުން ކުރެވެން އޮތް މިންވަރެއް ދޫކޮށްލުމެއް ނެތި އަދާކުރުމެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ލުއިފަސޭހަކަމާއި، އިންސާނާއަށް ކުޅަދާނަވީ މިންވަރަކުން ތަކުލީފުތައް އުފުލުމަށް ބާރުއަޅާ މުހިންމު އުޞޫލެކެވެ.

މިސާލަކަށް، މީހެއްގެ ގުނަވަނެއްގައި ޒަޚަމެއް ހުރުމުގެ ސަބަބުން އެ ތަނުގައި ފެން ޖެއްސެން ނެތް ނަމަ، އެ ގުނަވަން ނުދޮވެ، ބާކީ ހުރި ގުނަވަންތައް ދޮވުން ވާޖިބުވާނެއެވެ. އެއް ގުނަވަން ދޮންނަން އުނދަގޫވުމަކީ ނުވަތަ އެގުނަވަނުގައި ފެންޖެއްސުން މަނާވުމަކީ މުޅި ވުޟޫ ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، މިއީ “މުޅި އެތި ނުލިބުނަސް، ލިބުނު މިންވަރެއް ދޫކޮށްނުލުމުގެ”  އުޞޫލެވެ.

ވުޟޫކުރަން ފަށާށެވެ. މޫނާ ހަމައަށް ދިޔުމުން، މޫނުގައި ފެން ޖެއްސުން އެއްވެސް ވަރަކަށް މަނާނަމަ ނުވަތަ މޫނުގައި ފެންޖެއްސޭނެ ގޮތެއް ނެތްނަމަ، އެފަދަ ޙާލަތެއްގައި އެގުނަވަން ދޮވުމުގެ ބަދަލުގައި ތަޔައްމުމު ކުރާނީއެވެ. އޭރުން ބިންމަތިގައި ނުވަތަ ފާރުގައި ނުފަދަ އެފަދަ ތަނެއްގައި ދެއަތްތިލަ ޖައްސާ، ދެއަތްތިލަ މޫނުން ފުހެވެން ހުރި ތަނެއްގައި ފުހެ، ދެއަތުގެ ނުފުށުގައި ކުޑަހުޅާހަމައަށް ފުހޭނީއެވެ. ދެން ވުޟޫގެ ބާކީހުރިބައި ފުރިހަމަކުރާނީއެވެ.

ތަޔައްމުމުކުރުންވެސް މަނާނަމަ، ދެން ވުޟޫގެ ގުނަވަންތަކުން ދޮވެވެން ހުރި މިންވަރެއް ދޮވެ، މަނާކޮށްފައިވާ ގުނަވަން ފެން ނުޖައްސައި ދޫކޮށްލާނީއެވެ.

ޝަރްޢީ ޤާޢިދާގައިވަނީ މިފަދައިންނެވެ.

مُعْظَمَ الشَّيْءِ يَقُومُ مَقَامَ كُلِّهِ

“ކަމެއްގެ ނުވަތަ އެއްޗެއްގެ ބޮޑުބައި ފުރިހަމަވެފައިވުން، އެ މުޅި ކަން ނުވަތަ އެ އެތި އެކަމުގެ ޖުމްލަ މާނައިގައި ފުރިހަމަވުން ކަމަށް ބެލެވޭނެއެވެ.”

ޚުލާޞާ: ސުވާލުގައިވާ ޙާލަތުގައި ކަންކުރަންޖެހޭނެ ގޮތަކީ، ވުޟޫ ކުރަމުން ގޮސް މޫނު ދޮވުމާ ހަމައަށް ދިޔުމުން، މޫނުން ފެން ޖެއްސެން އޮތް ހިސާބުގައި ފެންޖައްސައި، ލޮލުގައި އަޅާފައިވާ ބޭސްގަނޑުގެ މަތިން ތެތްއަތް ހާކާލާނީއެވެ. ދެން ބާކީ ހުރި ގުނަވަންތައް ދޮންނާނީއެވެ. އޭރުން އިން ޝާ ﷲ ތިޔަފަދަ ޙާލަތުގައި ވުޟޫ ކުރެވޭނެ އެންމެ ފުރިހަމަކޮށް ވުޟޫ ކުރެވުނީއެވެ.

ވަﷲ އަޢުލަމު.