ނަމާދުގައި ފޯނު ބަލައިގެން ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ނަމާދުގައި މުޞްޙަފު ބަލައިގެން ޤުރުއާން ކިޔެވުމުގެ ޙުކުމެވެ. ނަމާދުގައި މުޞްޙަފު ބަލައިގެން ޤުރުއާން ކިޔެވުމަކީ އެކަމުގެ ޙުކުމާމެދު ޢިލްމުވެރިން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެކެވެ. އެގޮތުން
1- ޝާފިޢީންނާއި ޙަންބަލީން އެކަން ހުއްދަކަމަށް ވިދާޅުވެއެވެ.
2- އަބޫ ޙަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހުއްދަކަމެއްނޫނެވެ. އަދި ނަމާދުގައި މުޞްޙަފު ބަލައިގެން ކިޔަވައިފިނަމަ ނަމާދު ބާޠިލުވާނެއެވެ.
މި ދެ ބަސްފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީން ފަތުވާ ދެއްވާފައިވަނީ، ނަމާދުގައި މުޞްޙަފު ބަލައިގެން ޤުރުއާން ކިޔެވިދާނެކަމަށެވެ. އެއީ މިކަމަށް ދަލީލުކުރާ ބައެއް އަޘަރުތައް ފެންނަން ހުރީމައެވެ.
ޞަޙީޙުލް ބުޚާރީގައި އިމާމު ބުޚާރީ ރަޙިމަހުﷲ ގެންނަވާފައިވެއެވެ. “ޢާއިޝާ ރަޟިޔަﷲ ޢަންހާ، އެކަމަނާ މިނިވަންކުރެއްވި އަޅެއް ކަމުގައިވާ ޒަކްވާނު ރަމަޟާންމަހު ރޭ އަޅުކަމުގައި އިމާމުވެ ނަމާދު ކުރުމަށް އެކަމަނާ އަމުރުކުރެއްވިއެވެ. ޒަކްވާނު ކިޔަވާކަމުގައިވީ މުޞްޙަފު ބަލައިގެންނެވެ.” رواه البخاري معلقاً (1/245) .
އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“ހިތުދަސްވެފައި ހުއްޓަސް އަދި ހިތުދަސްނުވިޔަސް، މުޞްޙަފު ބަލައިގެން ނަމާދުގައި ޤުރުއާން ކިޔެވުމުން ނަމާދު ބާޠިލެއް ނުވާނެއެވެ. އަދި ކިޔެއްތަ! ފާތިޙާ ސޫރަތް ހިތުދަސްނުވާނަމަ ބަލައިގެން ނަމަވެސް ފާތިޙާ ސޫރަތް ކިޔުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. ނަމާދުގައި ބައެއްފަހަރު މުޞްޙަފުގެ ގަނޑުތައް އުކި ކަމުގައިވިޔަސް ނަމާދު ބާޠިލެއް ނުވާނެއެވެ. އެއީ އަހަރެމެންގެ (ޝާފިޢީންގެ) މަޛްހަބެވެ. އަދި އިމާމު މާލިކާއި އަބޫ ޔޫސުފާއި މުޙައްމަދު (ބިން އަލްޙަސަން) އަދި އިމާމު އަޙްމަދުގެވެސް މަޛްހަބެވެ.” ” انتهى من “المجموع” (4/27)
ނަމާދުގައި މުޞްޙަފު ބަލައިގެން ކިޔެވުން ހުއްދަނުވާނެކަމަށް، އިމާމު އަބޫ ޙަނީފާ ރަޙިމަހުﷲ ވިދާޅުވާ ސަބަބަކީ، ނަމާދުގައި މުޞްޙަފު އުފުލުމާއި، އެއަށް ބެލުމާއި، އޭގެ ގަނޑުތައް އުކުމަކީ އެކަލޭގެފާނު ވިދާޅުވާގޮތުގައި ގިނަ ޢަމަލުތަކެކެވެ. އެހާ ގިނަ ޢަމަލުތަކެއް ކުރާނަމަ ނަމާދު ބާޠިލުވާނެކަމަށް އެކަލޭގެފާނު ދެކެވަޑައިގަންނަވައެވެ.
ނަމާދުގައި މުޞްޙަފު އުފުލުމާއި، އެއަށް ބެލުމާއި، އޭގެ ގަނޑުތައް އުކުމަކީ ނަމާދު ބާޠިލުވާވަރުގެ ގިނަ ޢަމަލުތަކެއް ކަމުގައި އިޢްތިރާޟްކުރުމަކީ އެއީ ޞައްޙަ އިޢްތިރާޟެއް ނޫނެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކާފަ ދަރިކަނބަލުން އުމާމާ އުރުއްވައިގެން ނަމާދު ކުރެއްވިކަމަށް ޞައްޙަގޮތުގައި ޘާބިތުވެފައިވެއެވެ. (رواه البخاري (494) ومسلم (543) ،) ހަމަގައިމުވެސް ނަމާދުގައި މުޞްޙަފެއް އުފުލުމަކީ ނަމާދުގައި ކުޑަކުއްޖަކު އުފުލުމަށްވުރެ މާ ކުޑަ ކަމެކެވެ.
ފަހެ ރޭ އަޅުކަމުގެ ޙަޤީޤީ މުރާދަކީ ދިގުކޮށް ކިޔެވުމެވެ. އެހެންކަމުން ރޭ އަޅުކަމަށް ޤުރުއާނޭވެސް ކިޔެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭ އަޅުކަން ކުރައްވާ އިރު ދިގުކޮށް ކިޔަވައި ވިދާޅުވެއެވެ. އެހެންކަމުން ކީރިތި ޤުރުއާން ހިތުދަސް ނޫން މީހާ، ދިގުކޮށް ކިޔެވުމަށްޓަކައި މުޞްޙަފު ބަލައިގެން ކިޔެވުމަކީ ހުއްދަކަމެކެވެ. އަދި ހިތުދަސް މީހާވެސް މުޞްޙަފު ބަލައިގެން ކިޔެވުން ހުއްދައެވެ. މި މޭރުމުން ސަޢޫދީ ފަތަވާ ކޮމެޓީއާއި، ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އަދި ޝައިޚް ޢަބްދުﷲ ޖިބްރީން ފަތުވާ ދެއްވާފައިވެއެވެ.
އެހެންކަމުން ދަމުނަމާދު ކުރާމީހާ، ފޯނު ބަލައިގެންވެސް ކީރިތި ޤުރުއާން ކިޔެވިދާނެއެވެ. އަދި ފޯނު ހިފަހައްޓައިގެން ހުރުމަކީ އެއީ ނަމާދު ބާޠިލުވާ ކަމެއް ނޫނެވެ. ދެން އުފެދޭނެ ސުވާލަކީ، ހަށަން ބަންނާނީ ކިހިނެއްތޯއެވެ؟ ޤިޔާމުގައި ހުންނަ މީހާ، ހަށަން ނުބަންކަމުގައިވިޔަސް، ނަމާދުގެ ޞައްޙަ ކަމަކަށް ބަދަލެއް ނާންނާނެއެވެ. އެހެނީ ނަމާދުގައި ވައަތް މަތީ ކަނާއަތް ބޭއްވުމަކީ ނަމާދުގެ ސުންނަތެކެވެ. ކިޔަވާ ނިމުމުން މުޞްޙަފު ނުވަތަ ފޯނު/ ކައިރީގައި ގޮނޑިއެއް ފަދަ އެއްޗެއްގައި ބޭއްވިދާނެއެވެ. ނުވަތަ ޖީބަށްވެސް ލެވިދާނެއެވެ. އަނެއްކާވެސް އަނެއް ރަކްޢަތުގައި ކިޔަވަން ފަށަން ޖެހުމުން ނަގާނީއެވެ.
މިއީ ސުންނަތް ނަމާދުތަކުގައެވެ. ފަރުޟު ނަމާދު ތަކުގައި މުޞްޙަފު ބަލައިގެން ކިޔެވުމަކީ ހުއްދަކަމެއް ނޫނެވެ.
މަރްޖިޢުތައް
فتاوى إسلامية م2 – الشيخ ابن باز رحمه الله
https://islamqa.info/ar/answers/1255
https://islamqa.info/ar/answers/108242
https://islamqa.info/ar/answers/69670