ނަމާދު ޤަޞްރުކުރުން ހުއްދަވާނީ ކިހާދުރުމިނެއްގެ ދަތުރެއްގައިތޯ؟

ދަތުރުވެރިޔާއަށް ނަމާދު ޤަޞްރުކުރުން ހުއްދަވާނީ ކިހާ ދުރުމިނެއްގެ ދަތުރެއްގައިތޯ، މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވާ މައްސަލައެކެވެ. އިޚްތިލާފުވި ސަބަބަކީ މި ދުރުމިނާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އާޔަތެއް އައިސްފައިނެތުމާއި، އެއްވެސް ޙަދީޘެއްގައިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަޞްރުކުރުމަށް ސީދާ ވަކި ދުރުމިނެއް ކަނޑައަޅުއްވާފައިނުވުމެވެ.

ތިރީގައިމިވަނީ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ އިޚްތިލާފު ކުރުކޮށެވެ.

1- ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ޤަޞްރުކުރުމުގެ ދުރުމިނަކީ 48 މޭލެވެ. މިއީ ކިލޯމީޓަރުން ބަލާނަމަ ގާތްގަނޑަކަށް 80 ކިލޯމީޓަރުގެ ދުރުމިނެވެ. މި ބޭކަލުންގެ ދަލީލަކީ އަނަސް ރަޟިޔަﷲ ޢަންހުގެ މި ބަސްފުޅެވެ.
قال أنس بن مالك رضي الله عنه : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا خَرَجَ مَسِيرَةَ ثَلاثَةِ أَمْيَالٍ أَوْ ثَلاثَةِ فَرَاسِخَ صَلَّى رَكْعَتَيْنِ . {رواه مسلم (691}) .
އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިން މޭލަށް ނުވަތަ ތިން ފަރުސަޚުގެ މިންވަރަށް ނުކުމެވަޑައިގަންނަވާ ކަމަށްވާނަމަ އެކަލޭގެފާނު ނަމާދު ޤަޞްރުކުރައްވައެވެ.”
އެހެންނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއަށްވުރެ ކުޑަ ދުރުމިނުގެ ދަތުރުފުޅުތަކުގައިވެސް ޤަޞްރުކުރައްވާފައިވާ ކަމަށް އަޘަރުތަކުން ދަލާލަތުކުރެއެވެ.

2- ދެވަނަ ރައުޔަކީ ޢުރުފުގައި (ޤައުމުގެ އާދަކާދާގައި) ދަތުރެއްކަމަށް، މާނަޔަކީ، ފޮށިތަންމަތި ބަނދެގެން ދަތުރުހަދައިގެން ކަމާކަންފަށާ ދަތުރަށް ފުރައިގެންދާ ފުރައިގެންދިޔުން ކަމަށް، ބަލަންޏާ އެއީ ނަމާދު ޤަޞްރުކުރުން ހުއްދަވާ މިންގަނޑެވެ. ޢުރުފުގައި އެފަދަ ދަތުރެއް ކަމަށް ބަލާ ކޮންމެ ދަތުރެއްގައި ދަތުރުގެ ލުއިފަސޭހަކަމުގައި ހިފުން ހުއްދަވާނެއެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ރައުޔުވެސް މެއެވެ.

އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ.
ޙުއްޖަތްވަނީ ނަމާދު ޤަޞްރު ކުރުމާއި ރޯދަ ދޫކޮށްލުން، މިއީ ހުރިހާ ދަތުރަކަށް ވާ ލުއިފަސޭހަކަމެއް ކަމުގައި ވިދާޅުވާ ބޭކަލުންނާ އެކުގައެވެ. އެކަން ވަކި ވައްތަރެއްގެ ދަތުރަކަށް ޚާއްޞަވެގެން ނުވެއެވެ. މީގައި ޞައްޙަވެގެންވާ ބަސްފުޅަކީ މިއީއެވެ. الفتاوى (24/106)

އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވެސް ބުރަވެލައްވަނީ މި ރައުޔަށެވެ. އަދި ވިދާޅުވެފައިވަނީ މިކަމުގައި އެންމެ ޞައްޙަ ބަސްފުޅަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ބަސްފުޅުކަމުގައެވެ. (ބައްލަވާ: فتاوى أركان الإسلام (ص381))

މި މައްސަލާގައި ރާޖިޙުގޮތަކީ ވަކި ދުރުމިނެއް މިކަމުގައި ނެތުމެވެ.

ވީމާ މިކަމުގައި އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި، ޢުރުފުގައި ދަތުރެއްކަމުގައި ބަލާނަމަ، އެއީ އެއްރަށުން އަނެއްރަށަށް ކުރާ ދަތުރެއްކަމުގައި ވިޔަސް، އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރެއް ކަމުގައިވިޔަސް އެފަދަ ދަތުރުތަކުގައި ނަމާދު ޤަޞްރުކުރުން ހުއްދަވާނެއެވެ.

 

މަރްޖިޢުތައް
https://islamqa.info/ar/answers/105844
https://islamqa.info/ar/answers/38079