އިމާމު މީހާ ނަމާދު ފަށާފަހުން މިސްކިތަށް އާދެވޭ މީހާ، އިމާމު މީހާ ރުކޫޢުގައި ވަނިކޮށް ނުވަތަ ސަޖިދާގައިވަނިކޮށް ނުވަތަ ދެސަޖިދަ ދެމެދު އިންދާ މިފަދަ ޙަރަކާތެއްގައި އިންދާ މިސްކިތަށް އަންނަ މީހާ، އިމާމު މީހާއާ ގުޅެން ނުވަތަ ޖަމާޢަތާ ގުޅެން ހަދަންޖެހޭނީ ކިހިނެއްތޯ، ހަށަން ބަންނަން ޖެހޭނެތޯ މިއީ ވަރަށް ގިނަބަޔަކު ކުރާ ސުވާލެކެވެ.
އެންމެ ފުރަތަމަ ކަމަކަށް، ނަމާދު ފަށާ ފަހުން މިސްކިތަށް އާދެވޭ މީހާއަށްވެސް ސުންނަތް ވެގެންވަނީ މަޑުމައިތިރިކަމާއެކު އަވަސްއަރައި ނުގަނެ މިސްކިތަށް ވަނުމެވެ. ނަމަވެސް ޖަމާޢަތް ފާއިތުވެދާނެ ކަމުގެ ބިރު ހީވާމީހާ، ޖަމާޢަތް ލިބިގަތުމަށްޓަކައި ކުޑަކޮށް އަވަސްވެގަނެވިދާނޭ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
ނަމާދު ފަށާފަހުން މިސްކިތަށް ވަދެ، އިމާމު މީހާއާ ގުޅޭ މީހާ ކަންތައްކުރާނެގޮތް
1- އިމާމު މީހާ ހަށަން ބަނދެގެން ހުއްޓާ އާދެވޭ މީހާ، އެމީހާ ނަމާދަށް ހިތުން ނިޔަތް ގަނެ ތަކްބީރަތުލް އިޙްރާމް (ﷲ އަކްބަރު) ކިޔައި ހަށަން ބަންނާނީއެވެ. އޭރު އިމާމު މީހާ ސޫރަތުލް ފާތިޙާ ކިޔަވަމުން ދާނަމަ، ކިޔަވާ އަޑުއަހާނީއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު އެންމެ ޞައްޙަ ބަސްފުޅުގައި ދުޢާއުލް އިސްތިފްތާޙު ކިޔުމެއް މި ޙާލަތުގައި ނުވެއެވެ. މައުމޫމު މީހާ ދުޢާއުލް އިސްތިފްތާޙް އަދި އަޢޫޛު ބިސްމި ކިޔައި ސޫރަތުލް ފާތިޙާ ކިޔަވަން ފަށާނީ އިމާމު މީހާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމުމުންނެވެ. އަދި ދުޢާއުލް އިސްތިފްތާޙް ކިޔާނެހާ ވަޤުތު ނެތްނަމަ، ހަމައެކަނި ސޫރަތުލް ފާތިޙާއިން ފުއްދާލާނީއެވެ. އެއީ އިމާމު މީހާ ސޫރަތް ކިޔަވަން ފެށުމުގެ ކުރިންނެވެ. އިމާމު މީހާ ފާތިޙާ ސޫރަތަށް ފަހުގައި ކިޔަވާ ޤުރުއާން ކިޔަވައި ނިމެނިކޮށް ނަމާދަށް ވަދެވުނު ނަމަ އެ ޙާލަތުގައި ސޫރަތުލް ފާތިޙާ ކިޔެވުމެއް ނެތެވެ. ސޫރަތުލް ފާތިޙާ ނުކިޔެވުނު ކަމުގައިވިޔަސް އިމާމު މީހާ ރުކޫޢަށް ދިޔުމުން މައުމޫމުވެސް ރުކޫޢަށް ދާނީއެވެ. ރަކްޢަތް ލިބޭނެއެވެ. މި ވާހަކަ ދެއްކުނީ ޖަހުރިއްޔަ (ބާރަށް ކިޔަވާ) ނަމާދުގެ ރަކްޢަތާ ބެހޭގޮތުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ( إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ , فَإِذَا كَبَّرَ فَكَبِّرُوا , وَإِذَا قَرَأَ فَأَنْصِتُوا ) {رواه مسلم (404) والنسائي (921) }. “ތަބާވުމަށް މެނުވީ އިމާމާ ލެއްވިގެން ނުވެއެވެ. ފަހެ އިމާމާ ތަކްބީރު ކިޔައިފިނަމަ ފަހެ ތިޔަބައިމީހުންވެސް ތަކްބީރު ކިޔާށެވެ. އަދި އިމާމާ ޤުރުއާން ކިޔަވައިފިނަމަ ފަހެ ތިޔަބައިމީހުން ކަނުލާ އަޑުއަހާށެވެ”
ސިއްރުން ކިޔަވާ ނަމާދެއްގައި ނަމަ، އިމާމު މީހާ ހަށަން ބަނދެ ހުއްޓާ އާދެވުނު ނަމަ، ނަމާދަށް ނިޔަތް ގަތުމަށްފަހު ދެއަތް، ދެކޮނޑާ ހަމައަށް އުފުލައި ތަކްބީރަތުލް އިޙްރާމް(ﷲ އަކްބަރު) ކިޔައި، ހަށަން ބަންނާނީއެވެ. އަދި ދުޢާއުލް އިސްތިފްތާޙް ކިޔައި، އަޢޫޛު ބިސްމި ކިޔައި ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. އޭގެ ފަހުގައި ޤުރުއާނުން މިންވަރެއް ކިޔަވާނީއެވެ. ސޫރަތުލް ފާތިޙާ އެއްކޮށް ކިޔަވާ ނުނިމެނީސް އިމާމު މީހާ ރުކޫޢަށް ހިނގައްޖެނަމަ، އަދި ފާތިޙާ ސޫރަތް ނިންމުމަށް ބާކީ ކުޑަ ތަންކޮޅެއް ނެތްނަމަ، ފާތިޙާ ސޫރަތް ކިޔެވުން ނުނިންމާ ރުކޫޢަށް ދާނީއެވެ. އެހެނީ އޭނާ އަށް ލިބުނު ވަޤުތުކޮޅަށް ވީ ވަރަށް އޭނާ ވަނީ ފާތިޙާ ސޫރަތް ކިޔަވާފައެވެ. ރުކޫގައި އޮއްވާ އާދެވިއްޖެނަމަ، ރުކޫޢަށް ދިޔުމުން ފާތިޙާ ސޫރަތް މަޢާފުވާ ބީދައިން، ފާތިޙާ ސޫރަތް ކިޔަވާނޭ ވަޤުތު ނެތް ޙާލުގައި ޖަމާޢަތަށް ވަންނަ މީހާއަށްވެސް ފާތިޙާ ސޫރަތް މަޢާފު ވެގެންވެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރައްވާފައި ވާތީއެވެ. ( وَإِذَا رَكَعَ فَارْكَعُوا ) رواه البخاري (378) ومسلم ( 414) . “އަދި އޭނާ (އިމާމު) ރުކޫޢުކޮށްފިނަމަ ފަހެ ތިޔަބައިމީހުންވެސް ރުކޫޢުކުރާށެވެ” މިގޮތަށް ކަންތައް ކުރަން ޖެހެނީ އިމާމު މީހާއާ ޚިލާފު ނުވުމަށެވެ. ( إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ ، فَلاَ تَخْتَلِفُوا عَلَيْهِ ) . البخاري (722) ، ومسلم (414) މާނައީ: ” އޭނާއަށް އިޤުތިދާވެވުމަށްޓަކައި މެނުވީ އިމާމާ ލެއްވިގެންނުވެއެވެ. ފަހެ ތިޔަބައިމީހުން އޭނާ އާ ޚިލާފުނުވާށެވެ.”

2- އިމާމު މީހާ ރުކޫޢުގައި އޮއްވާ އާދެވޭ މީހާ، އެފަދަ މީހާ ކަންކުރަން ޖެހޭނެ ގޮތަކީ ކޮޅަށް ހުރެ ދެއަތް ދެކޮނޑާ ހަމައަށް އުފުލައި ތަކްބީރަތުލް އިޙްރާމް (ﷲ އަކްބަރު) ކިޔާނީއެވެ. ހަށަން ބަންނަން ނުޖެހޭނެއެވެ. އޭގެ ފަހުގައި ﷲ އަކްބަރު ކިޔައި ރުކޫޢަށް ދާނީއެވެ. މިތަނުގައި އެއް ތަކްބީރުން ފުދޭނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެކަމަކު އެންމެ ރައްކާތެރި ގޮތަކީ ދެ ތަކްބީރު ކިޔުމެވެ. ފުރަތަމަ ތަކްބީރަކީ ތަކްބީރަތުލް އިޙްރާމްއެވެ. ދެވަނަ ތަކްބީރަކީ ރުކޫޢަށް ނަޤްލުވުމަށްޓަކައި ކިޔާ ތަކްބީރެވެ. އަދި މިގޮތަށް ޢަމަލުކުރުމަށް ފަހު ރުކޫޢަށް ދާ ޙާލަތުގައި ސޫރަތުލް ފާތިޙާ ނުކިޔެވިޔަސް ނަމާދު ޞައްޙަވާނެއެވެ. އަދި ރުކޫޢުން އިމާމު މީހާ ތެދުވުމުގެ ކުރިން މައުމޫމު މީހާ ރުކޫޢަށް ދިޔަނަމަ އެ ރަކްޢަތްވެސް ލިބޭނެއެވެ. މައުމޫމު މީހާ ރުކޫޢަށް ދެވުނު އިރު އިމާމު މީހާ ރުކޫޢިން ތެދުވެއްޖެ ނަމަ އެ ރަކްޢަތް ލިބުނުކަމަކަށް ނުވާނެއެވެ. އަދި ތަކްބީރަތުލް އިޙްރާމް ނުކިޔައި ރުކޫޢަށް ގޮސްފިނަމަ، ނަމާދު ބާޠިލުވާނެއެވެ.
3- އިމާމު މީހާ ރުކޫޢުން ތެދުވާފަހުން ނަމާދަށް ވަދެވޭ މީހާ، ދެކޮނޑާ ހަމައަށް ދެއަތް އުފުލައި ތަކްބީރަތުލް އިޙްރާމް ކިޔުމަށްފަހު ދެން ކިޔަން ޖެހޭނީ އިޢުތިދާލުގައި ހުރެ ކިޔާ ޛިކްރެވެ. އެއީ ރައްބަނާ ވަލަކަލް ޙަމްދު މި ޛިކްރެވެ. ދުޢާއުލް އިސްތިފްތާޙެއް އަޢޫޛެއް ބިސްމިއެއް ކިޔާކަށް ނުޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ ، فَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا ، فَإِذَا رَكَعَ فَارْكَعُوا ، وَإِذَا رَفَعَ فَارْفَعُوا ، وَإِذَا قَالَ سَمِعَ اللهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا وَلَكَ الْحَمْدُ ، وَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا ، وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا أَجْمَعُونَ ) رواه البخاري (689) ومسلم (411) މާނައީ: ” އޭނާއަށް އިޤުތިދާވެވުމަށްޓަކައި މެނުވީ އިމާމާ ލެއްވިގެންނުވެއެވެ. ފަހެ އޭނާ ކޮޅަށްހުރެ ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން ކޮޅަށްހުރެ ނަމާދުކުރާށެވެ. ފަހެ އޭނާ ރުކޫޢުކުރާ ހިނދު ފަހެ ތިޔަބައިމީހުން ރުކޫޢުކުރާށެވެ. ފަހެ އޭނާ ރުކޫޢިން ތެދުވެއްޖެނަމަ ތިޔަބައިމީހުންވެސް ރުކޫޢިން ތެދުވާށެވެ. އަދި އޭނާ سَمِعَ اللهُ لِمَنْ حَمِدَه ކިޔާ ހިނދު ފަހެ ތިޔަބައިމީހުން رَبَّناَ وَلَكَ الْحَمْدُ ކިޔާށެވެ. ފަހެ އޭނާ ކޮޅަށްހުރެ ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން ކޮޅަށްހުރެ ނަމާދުކުރާށެވެ. އަދި އޭނާ އިށީނދެ އިނދެގެން ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން އެންމެންވެސް އިށީނދެ ތިބެގެން ނަމާދުކުރާށެވެ.”
3- އިމާމު މީހާ ސަޖިދާގައި އޮއްވާ، ޖަމާޢަތާ މައުމޫމުން ގުޅޭއިރު، އިމާމު މީހާ ސަޖިދައިން ތެދުވަންދެން ބައެއް މީހުން މަޑުކުރެއެވެ. އެގޮތަށް މަޑުކުރުމަކީ އެއީ ރަނގަޅުގޮތެއް ނޫނެވެ. ޙަދީޘްގައި އޮންނަނީ ލިބުނު މިންވަރެއް ލިބިގަތުމަށެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ فَمَا أَدْرَكْتُمْ ، فَصَلُّوا ، وَمَا فَاتَكُمْ فَأَتِمُّوا ) . رواه البخاري (600) މާނައީ: “ފަހެ ތިޔަބައިމީހުންނަށް ނަމާދުން ލިބުނު މިންވަރެއް ކުރާށެވެ. އަދި ފާއިތުވި މިންވަރެއް ފަހުން ފުރިހަމަކުރާށެވެ.”
އިމާމު މީހާ ސަޖިދާގައި އޮތް ނަމަ ކަންތައް ކުރަންޖެހޭނެ ގޮތަކީ، ނަމާދަށް ނިޔަތް ގަނެ ދެއަތް ދެކޮނޑާ ހަމައަށް އުފުލައި ތަކްބީރަތުލް އިޙްރާމް (ﷲ އަކްބަރު) ކިޔައި، އަދި އެއްފަހަރު ﷲ އަކްބަރު ކިޔައި ސަޖިދައަށް ދާނީއެވެ. އެންމެ ސަޖިދައެއް ކުރަން އޮތް ފުރުޞަތަކީވެސް ވަރަށް މުހިއްމު ފުރުޞަތެކެވެ. އޭނާގެ ފާފަތައް ފުހެވިގެންދާނީ އެސަޖިދައިން ނޫން ކަމެއްވެސް ނޭނގެއެވެ. އިމާމު މީހާ ސަޖިދާގައި އޮއްވާ ޖަމާޢަތަށް ވަންނައިރު، ބައެއް މީހުން ﷲ އަކްބަރު ކިޔައި ހަށަން ބަނދެ، ދެން ސަޖިދައަށް ދާތަން ފެނެއެވެ. މިއީ ގޯހެކެވެ. ހަށަން ބަންނާކަށް ނުޖެހޭނެއެވެ. ނަމާދުގެ ތެރެއަށް ވަންނަ ތަކްބީރަތުލް އިޙްރާމް ކިޔުމުން ނަމާދުގެ ތެރެއަށް ވަދެވޭނެއެވެ. ހަށަން ބަނދެ ޓަސްލާފައި ސަޖިދައަށް ދާނަމަ، ހަށަން ބަނުމާ ސަޖިދައާ ދެމެދު ހުރި ހުރިހާ ޙަރަކާތެއް ދޫކޮށްލުމަކީ، ނަމާދުގެ ބައެއް ޙަރަކާތްތައް ބޭތަރުތީބު ވާ ކަމެކެވެ.
( إِذَا جِئْتُمْ إِلَى الصَّلاةِ وَنَحْنُ سُجُودٌ فَاسْجُدُوا وَلا تَعُدُّوهَا شَيْئًا وَمَنْ أَدْرَكَ الرَّكْعَةَ فَقَدْ أَدْرَكَ الصَّلاةَ ) {رواه أبو داود (893) وحسنه الألباني في صحيح أبي داود} “އަހުރެމެން ސަޖިދާގައި ވަނިކޮށް ތިޔަބައިމީހުންނަށް ނަމާދަށް އާދެވިއްޖެނަމަ، ފަހެ ތިޔަބައިމީހުންވެސް ސަޖިދައަށްދާށެވެ. އެކަމަކު އެ ރަކްޢަތެއްގެ ގޮތުގައި ނުގުނާށެވެ. ފަހެ ނަމާދުން ރަކްޢަތެއް ލިބިގެންފިމީހަކު، ނަމާދު(ގެ ޖަމާޢަތް) ލިބިގެންފިއެވެ.”
މައުމޫމު ސަޖިދައަށް ދަނިކޮށް އަދި ނުދެވެނީސް އިމާމު މީހާ ތެދުވެއްޖެނަމަ، މައުމޫމު ސަޖިދަނުކޮށް އިމާމު މީހާއަށް ތަބާވާނީއެވެ. އިމާމު މީހާ އިށިއިންނަ ނަމަ އިށިއިންނާނީއެވެ. އިމާމު މީހާ ތެދުވާނަމަ ތެދުވާނީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
ވީމާ، ޚުލާޞާކޮށް ދަންނަވާނަމަ، އިމާމު މީހާ ނަމާދު ފަށާފަހުން ޖަމާޢަތުގެ ނަމާދަށް ވަންނަ މީހާ ޢަމަލު ކުރަންޖެހޭ ގޮތަކީ، ކޮޅަށް ހުރެ ދެއަތް ދެކޮނޑާ ހަމައަށް ނެގުމަށްފަހު ތަކްބީރަތުލް އިޙްރާމް (ﷲ އަކްބަރު) ކިޔާފައި އިމާމާ އެ އިރެއްގައި އޮންނަ ޙަރަކާތަކަށް އިތުރު ތަކްބީރަކާއެކު ނަޤުލުވާނީއެވެ. ދެން އެ ޙަރަކާތެއްގައި ކިޔަންޖެހޭ ޛިކްރު ކިޔާނީއެވެ.

މުހިއްމު ނުކުތާތައް
ހ- ނަމާދު ފަށާފަހުން ޖަމާޢަތާ ގުޅޭ މީހާ، އޭނާ އަށް ޖަމާޢަތް ލިބުނުކަމަށް ވާނީ މަދުވެގެން ރަކްޢަތެއްގެ މިންވަރު ލިބިގެންނެވެ. ރަކްޢަތެއް ލިބޭނީ ރުކޫޢު ލިބިގެންނެވެ.
ށ- ރަކްޢަތް ފާއިތުވާ މީހުން އެ ރަކްޢަތްތައް ކުރުމަށްޓަކައި ތެދުވާނީ އިމާމު މީހާ ދެވަނަ ސަލާމްދީ ނިންމުމުންނެވެ.
ނ- ނަމާދު ފަށާފަހުން ނަމާދަށް ވަންނަ މީހާ، ދުޢާއުލް އިސްތިފްތާޙް ކިޔަން ޖެހޭނެ ތޯ މިއީ އުފެދޭ ސުވާލެކެވެ. ދުޢާއުލް އިސްތިފްތާޙް ކިޔާނީ ނަމާދުގެ ރަކްޢަތެއްގައި އިމާމު މީހާ ހަށަން ބަނދެ ހުރި މަޤާމުގައި ހުރި ނަމައެވެ. އަދި އިމާމު މީހާ ރުކޫޢޫކޮށްފާނެ ކަމަށް ބިރުވެތިނުވާނަމައެވެ. ރުކޫޢޫކޮށްފާނެހެން ހީވާނަމަ ފަށާނީ ސޫރަތުލް ފާތިޙާއިންނެވެ. އެހެނީ ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. ދުޢާއުލް އިސްތިފްތާޙް ކިޔުމަކީ ނަމާދުގެ ސުންނަތެކެވެ.
ރ- ބައެއް މީހުން ނަމާދު ފެށުމުގެ ކުރިން އަޢޫޛު ބިސްމި ކިޔާ ހަދައެވެ. މިއީ ގޯހެކެވެ. ނަމާދު ފަށާނީ ތަކްބީރަތުލް އިޙްރާމް އިންނެވެ. ދެން ކިޔާނީ ދުޢާއުލް އިސްތިފްތާޙް އެވެ. އަޢޫޛު ބިސްމި އަންނާނީ އޭގެ ފަހުގައެވެ. ދެން ސޫރަތުލް ފާތިޙާއެވެ. ތަރުތީބު
1- ތަކްބީރަތުލް އިޙްރާމް
2- ދުޢާއުލް އިސްތިފްތާޙް
3- އަޢޫޛު
4- ބިސްމި
5- ސޫރަތުލް ފާތިޙާ
6- ޤުރުއާނުން މިންވަރެއް

މަރްޖިޢު
أحكام حضور المساجد” ( ص139-141) للشيخ : عبد الله بن صالح الفوزان .
https://islamqa.info/ar/answers/246225
https://islamqa.info/ar/answers/69821
https://islamqa.info/ar/answers/108950
https://islamqa.info/ar/answers/118041
https://islamqa.info/ar/answers/135290
https://islamqa.info/ar/answers/39235
https://islamqa.info/ar/answers/219386
https://islamqa.info/ar/answers/22155
https://islamqa.info/ar/answers/147528
https://islamqa.info/ar/answers/147702
https://islamqa.info/ar/answers/75156