ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު އަހަރެމެންނަށް ރަނގަޅަށް މިކަން ފަހުމުވުމަށްޓަކައި ތިންގޮތެއް މީގައި ވާކަމަށް ބެލުމުން ފަހުމުވުމަށް ފަސޭހަވާނެއެވެ.

1- ހަމައެކަނި ޖަމްޢުކުރުން
މިއީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ.
ހ- އިސްކޮށް ޖަމްޢުކުރުން
ށ- ފަސްކޮށް ޖަމްޢުކުރުން

ނަމާދު ޖަމްޢުކުރުން، ޢުޛުރުވެރިންނަށް ހުއްދަވެގެންވެއެވެ. މިގޮތުން މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ޚިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ޠަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ޙާލަތްތަކުގައި މިސާލަކަށް ވަރަށް ބޯކޮށް ވާރޭ ވެހުން އަދިވެސް ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ޢުޛުރުވެރިވެއްޖެ އެހެން ބައެއް ޙާލަތުގައި ޖަމްޢުކުރުން ހުއްދަވެގެން ވެއެވެ.

މިސާލެއް:
އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.
މެންދުރު ނަމާދު ކުރާ ވަޤުތު މެންދުރު ނަމާއެކު ޢަޞްރު ނަމާދު ޖަމްޢުކޮށްލުން
ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް
ދެން ޤަމަތްދޭނީ، ޤަމަތް ދީފައި ކުރާނީ ޢަޞްރު ނަމާދުގެ ހަތަރު ރަކްޢަތް
މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްޢުކުރުމެވެ. މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢުކޮށެވެ.
ދެން އޮތީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ.
އިޝާނަމާދުގެ ވަޤުތުވުމުން ( މި ޙާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން)
ބަންގި ދީފައި
ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ ތިން ރަކްޢަތެވެ.
ދެން ސަލާމް ދީފައި ޤަމަތްދޭނީއެވެ. ދީފައި ކުރާނީ
ޢިޝާ ނަމާދުގެ ހަތަރު ރަކްޢަތެވެ.
މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްޢުކުރުމެވެ. މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢުކޮށެވެ.

ޖަމްޢުކުރެވޭ ނަމާދު ތަކަކީ
މެންދުރު ނަމާދާއި ޢަޞްރު ނަމާދު (4+4)
މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (3+4)

ނަމާދު ޖަމްޢުކުރާ އިރު އިސްކޮށް ކުރި ނަމަވެސް ފަސްކޮށް ކުރި ނަމަވެސް އަބަދުވެސް ނަމާދު ކުރާނީ ތަރުތީބުންނެވެ. އެގޮތުން މެންދުރު ނަމާދުގެ ވަޤުތުގައި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢު ކުރާނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. އޭގެ ފަހުގައި ޢަޞްރު ނަމާދެވެ. އަދި ހަމަ އެހެންމެ، ޢަޞްރު ނަމާދުގެ ވަޤުތުގައި މެންދުރު ނަމާދު ފަސްކޮށް ޖަމްޢުކުރާ ނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. ދެން ޢަޞްރު ނަމާދެވެ. މަޣްރިބް ނަމާދުގެ ވަޤުތުގައި ޢިޝާ ނަމާދު އިސްކޮށް ޖަމްޢުކުރާނަމަ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދެވެ. ޢިޝާ ނަމާދު ކުރާނީ އޭގެ ފަހުގައެވެ. އަދި ޢިޝާ ނަމާދުގެ ވަޤުތުގައި މަޣްރިބް ނަމާދު ކުރާނަމަ އެންމެ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދެވެ. ޢިޝާ ނަމާދު ކުރާނީ އޭގެ ފަހުންނެވެ.
ދަތުރުވެރިޔަކަށް ނުވާހިނދު، ކުރިން ބަޔާންވެދިޔަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހަމައެކަނި ޖަމްޢުކުރާނީއެވެ. ޖަމްޢާއެކު ޤަޞްރުކުރާނީ ދަތުރުވެރިޔަކަށް ވުމުންނެވެ.

2- ހަމައެކަނި ޤަޞްރުކުރުން
މިއީ ކޮންމެ ނަމާދެއް އެނަމާދެއްގެ ވަޤުތުގައި އެހެން ނަމަވެސް ކުރު ކުރެވޭ ނަމާދުތައް ކުރުކޮށްގެން ކުރުމެވެ.
މެންދުރުނަމާދު އެ ނަމާދުގެ ވަޤުތުގައި 2 ރަކްޢަތްކުރުން
ޢަޞްރުނަމާދު އެ ނަމާދުގެ ވަޤުތުގައި 2 ރަކްޢަތް ކުރުން
ޢިޝާނަމާދު އެ ނަމާދުގެ ވަޤުތުގައި 2 ރަކްޢަތް ކުރުން
މެންދުރު ނަމާދާއި ޢަޞްރުނަމާދު އަދި ޢިޝާނަމާދު ފިޔަވައި އެހެން ނަމާދެއް ޤަޞްރެއް ނުކުރެވޭނެއެވެ. އަދި ޤަޞްރު ކުރެވޭނީ ހަމައެކަނި ދަތުރުވެރީންނަށެވެ.

3- ޤަޞްރު ޖަމްޢުކުރުން
މީގެ މާނައަކީ ނަމާދު ޤަޞްރު ކުރުމާއެކު ޖަމްޢުވެސް ކުރުމެވެ.
ހ- އިސްކޮށް ޤަޞްރު ޖަމްޢުކުރުން
ށ- ފަސްކޮށް ޤަޞްރު ޖަމްޢުކުރުން

* އިސްކޮށް ޤަޞްރު ޖަމްޢުކުރުމުގެ މިސާލު
މެންދުރު ނަމާދުގެ ވަޤުތުގައި، މެންދުރު ނަމާދުގެ ދެ ރަކްޢަތްކޮށް ސަލާމްދީ ޤަމަތް ދިނުމަށްފަހު ޢަޞްރު ނަމާދުގެ ދެރަކްޢަތް ކުރުން
މަޣްރިބް ނަމާދުގެ ވަޤުތުގައި، މަޣްރިބް ނަމާދުގެ ތިން ރަކްޢަތްކޮށް ސަލާމްދީ، ޤަމަތް ދިނުމަށްފަހު ޢިޝާ ނަމާދުގެ ދެ ރަކްޢަތް ކުރުން

* ފަސްކޮށް ޤަޞްރު ޖަމްޢުކުރުމުގެ މިސާލު
ޢަޞްރު ނަމާދުގެ ވަޤުތުގައި، މެންދުރު ނަމާދުގެ ދެ ރަކްޢަތްކޮށް ސަލާމްދީ ޤަމަތް ދިނުމަށްފަހު ޢަޞްރު ނަމާދުގެ ދެރަކްޢަތް ކުރުން
ޢިޝާ ނަމާދުގެ ވަޤުތުގައި، މަޣްރިބް ނަމާދުގެ ތިން ރަކްޢަތްކޮށް ސަލާމްދީ، ޤަމަތް ދިނުމަށްފަހު ޢިޝާ ނަމާދުގެ ދެ ރަކްޢަތް ކުރުން

މުހިއްމު ނުކުތާތައް
ހ- ނަމާދު ހަމައެކަނި ޖަމްޢުކުރުމަކީ ބޮޑު ހާޖަތެއް މެދުވެރިވެގެން ނަމާދު އޭގެ ވަގުތުން ފާއިތުވެދާނެނަމަ، ދަތުރުވެރީން ނޫން މީހުންނަށްވެސް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.
ށ- ނަމާދު ޤަޞްރު ކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.
ނ- ދަތުރުވެރީންނަށް އެންމެ ރަނގަޅު ގޮތަކީ ނަމާދުތައް ޤަޞްރުކޮށް ކުރުމެވެ. އަދި ހާޖަތެއް މެދުވެރިވެއްޖެނަމަ ޤަޞްރު ޖަމްޢުކޮށް ކުރުމެވެ. އެއީ އިސްކޮށް ނުވަތަ ފަސްކޮށެވެ. އަދި ރަށުގައި ޤާއިމުވެހުރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނަމަ، ނަމާދުތައް ފުރިހަމަ ކުރާނީއެވެ. މިސާލަކަށް އެފަދަ އިމާމެއްގެ ފަހަތުގައި ޢިޝާ ނަމާދު ކުރާނަމަ ކުރާނީ 4 ރަކުޢަތެވެ. އަދި ސުންނަތް ގޮތަކީ ދަތުރުވެރިއެއް ނަމަ ރަވާތިބު ސުންނަތްތައް ދޫކޮށްލުމެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްޢަތް ފިޔަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާޟިރުވެ ހުންނެވިއިރުވެސް ދަތުރުވެރިއެއްކަމުގައި ވެވަޑައިގެންނެވި އިރުވެސް ފަތިސްނަމާދުގެ އިހު ސުންނަތް ދުލެއް ނުކުރައްވައެވެ.
ރ- ދަތުރުވެރިޔާއަށް އެންމެ މޮޅުއިތުރު ގޮތަކީ ދަތުރުމަތީގައި ނަމާދު ޤަޞްރު ކުރުމެވެ. އަދި ބައެއް ޢިލްމުވެރިން (އިމާމު އަބޫ ޙަނީފާ އަދި އިބްނު ޙަޒްމު) ވިދާޅުވާގޮތުގައި ދަތުރުމަތީގައި ނަމާދު ޤަޞްރުކުރުމަކީ ވާޖިބެކެވެ. އަނެއްބައި ޢިލްމުވެރިން (އިމާމު އަޙްމަދު އަދި އިބްނު ތައިމިއްޔާ) ވިދާޅުވާގޮތުގައި ދަތުރު މަތީގައި ނަމާދު ޤަޞްރު ނުކޮށް ކުރުމަކީ މަކްރޫހަކަމެކެވެ.
قال أنس بن مالك رضي الله عنه : (خَرَجْنَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ الْمَدِينَةِ إِلَى مَكَّةَ فَكَانَ يُصَلِّي رَكْعَتَيْنِ رَكْعَتَيْنِ حَتَّى رَجَعْنَا إِلَى الْمَدِينَةِ) {رواه البخاري (1081) ومسلم (724} .
އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އަހަރެމެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު މައްކާއަށް ދިޔުމަށްޓަކައި މަދީނާއިން ނުކުތީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަދީނާއަށް އެނބުރި ވަޑައިގެންފުމަށް ދަންދެން ނަމާދު ކުރައްވާ ކަމުގައިވީ، ދެ ރަކްޢަތުން ދެ ރަކްޢަތުން ނެވެ. (މާނައަކީ ހަތަރު ރަކްޢަތުގެ ނަމާދު ތައް ދެ ރަކްޢަތަށް ޤަޞްރު ކުރައްވައިގެންނެވެ.)
وقال ابن عمر رضي الله عنهما : (صَحِبْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَكَانَ لَا يَزِيدُ فِي السَّفَرِ عَلَى رَكْعَتَيْنِ ، وَأَبَا بَكْرٍ وَعُمَرَ وَعُثْمَانَ كَذَلِكَ ، رَضِيَ اللَّهُ عَنْهُمْ) {رواه البخاري (1102) وسلم (689) .}
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “އަހަރެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކުގައި ވީމެވެ. އެކަލޭގެފާނު ދަތުރުގެ މަތީގައި ދެ ރަކްޢަތަށްވުރެ އިތުރުކުރައްވާ ކަމުގައި ނުވެއެވެ. (މާނައަކީ ހަތަރު ރަކްޢަތުގެ ނަމާދު ދެރަކްޢަތަށް ޤަޞްރުކުރެއްވުމެވެ.) އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ރަޟިޔަﷲ ޢަންހުމްވެސް ކަންތައްކުރެއްވީ ހަމަ މިގޮތަށެވެ.”

* ދަތުރުވެރިޔަކު ނަމާދު ޤަޞްރުކުރާއިރު ސީދާ ޤަޞްރުކުރުމަށް ނިޔަތް ނުގަތަސް ރަނގަޅުވާނެއެވެ. އެހެނީ ދަތުރުވެރިޔާގެ އަޞްލަކީ ޤަޞްރު ކުރުމެވެ. މާނައަކީ ދަތުރުވެރިޔަކު މެންދުރު ނަމާދު ކުރުމަށް ނިޔަތް ގަތުމުން އެ ނިޔަތްގަނެވުނީ މެންދުރު ނަމާދު ޤަޞްރު ކުރުމަށެވެ. ޤަޞްރުކުރެވޭ އެހެން ނަމާދު ތަކުގައިވެސް އޮންނާނީ ހަމަ މި އުޞޫލެވެ. ސީދާ ނަމާދަށް ނިޔަތް ގަތުމުން ފުދޭނެއެވެ. (ބައްލަވާ: “مجموع الفتاوى” (22 /81) . އަދި ” الشيخ ابن عثيمين ގެ لقاء الباب المفتوح” (3/42) . އަދި ” الشرح الممتع” (4 / 149). )