ވުޟޫ ނެތި ޤުރްއާން ކިޔެވުމަކީ ހުއްދަކަމެކެވެ. ބައެއް ޢިލްމުވެރިން އެކަމުގެ މައްޗަށް އިޖްމާޢުވެސް ނަޤްލުކުރައްވާފައިވެއެވެ. ކުޑަ ޙަދަޘްވެރި ވެފައިވާ މީހާ ވުޟޫނެތިވެސް ޤުރްއާން ކިޔެވިދާނެކަމަށް ދަލާލަތުކުރާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ.
عن عَبْدَ اللَّهِ بْنٍ عَبَّاسٍ أَنَّهُ بَاتَ لَيْلَةً عِنْدَ مَيْمُونَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – وَهِيَ خَالَتُهُ – قال : فَاضْطَجَعْتُ فِي عَرْضِ الْوِسَادَةِ وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا فَنَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى إِذَا انْتَصَفَ اللَّيْلُ أَوْ قَبْلَهُ بِقَلِيلٍ أَوْ بَعْدَهُ بِقَلِيلٍ اسْتَيْقَظَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَلَسَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدِهِ ثُمَّ قَرَأَ الْعَشْرَ الْآيَاتِ الْخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ مِنْهَا فَأَحْسَنَ وُضُوءَهُ ثُمَّ قَامَ يُصَلِّي .-رواه البخاري ( 4295 ) ومسلم (763)
އަބްދުﷲ ބުން އައްބާސް ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުން މައިމޫނާގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. -އެއީ އެކަލޭގެފާނު ބޮޑުދައިތައެވެ – “އަހަރެން ބާލީހުގެ ހުރަހަށް އޮތްއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ނުވަތަ ކުޑަވަގުތުކޮޅެއްގެ ފަހާ ޖެހެންދެން ނިދިކުރެއްވިއެވެ. އެއަށްފަހު ރަސޫލުﷲޞައްލަﷲ ޢަލައިހިވަސައްލަމަ ނިދީން ހޭފުޅުލައްވައި ތެދުވެވަޑައިގެން، އިށީނދެވަޑައިގަތުމަށްފަހު ނިދި ފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވެވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. ދެން ތެދުވެވަޑައިގެން (ވުޟޫކުރެއްވުމަށްޓަކައި) ފެންއަޅާފައި އެލުވާފައިވާ ކަންވާރުގެ ކަރިއަށް ވަޑައިގަތެވެ. ދެން އެއަށްފަހު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު ނަމާދަށް ތެދުވެވަޑައިގަތެވެ.”
މި ޙަދީޘްގައި އެކަލޭގެފާނު ނިދީން ތެދުވެވަޑައިގެން (ވުޟޫ ކުރެއްވުމަކާ ނުލައި) ޤުރްއާން ކިޔަވާ ވިދާޅުވިއެވެ. ވުޟޫ ކުރެއްވީ ނަމާދު ކުރެއްވުމަށެވެ.
އިމާމު ބުޚާރީ ރަޙިމަހުﷲ މި ކަމާ ބެހޭގޮތުން ބާބެއް ބަންނަވާފައިވެއެވެ.
ބާބު: ޙަދަޘްވެރިވުމާއި އެހެންކަންކަމަށް ފަހުގައި ޤުރްއާން ކިޔެވުން
އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ވުޟޫނެތި ކީރިތި ޤުރްއާން ކިޔެވިދާނެކަމަށް މި ޙަދީޘުގައިވެއެވެ. އެހެނީ އެކަލޭގެފާނު، އަވަހާރަފުޅު ލައްޕަވާފައިއެވަނީ، އެފަދަ އަވަހާރަފުޅު ލެއްޕެވުމެއްގެ ފުންކަމާމެދު ޚިލާފެއް ނުވާ ފުން ނިންޖަކުންނެވެ. އޭގެ ފަހުގައި ހޭފުޅުލައްވައި ތެދުވެވަޑައިގެން ވުޟޫކުރެއްވުމުގެ ކުރީން ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވިއެވެ. އޭގެ ފަހުގައި ވުޟޫ ކުރައްވާ ނަމާދު ކުރެއްވިއެވެ. (التمهيد لما في الموطأ من المعاني والأسانيد ( 13 / 207 )
އައްނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
ޙަދަޘްވެރިޔާ ކީރިތި ޤުރްއާން ކިޔެވިދާނެކަން މި ޙަދީޘުން އެނގެއެވެ. މިއީ މުސްލިމުން އިޖްމާޢުވެފައިވާ ކަމެކެވެ. – شرح مسلم ( 6 / 46 ) .
ނޯޓް: ފޯނުން ބަލައިގެން ޤުރްއާން ކިޔެވުމަށްޓަކައިވެސް ވުޟޫކުރުން ލާޒިމެއް ނުވާނެއެވެ.
މަރްޖިޢު:
https://islamqa.info/ar/answers/162634