ޝައްވާލުމަހުގެ ހަ ރޯދަޔާ އެއް ނިޔަތެއްގައި ބީޟުގެ ދުވަސްތަކުގެ ރޯދަ ހިފިދާނެތޯ؟

މި މައްސަލާގައި އެބަހީ ޝައްވާލު މަހުގެ 6 ރޯދަ ހިފާއިރު، އައްޔާމުލް ބީޟު (ކޮންމެ ހަނދުމަހެއްގައި ހިފުން ސުންނަތްވެގެންވާ 3 ދުވަހުގެ ރޯދަ) އާ އެއްނިޔަތެއްގައި ޝައްވާލުމަހުގެ  6 ދުވަހުގެ ތެރެއިން 3 ދުވަހުގެ ރޯދަ ހިފުމުން އެކަމުގެ ޘަވާބު ލިބޭނެތޯ، ޝައިޚް ބިން ބާޒް ރަޙިމަހުﷲ އާ ސުވާލު ކުރެވުމުން، ﷲ ގެ ފަޟްލުވަންތަކަން ތަނަވަސްވެގެންވާ ކަމަށާއި އަދި އެކަމުގެ ޘަވާބު ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ.

އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “އާއެކެވެ. އޭނާ ޝައްވާލުމަހުގެ ހަ ދުވަހުގެ ރޯދަ ހިފައިފިނަމަ ދެން އޭނާ ބީޟުގެ ދުވަސްތަކުގެ ރޯދަ އަލުން ހިފާކަށް ނުޖެހޭނެއެވެ. އެއީ އޭނާ 13 އަދި 14 އަދި 15 ވަނަ ދުވަހުގައި ޝައްވާލުމަހުގެ 6 ރޯދަ އިގެ ތެރެއިން ހިފިކަމުގައިވިޔަސް ނުވަތަ އެދުވަސްތަކުގެ ކުރިން ނުވަތަ ފަހުން ހިފިކަމުގައި ވިޔަސް މެއެވެ. އެހެނީ އޭނާ ހިމެނެނީ މަހުގައި 3 ރޯދަ ހިފި މީހުންގެ ތެރެއިންނެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ މަހެއްގައިވެސް 3 ދުވަހު ރޯދަ ހިއްޕަވައެވެ. އެކަލޭގެފާނު އެ ރޯދަތައް ހިއްޕަވަނީ މަހުގެ ކުރީކޮޅުގައި ނުވަތަ މަހުގެ މެދުތެރޭގައި ނުވަތަ މަހުގެ ފަހުކޮޅުގައި ކަމެއް ފަރުވާލެއް ނުބަހައްޓަވައެވެ.” އެކަން ހިމެނެނީ މީހަކު މިސްކިތަށްވަދެފައި ރަވާތިބު ސުންނަތް ކުރުމުން އޭނާގެ ކިބައިން މަސްޖިދު ސުންނަތް ކެނޑިގެންދާ ބީދައިންނެވެ.”

ބައެއް މީހުން ހީކުރަނީ ބީޟުގެ ދުވަސްތަކުގެ ރޯދައަކީ އެއީ ހަމައެކަނި 13 އަދި 14 އަދި 15 ގައި ހިފަންޖެހޭ ރޯދަތަކެއް ކަމަށެވެ. ޙަޤީޤަތުގައި އެއީ ކޮންމެ މަހެއްގެ ކޮންމެވެސް ތިން ދުވަހެއްގައި ހިފުން ސުންނަތްވެގެންވާ ރޯދައެކެވެ. އަންނަނިވި ޙަދިޘްގައިވާ ފަދައިންނެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : ( أَوْصَانِي خَلِيلِي بِثَلَاثٍ لا أَدَعُهُنَّ حَتَّى أَمُوتَ : صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلاةِ الضُّحَى ، وَنَوْمٍ عَلَى وِتْرٍ-  رواه البخاري (1124) ومسلم (721

 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަހުރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވެއްޖައުމަށް ދަންދެން އެކަންކަން ދޫނުކުރާ ހުށީމެވެ. އެއީ ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދު ކުރުމާއި ވިތުރިކޮށްގެން ނިދުމެވެ.”

 

 

މަރްޖިޢު

https://islamqa.info/ar/answers/4015